ބްލޮގަރު ޔާމީން ރަޝީދަށް ވަޅިން ހަމަލާދިން ދެމީހުންގެ މައްޗަށް ކުށް ސާބިތުވުމީ ކާމިޔާބެއްގެ ގޮތުގައި ސިފަކޮށް، އިއްޔެ ދައުވާތަކުން ސަލާމަތްވި ހަތަރު މީހުންގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމާމެދު ގޮތެއް ނިންމާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.
މީގެ ފަސް އަހަރު ކުރިން އޭޕްރީލް، 23، 2017 ގައި ވަޅިން ހަމަލާދީ ޔާމީން ރަޝީދު މަރައިލި މައްސަލައިގައި ޖުމްލަ ހަ މީހެއްގެ މައްޗަށް ދައުލަތުން ދައުވާކުރި އެވެ. އޭގެ ތެރެއިން ޔާމީން މެރުމުގެ ކުށް ސާބިތުވީ މ. އަންނާރުމާގޭ، އިސްމާއީލް ހައިޝަމް ރަޝީދު އަދި މ. އިރާސްމިކުގޭ، އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.
އެ މައްސަލައިގައި ހުކުމް ކުރުމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ޔާމީން މެރުމުގައި އަމަލީ ގޮތުން ބައިވެރިވެ، އެންމެ އިސް ދައުރެއް އަދާކޮށްފައި ވަނީ ހައިޝަމް އާއި ޒިހާން ކަމަށެވެ. އެހެންކަމުން އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުވުމަކީ އެ އޮފީހަށް ލިބުނު ކާމިޔާބެއް ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
"އިސްމާއިލް ހައިޝަމް ރަޝީދު އާއި އަހުމަދު ޒިހާންއަކީ ޔާމީން ރަޝީދު މަރާލުމުގެ އަމަލުގައި އަމަލީގޮތުން ބައިވެރިވެ، މިކަމުގައި އެންމެ އިސްދައުރެއް އަދާކުރި ދެ މީހުން. މި ދެމީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅުމަކީ މި މައްސަލައިގައި އިންސާފު ހޯދައިދިނުމަށް ކުރާ މަސައްކަތުގައި ލިބުނު ކާމިޔާބީއެއްގެ ގޮތުގައި މި އޮފީހުން ދެކެން،" އެ ބަޔާނުގައިވެ އެވެ.
ހައިޝަމާއި ޒިހާންގެ އިތުރުން ދައުވާ ލިބުނު މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި ގދ. ގައްދޫ، ސިންދުބާދުގޭ، މުހައްމަދު ދިފްރާންގެ މައްޗަށް ކުރި ދައުވާތައް ސާބިތެއް ނުވި އެވެ. ނަމަވެސް އެމީހުން މައްސަލަ އިސްތިއުފާން ކުރާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

"މައްސަލައިގެ ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓު ލިބުމުން، އެ ރިޕޯޓު ދިރާސާ ކުރުމަށްފަހު، ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މި ހަތަރު މީހުންގެ ބައި އިސްތިއުނާފު ކުރުމާމެދު ފަހު ނިންމުމެއް މި އޮފީހުން ނިންމާނަމެވެ،" ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން، އެފަދަ މައްސަލަތަކުގައި މައްސަލަ ސާބިތު ކުރުމަށް "ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ދެވެން އޮތް އެންމެ ދުރަކަށް" އެ އޮފީހުން ދާނެކަމުގެ ޔަގީންކަން ވެސް ޕީޖީ އޮފީހުން ދިނެވެ.
"އާންމު މަސްލަހަތު މަތީ މިންވަރަކަށް އެކުލެވޭ، މިބާވަތުގެ އަނިޔާވެރި ކުށްތަކުގެ މައްސަލަތައް ވަރަށް ސީރިއަސް މައްސަލަތަކުގެ ގޮތުގައި މި އޮފީހުން ދެކެން. އަދި މިފަދަ މައްސަލަތަކުގައި އިންސާފު ހޯދައިދިނުމަށް ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ދެވެން އޮތް އެންމެ ދުރަކަށް މި އޮފީހުން ދާނަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
ދެ މީހުންގެ މައްޗަށް ޔާމީން މެރުމުގެ ކުށް ސާބިތުވުމަކީ ކާމިޔާބެއް ކަމަށް ޕީޖީ އޮފީހުން ބުނި ނަމަވެސް ނިޔާވި ފަރާތުގެ މަންމަ މަރިޔަމް ޝަފީގާ ރޭ މި ނޫހާ ވާހަކަ ދައްކަމުން ބުނީ ހުކުމާއެކު ފުރިހަމަ އިންސާފެއް ލިބުނު ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
"އަހަންނަކަށް ގަބޫލެއް ނުކުރެވޭ މިކުދިންނަކީ މީ އެކަން ކުރި ކުދިން ކަމަކަށް. އެކުދިން ލައްވާ ބަޔަކު ކުރި ކަމެއް ކަމަށް އަދިވެސް ގަބޫލު ކުރެވެނީ،" އޭނާ ބުންޏެވެ.
ޔާމީން ރަޝީދު މަރައިލީ އޭނާގެ ރަހުމަތްތެރިޔާ އަދި ނޫސްވެރިޔާ ރިލްވާން އަބްދުﷲ ވަގަށް ނަގައި، ގެއްލުވާލާފައިވާ މައްސަލައިގައި އިންސާފު ހޯދުމަށް ވާހަކަ ދައްކަމުން ގެންދަނިކޮށް އޭޕްރީލް 23، 2017 ގަ އެވެ.
ޔާމީން މަރައިލީ، އޭނާ ވަރަށް ލަސްވަންދެން އޮފީހުގައި މަސައްކަތް ކުރުމަށްފަހު ގެއަށް ގޮސް، ލިފްޓުން އަރަން އުޅެނިކޮށް ގޭ ތެރޭގަ އެވެ. ޔާމީންގެ ހަށިގަނޑު ފެނުނީ އެ ގޭގައި ދިރިއުޅެމުންދިޔަ މީހަކަށެވެ. ޔާމީން ރަޝީދު މަރައިލީ، ދުރާލާ ރާވައި، އޭނާއަށް އެކި ދުވަހުގެ މަތިން ފާރަލުމަށްފަހު އެވެ.












