އިންސާނީ ހައްގުތައް ރައްކާތެރިކުުރުމުގައި ދިވެހި ސަރުކާރު ގިނަ ދާއިރާތަކަކުން ފެއިލްވެފައިވާ ކަމަށް، ހައްގުތަކަށް މަސައްކަތްކުރާ ބައިނަލް އަގުވާމީ ޖަމިއްޔާ ހިއުމަން ރައިޓްސް ވޮޗް އިން ބުނެފި އެވެ.
އެމެރިކާގެ ނިއުޔޯކްގައި މަރުކަޒުކޮށްފައިވާ ހިއުމަން ރައިޓްސް ވޮޗް އިން މިއަދު ނެރުނު "އިންސާނީ ހައްގުތަކުގެ އަހަރީ ރިޕޯޓް" ގައި މައިގަނޑު އަށް ދާއިރާއަކުން ރާއްޖެއާ މެދު ކަންބޮޑުވުން ފާޅުކޮށްފައި އެބަ އޮތެވެ. އެއީ އެކައުންޓަބިލިޓީ އާއި ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ދާއިރާ އާއި ތިމާވެށީގެ ދާއިރާ އާއި ހިޔާލުފާޅުކުރުމާއި އެެއްވެ އުޅުމުގެ މިނިވަންކަމުގެ ދާއިރާ އާއި ކޮވިޑް-19 ގެ ބަލިމަޑުކަމާއި ލާއިންސާނީ އަނިޔާ ހުއްޓުވުމާއި އަންހެނުންނާއި އަންހެންކުދިންގެ ހައްގު އަދި ޖެންޑާ އޮރިއެންޓޭޝަންގެ ދާއިރާ އެވެ.
އެކައުންޓަބިލިޓީ ނެތުން
ހިއުމަން ރައިޓްސް ވޮޗްގެ ރިޕޯޓްގައި ސަރުކާރަށް އެެންމެ ބޮޑަށް ފާޑުކިޔާފައިވާ އެއް ކަމަކީ މީހުން މެރުމާއި ގެއްލުވައިލުމުގެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަނަށް އެކަމުގައި މާބޮޑު ކުރިއެރުމެެއް ހޯދިފައި ނުވުމެވެ. މިނިވަން ނޫހުގެ ނޫސްވެެރިޔާ އަހުމަދު ރިލުވާން އަބްދުﷲ ގެއްލުވައިލި މައްސަލައާއި ބްލޮގަރު ޔާމީން ރަަޝީދުގެ މަރުގެ މައްސަލައިގައި ކުރިއެރުމެއް ހޯދިފައި ނުވާތީ އެ ރިޕޯޓްގައި ވަކިން ބޮޑަށް ފާޑުކިޔާފައި ވެ އެވެ.
"ހައްދުފަހަނައަޅާފައިވާ އިސްލާމީ ޓެރަރިސްޓުގެ ފަރާތުން ކުރިމަތިވާ ނުރައްކާތެރިކަމަށް ސަރުކާރުން އެންމެ އެކަށީގެންވާ ގޮތަށް ފިޔަވަޅު އަޅާފައެއް ނުވޭ،" އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
ރިލްވާން އާއި ޔާމީންގެ ދެ މައްސަލައިގައި ތުހުމަތުކުރެވޭ މީހުން ހިމާޔަތްކުރަން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މަސައްކަތްކުރެއްވި ކަމަށް ތުހުމަތުކޮށް، އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ރިޔާސީ ކޮމިޝަނުން ލަފާ ދިން ކަމަށާއި އެހެން ނަމަވެސް އެ ލަފަޔަށް ސަރުކާރުން އަމަލުކޮށްފައި ނުވާ ކަމަށް ބުނެ ހިއުމަން ރައިޓްސް ވޮޗްގެ ރިޕޯޓްގައި ކަންބޮޑުވުން ފާޅުކޮށްފައި ވެ އެވެ.

"ތަހުގީގަށް ހުރަސް އެޅުމާއި ކުށުގެ ތުހުމަތުވާ މީހުން ހިމާޔަތްކުރަން އުޅުކަމުގެ ދައުވާ އަދީބާ ދެކޮޅަށް ކުރަން ކޮމިޝަނުން ލަފާ ދިނެވެ. އެހެން ނަމަވެސް ނޮވެމްބަރުމަހާ ހަމައަށް އައި އިރުވެސް ފުލުހުން އަދީބާ ދެކޮޅަށް ދައުވާއެއް ނުކުރެ އެވެ. ކޮމިޝަނުން ތަހުގީގުކުރި އެހެން މައްސަލަތަކުގައި ދައުވާ ކުރުން ވެސް ފެންނަނީ އިދާރާތަކުން ހުއްޓައިލާފައިވާ މަންޒަރު،" ހިއުން ރައިޓްސް ވޮޗްގެ ރިޕޯޓްގައި ބުންޏެވެ.
ސަރުކާރުގެ އެކައުންޓަބިލިޓީ ނެތް ކަމަށް ތުހުމަތުކުރާ ދެވަނަ ސަބަބެއް ކަމަށް އެރިޕޯޓްގައި ބުނީ އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކުގެ މަސައްކަތް ގޮސްފައިވާ ހިސާބެއް މިދިޔަ އަހަރުގެ އޮކްޓޯބަރާ ހަމައަށް ވެސް ހާމަކޮށްފައި ނުވުމެވެ.
ބިދޭސީ މައްސަކަތްތެރިންގެ ހައްގުތައް
ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ލިބިދިނުމުގައި ސަރުކާރު ފެއިލްވެފައިވާ ކަމަށް އެޗްއާރްޑަބްލިއުގެ ރިޕޯޓްގައި ކޮށްފައިވާ ތުހުމަތު ބިނާކޮށްފައި އޮތީ ހިއުމަން ޓްރެފިކިން ހުއްޓުވަން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާ ކަމަށް އެ ޖަމައާތުން ދެކޭ ދެކުމުގެ މައްޗަށެެވެ. އޭގެ މިސާލެއްގެ ގޮތުގައި ރިޕޯޓްގައި ހިމަނާފައު އޮތީ ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ރިޒާއަށް ކޮށްފައިވާ ހިއުމަން ޓްރެފިކިން ގެ ތުހުމަތެވެެ.
ރިޒާއާއަށް ހިއުމަން ޓްރެފިކިން ގެ ތުހުމަތުކުރީ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ބޮޑުފިނޮޅުގައި އޭނާގެ ކުންފުނިން ހަވާލުވެފައިވާ މަސައްކަތަކަށް ގެންދިޔަ ބިދޭސީންތަކަށް މުސާރަ ނުދިން މައްސަލައެއްގަ އެވެ. އެ މައްސަލަ ފެންމަތިވީ ބިދޭސީން ބޮޑުފިނޮޅުގައި މުޒާހަރާކުރަން ފެށުމުންނެވެ. އެ މުޒާހަރާތައް ހަމަނުޖެހުމަކަށް ބަދަލުވުމުން އެކަން ހަމައަކަށް އަޅަން ފުލުހުން ވެސް ބޮޑުފިނޮޅަށް ދިޔަ އެވެ.
ރިޒާގެ ކުންފުނި ކަމަށްވާ އާރްއައިއެކްސް (ރިޒް ކުންފުނިން) ގެންގުޅުނު ބިދޭސީންނާމެދު އިހާނެތިކޮށް ހިތައި, އެމީހުންގެ އިންސާނީ ހައްގަށް އަރައިގަތް ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ރިޒާގެ މައްޗަށް ދައުލަތުން ވަނީ ދެ ދައުވާއެއް އުފުލާފަ އެވެ. އެއީ, އިންސާނީ ވަގުފާރީގެ ދައުވާގެ އިތުރުން އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ އެވެ.
ތިމާށި ހިމާޔަތްކުރަން ވައުދުވި ނަމަވެސް ކުރަނީ ހަލާކު
ހިއުމަން ރައިޓްްސް ވޮޗްގެ ރިޕޯޓްގައި ބުނީ މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ އޮތްކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބަލައިގަތް ނަމަވެސް، ތިމާވެށި ހިމާޔަތްކުރުމުގެ ގާނޫނުތައް ތަންފީޒުކުރުމުގައި ސަރުކާރި ފެއިލްވެފައިވާ ކަމަށެވެ.
"އަދި ތިމާވެށްޓަށް ގެއްލުންވާ ގޮތަށް، ބިން ހިއްކުމުގެ މަޝްރޫއުތައް ވަނީ ފަށައިފަ. އެއީ ވެރިކަން ކުރާ ޕާޓީ އިދިކޮޅުގައި އޮތް އިރު އެކަމަށް ފާޑުކީ ކަމެއް،" ރިޕޯޓުގައި ބުންޏެވެ.
ގުޅިފަޅުގައި ސަރުކާރުން ހިންގަން އުޅޭ މަޝްރޫއަކީ ތިމާވެށްޓަށް ގެއްލުންވާނެ މަޝްރޫއެއް ކަަމަށް ބުނެ އެކަން ހުއްޓުވަން މަދަނީ ޖަމިއްޔާ އަކުން ކުރި މަސައްކަތް ކުރިކަން އެ ރިޕޯޓްގައި ފާހަގަކޮށްފައި ވެ އެވެ. ތިމާވެށީގެ ދާއިރާއިން ރާއްޖެއަށް ފާޑުކީ އަނެއް ކަމަކީ އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެެޖެންސީ (އީޕީއޭ) އަކީ މިނިވަން މުއައްސަސާއަކަށް ހަދަން ސަރުކާރުން ވެފައިވާ ވައުދު ނުފުއްދުމެވެ.
މީގެ އިތުރުން ވެސް އިންސާނީ ހައްގުތައް ރައްްކާތެރިކުރުމުގެ ގިނަ ދާއިރާތަކަކުން ރާއްޖެ ފެއިލްވެފައިވާ ކަމަށް އެ ރިޕޯޓްގައި ބުންޏެވެ.













