ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާގައި ބައިވެރިވި ކަމަށް ފުލުހުން ތުހުމަތު ކުރާ ހއ. މޮޅަދޫ، ބަހާރުގޭ، އަބްދުﷲ އަލީ މަނިކުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާއިން ދިފާއުވުމަށް ކޯޓުގައި މިއަދު ވާހަކަ ދައްކައިފި އެވެ.
ފުލުހުން ބުނެފައި ވަނީ އަލިމަނިކަކީ ނަޝީދު އަވަހާރަކޮށްލުމަށް މެއި 6، 2021 ގައި މާލޭގައި ބޮން ގޮއްވި މީހާ ފިލުވަން ހަރަކާތްތެރިވި މީހާ ކަމަށެވެ. ފުލުހުން އަލިމަނިކު ހައްޔަރުކޮށްފައި ވަނީ މެއި 18، 2021 ގަ އެވެ. އޭނާގެ މައްޗަށް ކުރާ ދައުވާއަކީ ޓެރަރިސްޓު ޖަމާއަތް އައިސިސްއަށް ތާއީދު ކުރުމުގެ ކުށުގެ ދައުވާ އެވެ.
އެ ދައުވާއަށް މިއަދުގެ އަޑުއެހުމުގައި އޭނާ އިންކާރު ކުރަމުން ބުނީ އައިއެސް ޖަމާއަތުގެ ލީޑަރު މަރާލާފައިވާ ކަމަށާއި މިހާރު އެ ޖަމާއަތް ވުޖޫދުގައި ނެތް ކަމަށެވެ. އަދި ވުޖޫދުގައި ނެތް ޖަމާއަތަކަށް ތާއީދުކުރާނީ ކިހިނެއްތޯ އޭނާ ސުވާލު އުފެއްދި އެވެ.
"އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި 2019 އިގެ ފަހުކޮޅު އައިއެސް ޖަމާއަތުގެ ލީޑަރު މަރާލާފައި ވަނީ. އެއީ އުވި ގޮސްފައިވާ ޖަމާއަތެއްގެ ގޮތުގައި އަޅުގަނޑަށް ހަބަރު ލިބިފައި ވަނީ. އުވި ގޮސްފައިވާ ޖަމާއަތަކަށް އަޅުގަނޑު ކިހިނެއްތޯ ތާއީދު ކުރީ. އެހެންވީމަ އަޅުގަނޑު އިންކާރުކުރަން ދައުލަތުން ކުރާ ދައުވާއަށް،" ވާހަކަ ދައްކަން ލިބުނު ފުރުސަތުގައި އަލިމަަނިކު ބުންޏެވެ.
ދައުވާއިން ދިފާއުވާން ދެން އަލީ މަނިކު ބުނީ އޭނާ ވަކި ޖަމާއަތް ހަދައިގެން ނަމާދުކުރާ ކަމަށް ދައުލަތުން ތުހުމަތު ކުރާއިރު، 2017 ވަނަ އަހަރު މިސްކިތެއްގެ އިމާމުގެ ވަޒީފާ އޭނާ އަދާކޮށްފައިވާ ކަމަށެވެ. އަދި އޭނާއާ ދެކޮޅަށް ހެކި އުފައްދަން މަސައްކަތްކޮށްފައިވާ ކަމަށް ވެސް އަލިމަނިކު ތުހުމަތު ކުރި އެވެ.

"އަޅުގަނޑު މީ 2017 ގައި އިނގޭތޯ ދައުލަތުގެ އިމާމެއްގެ ގޮތުގައި މިސްކިތުގައި މަސައްކަތް ކުރި މީހެއް. ކައިރި ގޭގޭގެ މީހުންނަށް އިނގޭނެ އިގޭތޯ އަޅުގަނޑު ހުކުރަށް ދާ ތަނާއި ނަމާދަށް މިސްކިތަށް އަރާތަނާއި އެއްޗެހި، އަޅުގަނޑު ދަންނަ މީހަކަށް ވެއްޖިއްޔާ،" ވަކި ޖަމާއަތް ހަދައިގެން ނަމާދު ކުރާ ކަމުގެ ތުހުމަތުން ބަރީއަވުމަށް އަލީ މަނިކު ބުންޏެވެ.
"ތަހުގީގު ކުރި ބައެއް މީހުން [އޮފިސަރުން]، ބައެއް މީހުން [ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ހައްޔަރު ކުރެވުނު މީހުން] ކައިރީ އެބަހުރި ބުނެފަ އަޅުގަނޑުގެ މައްޗަށް ބަޔާން ދޭށޭ އޭރުން ދޫކޮށްލާނަމޭ. އެހެންވީމަ ދޮގު ހަދައިގެން ހުށަހަޅާފައިވާ ހެކިތަކެއް ކަމަށް އަޅުގަނޑު ތުހުމަތު ކުރަނީ، [ދައުލަތުން ހުށަހެޅި] ސިއްރު ހެކިތައް،" އަލީ މަނިކު ބުންޏެވެ.
titledesc
މިއަދުގެ އަޑުއެހުމުގައި އަލީ މަނިކު ވަނީ ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރު ކުރި މީހުންނަކީ އޭނާގެ ރަހުމަތްތެރިން ކަމަށް ވެސް ބުނެފަ އެވެ.
އަލީ މަނިކާ ދެކޮޅަށް ހުށަހަޅާފައިވާ ގިނަ ހެކިތަކުގެ ތެރެއިން ފަސް ހެކިވެރިއެއްގެ ވަނަވަރު ސިއްރުކޮށްދިނުމަށް މިއަދު ދައުލަތުން އެދިފަވެ އެވެ. އަދި އޭގެ އިތުރުން އޭނާގެ މައްޗަށް ހުށަހެޅި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި ފޮރިންސިކް ރިޕޯޓުގެ އިންޑެކްސް ސީޑީވެސް ސިއްރު ކޮށްދިނުމަށް ދައުލަތުން އެދުނެވެ.
ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގައި މިހާތަނަށް އެކަކު ވަނީ ޖަލަށްލުމަށް ހުކުމްކޮށްފަ އެވެ. އެއީ އަމަލީ ގޮތުން ބޮން ގޮއްވައިލ އަދުހަމް އަހުމަދު ރަޝީދެވެ. ދައުލަތާއެކު އިއުތިރާފް އެއްބަސްވުމަކަށް ދިޔުމުން އޭނާ ހުކުމް ކުރީ 23 އަހަރަށެވެ.












