މިދުވަސްވަރު ވެރި ރަށް މާލޭގައި ފެތުރެމުންދާ ރޯގާ ޖެހިގެން އަންނަ މީހުން ވެއެތުވެދިޔަ ފަސް ދުވަހުގެ ތެރޭގައި ވަރަށް ބޮޑަށް އިތުރުވެ، އޭޑީކޭ ހޮސްޕިޓަލުން ބަލި މީހުންނަށް ފަރުވާ ދިނުމަށް ވަގުތީ ޓްރަޔޭޖެއް މިއަދު ހުޅުވައިފި އެވެ.
އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ ޓްރަޔޭޖް ހުޅުވީ މި ދުވަސްވަރު ފެތުރެމުންދާ ބޭރަށް ހިންގުމާއި ހޮޑުލެވުމުގެ ބަލީގެ އަލާމާތްތަކާއެކު އަންނަ މީހުން ގިނަވެ، އަވަހަށް ފަރުވާ ދިނުމުގެ ކަންކަން އަވަސް ކުރަން ކަމަށެވެ.
އޭޑީކޭއިން އިއްޔެ އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މިދިޔަ ފަސް ދުވަހުގެ ތެރޭގައި ރޯގާގެ އަލާމާތްތަކާއެކު އެ ހޮސްޕިޓަލަށް ފަރުވާ ހޯދުމަށް 502 މީހުން ވަނީ ގޮސްފަ އެވެ. ބުރާސްފަތި ދުވަހު އެކަނި ވެސް 137 މީހުން ރޯގާގެ އަލާމާތްތަކާއެކު އެ ހޮސްޕިޓަލަށް ދިޔަ އެވެ.
އައްފާލް ވިދާޅުވީ ރޯގާއިން ސަލާމަތްވުމަށް މިދުވަސްވަރު ސާފުތާހިރު ކަމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ.

"މި ދުވަސްވަރު ވަރަށް މުހިންމު ސާފުތާހިރުކަމަށް އިސްކަން ދޭން. ގިނައިން އަތް ދޮވުމަށް ސަމާލުކަން ދޭންވާނެ. އަދި އާންމުކޮށް ވެސް ރޯގާއިން ސަލާމަތްވުމަށް އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް އަޅަންވާނެ،" އައްފާލް ވިދާޅުވި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފައި ވަނީ މިހާރު މި ފެތުރޭ ރޯގާގެ އަލާމާތްތަކަކީ އާދަޔާ ހިލާފަށް ކަރު ހިއްކުމާއި ބޮލަށް އެނބުރުން އެރުމާއި ވަރުދެރަވެ ދިޔާތަކެތި ބޭނުން ނުކުރެވުމާއި ކުޑަކަމުދާ މިންވަރު މަދުވުމާއި ހޮޑުލެވުމާއި ހޮޑާއި ބޮޑުކަމުދާތަކެތީގައި ލޭގެ އަސަރު ހުރުން އަދި އާދަޔާ ހިލާފަށް ބަނޑުގައި ރިއްސުމެވެ.












