ފ. ނިލަންދޫގައި ކުޑަކުދިންތަކެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި އެއް ކުއްޖެއްގެ ބޮލަށް އަނިޔާކޮށް ޒަހަމް ކޮށްލުމުން އިތުރު ފަރުވާއަށް މާލެ ގެނެސް ފަރުވާ ދޭން ފަށައިފި އެވެ.
އުމުރުން 17 އަހަރުގެ ކުދިންތަކެއްގެ ދެމެދުގައި ހިންގި އެ މާރާމާރީ ހިންގާފައި ވަނީ ރޭ ދަންވަރު ވަގުތެއްގަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި އެ މާރާމާރީ ހިންގީ އަންހެން ކުއްޖެއްގެ މައްސަލާގަ އެވެ.
ނިލަންދޫ ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް މުހައްމަދު "އަދަދު"އަށް ވިދާޅުވީ މާލެ ފޮނުވާލި 17 އަހަރުގެ ކުއްޖާގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށެވެ.
"ބޮޑަށް ހުރީ ބޮލަށް އަނިޔާ ލިބިފައި. ހަށިގަނޑުގެ އެހެން ތަންތަނަށްވެސް އަނިޔާ ލިބިފަ ހުރި ކަމަށްވޭ. ނަމަވެސް ހަމަލާ ބޮޑަށް އައިސްފައި ހުރީ ބޮލަށް ކަމަށްވަނީ،" އިބްރާހިމް ވިދާޅުވި އެވެ.
އެގޮތުން ބޮލުގެ ހަތަރު ތަނެއް ފަޅަލައި އަނިޔާ ދީފައިވާ ކަމަށައި އަނިޔާ ދިނުމަށް ބޭނުން ކޮށްފައި ވަނީ ގާ ފަދަ ތަކެތި ކަމަށް މައުލޫމާތު ލިބޭ ކަމަށް ވެސް އިބްރާހިމް ވިދާޅުވި އެވެ.

އެ މާރާމާރީއަކީ ހަތް ކުއްޖަކު ވެގެން ހިންގާފަވާ މާރާމާރީ އެެއް ކަމަށައީ އޭގެ ތެރެއިން އަނިޔާ ދިނީ ހަތަރު ކުއްޖަކު ކަމަށް މައުލޫމާތު ލިބޭ ކަމަށް އިބްރާހިމް ވިދާޅުވި އެވެ. އަދި އަނެއް ތިން ކުދިން މަސައްކަތް ކުރީ ހުއްޓުވަން ކަމަށް އޭނާ ވިދާޅުވި އެވެ.
މިވަގުތު ކުއްޖާގެ ޓެސްޓްތަކެއް ހަދަމުންދާ ކަމަށް ކުއްޖާގެ އާއިލާއިން މައުލޫމާތުދޭ ކަމަށް އޭނާ ވިދާޅުވި އެވެ.













