ހިތުގެ ބަލިތައް ތަހައްމަލް ކުރަމުންދާ މީހުންނަށް އެހީވުމަށްޓަކައި އޭޑީކޭ ހޮސްޕިޓަލުން ކުރިއަށްގެންދިޔަ ޗެރިޓީ ރަންގައި މިދިޔަ 35 ގަޑިއިރު ތެރޭގައި 1066 މީހަކު ދުވެ، ހޯދި ތިން ލައްކައަށް ވުރެ ގިނަ ފައިސާ "ޓައިނީ ހާޓްސް އޮފް މޯލްޑިވްސް" އާ ހަވާލުކޮށްފި އެވެ.
އޭޑީކޭ ހޮސްޕިޓަލަށް 35 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި އެ ދުވުމުގައި ބައިވެރިވާ ކޮންމެ މީހަކު ދުވާ ކިލޯމީޓަރަކަށް 35ރ. އޭޑީކޭއިން ހަދިޔާ ކުރި އެވެ.
އެކުވެނި ދުވާ ޓްރެކްގައި ކުރިއަށް ގެންދިޔަ އެ ޗެރިޓީ ރަން "ދުވާހިތުން" ވަނީ، 35 ގަޑިއިރު މެދުނުކެނޑި ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން އިއްޔެ ހެނދުނު 9:00 ޖަހާއިރު ފެށި އެ ދުވުން ނިންމާލާފައި ވަނީ މިރޭ 8:00 ގަ އެވެ.
ޓައިނީ ހާޓްސްއާ ފައިސާ ހަވާލުކުރުމަށް ދުވުން ނިންމާލުމަށް މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ޖަމިއްޔާގެ ސީއީއޯ އަލީ މުއާޒް ވިދާޅުވީ ޓައިނީ ހާޓްސްގެ ފެށުމަކީ އޭޑީކޭ ކަމަށެވެ.
"އޭރުއްސުރެ އޭޑީކޭ އާއި ޓައިނީ ހާޓްސްއާ އޮތް ގުޅުން މިއަދާ ހަމައަށްވެސް ބަދަލެއް ނުވޭ. އޭޑީކޭ އަބަދުވެސް ކުރިއަރަންވީ މަގު ހޯދައިދޭ. ކްލިނިކަކުން ބޮޑު ހޮސްޕިޓަލަކަށް ބަދަލުވި އިރުވެސް އަޅުގަނޑުމެން ކަހަލަ ކުދި ޖަމިއްޔާ ޖަމާއަތްތަކުގެ މަތިން ހަނދާން ނައްތައެއް ނުލާ. އަޅުގަނޑުމެންވެސް ގޮވައިގެން މަސައްކަތް ކުރީ އެ ދަތުރުގައި،" މުއާޒް ވިދާޅުވި އެވެ.

މީގެ 13 އަހަރު ކުރިން އުފެދިގެން އައި ޓައިނީ ހާޓްސް އުފެދުމުގެ މަގްސަދަކަށްވީ ރާއްޖޭގައި ހިތުގެ ބަލިތަކަށް މުޖުތަމައު ހޭލުންތެރިކުރުވުން ކަމަށް މުއާޒް ވިދާޅުވި އެވެ.
އޭޑީކޭގެ ޗެރަޓީ ރަންގައި 9،708.17 ކިލޯމީޓަރަށް ދުވެފައިވެ އެވެ. އެއީ 35ރ.ގެ މަގުން ބަލާނަމަ 339،785.88 ރުފިޔާ އެވެ.
މުއާޒް ވިދާޅުވީ މިދިޔަ ދެ އަހަރު ދުވަހަކީ ޓައިނީ ހާޓްސްއަށްވެސް ވަރަށް ބުރަ އަހަރެއް ކަމަށެވެ. އެހެން ކަމުން މިއަދު ލިބުނު ފައިސާއަކީ އާ ހިތްވަރަކާއެކު ފެށުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.












