އޮމިކްރޯން ވޭރިއަންޓާ އެކު އުފެދިފައިވާ ކަންބޮޑުވުންތަކާ ގުޅިގެން ގްރެމީ އެވޯޑްސް ދިނުން ފަސްކޮށްފި އެވެ.
މިއަހަރުގެ އެވޯޑް ހަފްލާ މި މަހުގެ 31 ވަނަ ދުވަހު ލޮސް އެންޖެލްސްގެ ކްރިޕްޓޯ ޑޮޓްކޮމް އެރީނާ ނުވަތަ ސްޓޭޕަލްސް ސެންޓަރުގައި ބޭއްވުމުގެ އެންމެ ފަހުގެ ތައްޔާރީތައް އައީ ވަމުންނެވެ. އޮމިކްރޯން ވޭރިއަންޓާ ގުޅިގެން މި ހަފްލާއަށް ދިޔުމާއި މެދު ގިނަ އަދަދެއްގެ ފަންނާނުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
މި އަހަރުގެ އެވޯޑް ހަފްލާ ދެން ބާއްވާނީ އެޕްރީލް ނުވަތަ މެއި މަހުގެ ތެރޭގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. މިއާއެކު ލޮސް އެންޖެލްސްގައި މި ހަފްލާ ބޭއްވުމުގެ ފުރުސަތު ގެއްލޭނެ ކަމަށް ބެލެވެ އެވެ. އެހެންކަމުން މިފަހަރުގެ އެވޯޑް ލާސް ވޭގަސް ގައި ބޭއްވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
ގްރެމީ އެވޯޑްސް ބާއްވާ ރެކޯޑިން އެކަޑެމީ އިން ހާމަކޮށްފައިވާ ގޮތުގައި މިއީ ޝޯގައި ބައިވެރިވާ އަދި ޝޯ ޕްރޮޑިއުސް ކުރުމުގައި ހަރަކާތްތެރިވާ މީހުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ބެލުމަށް ފަހު ނިންމާފައިވާ ނިންމުމެކެވެ. އަދި ވަރަށް އަވަހަށް ގްރެމީ އޮންނާނީ ތާރީހު އިއުލާން ކުރާނެ ކަމަށް ވެސް ރެކޯޑިން އެކަޑެމީ އިން ބުނެފައިވެ އެވެ.
މިއަހަރު ވެސް ގްރެމީ އެވޯޑްސް ހުށަހަޅައި ދޭނީ "ދަ ޑެއިލީ ޝޯ" ގެ ހޯސްޓް ޓްރެވަ ނޯ އެވެ. މިދިޔަ އަހަރުގެ އެވޯޑް ހަފްލާ ވެސް ރެކޯޑިން އެކަޑެމީ އިން ފަސްކުރިއެވެ. އަދި އެ ހަފްލާ ބޭއްވީ ވެސް އާންމު ގޮތެއްގައި ގްރެމީ ބާއްވާ ވަރަށް ވުރެ ކުޑަކޮށެވެ.

ގްރެމީ އެވޯޑްސްއަކީ ވަރަށް ބޮޑު އާމްދަނީ އެއް ރެކޯޑިން އެކަޑެމީ އަށް ޖެނެރޭޓް ކޮށްދޭ ހަފްލާއެއް ކަމަށްވާއިރު މިދިޔަ އަހަރު އެ އެކެޑަމީ އިން ބޭނުންވާ މިންވަރުގެ އާމްދަނީ އެއް ހޯދިފައެއް ނުވެ އެވެ. އެހެންކަމުން މިއަހަރުގެ އެވޯޑް ހަފްލާ ބާއްވާނީ ލައިވް އޯޑިއެންސާއެކު އެވެ.
އެންމެ ގިނަ އެވޯޑަށް މިފަހަރު ނޮމިނޭޓް ވެފައި ވަނީ ޖާޒް ލަވަކިޔުންތެރިޔާ ޖޮން ބަޓިސްޓޭ އެވެ. އޭނާ 11 އެވޯޑަށް ނޮމިނޭޓްވި އިރު ގެބްރިއެލާ ވިލްސަން، ޑޯޖާ ކެޓް އަދި ޖަސްޓިން ބީބާ ވަނީ އަށް ކެޓަގަރީ އަކުން ނޮމިނޭޓް ވެފަ އެވެ. އަދި ބިލީ އެއިލިޝް އާއި އޮލިވިއާ ރޮޑްރިގޯ ވަނީ ހަތް ކެޓަގަރީ އަކުން ނޮމިނޭޓް ވެފަ އެވެ.







