ހިތުގެ ބަލިތައް ތަހައްމަލް ކުރަމުންދާ މީހުންނަށް އެހީވުމަށްޓަކައި އޭޑީކޭ ހޮސްޕިޓަލުން ކުރިއަށްގެންދާ ޗެރިޓީ ރަންގައި މިދިޔަ 24 ގަޑިއިރު ތެރޭގައި 868 މީހަކު ދުވެ، ޖުމްލަ ދެ ލައްކައަށް ވުރެ ގިނަ ފައިސާ ޖެނެރޭޓްކޮށްފި އެވެ.
އެކުވެނި ދުވާ ޓްރެކްގައި ކުރިއަށްދާ މި ޗެރިޓީ ރަން "ދުވާހިތުން" އަކީ، 35 ގަޑިއިރު މެދުނުކެނޑި ކުރިއަށްދިއުމަށް ހަމަޖެހިފައިވާ ދުވުމެކެވެ. އެގޮތުން އިއްޔެ ހެނދުނު 9:00 ޖަހާއިރު ފެށި އެ ދުވުން ނިމޭނީ މިރޭ 8:00 ޖަހާއިރެވެ.
އޭޑީކޭ ހޮސްޕިޓަލަށް 35 އަހަރު ފުރުން ފާހަގަ ކުރުމަށް ބާއްވާ އެ ދުވުމުގައި ބައިވެރިވާ ކޮންމެ މީހަކު ދުވާ ކިލޯމީޓަރަކަށް 35ރ. އޭޑީކޭއިން ހަދިޔާ ކުރާނެ އެވެ. އެ ފައިސާ ދިނުމަށް ހަމަޖެހިފައި ވަނީ "ޓައިނީ ހާޓްސް އޮފް މޯލްޑިވްސް" އަށެވެ.
އޭޑީކޭގެ ޗެރިޓީ ރަން އިފްތިތާހުކުރައްވާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ. އެކަމަނާ ވަނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ހަތަރު ފަހަރެއްގެ މަތިން ދުވެވަޑައިގެން 19 ކިލޯމީޓަރު ހަމަކުރައްވައިފަ އެވެ.
އޭގެ އިތުރުން، އެ ދުވުން ކުރިއަށްދާ ވަގުތުތަކުގައި ހާއްސަ ލަކީ ޑްރޯއެއް ކޮންމެ ފަސް ގަޑިއިރަކުން ނެނގުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ދުވުން ކުރިއަށްދާ 35 ގަޑިއިރު ތެރޭގައި ހަތް ފަރާތަކަށް ލަކީ ޑްރޯގެ ނަސީބު ލިބިގެންދާނެ އެވެ. މިއިން ކޮންމެ ފަރާތަކަށް އޭޑީކޭ ސްޕޯޓްސް ޕެކޭޖެއް ހިލޭ ލިބޭނެ އެވެ.

ފާއިތުވި 24 ގަޑީރު ތެރޭ ނެނގި ލަކީ ޑްރޯގެ ނަސީބުވެރި ފަރާތްތައް
- މުހައްމަދު ޒަޔާން ޝަރީފް
- ނާބިތު އިސްމާއިލް
- މުހައްމަދު އިނާޒް
- އިބްރާޙިމް ހަސަން ދީދީ
އޭޑީކޭއިން ބުނީ މި ދުވުމުގައި ބައިވެރިވުމަށްޓަކައި، ކޮންމެ ފަރާތަކުން ރަޖިސްޓްރީ ވާންޖެހޭނެ ކަމަށާއި ރަޖިސްޓްރީ ވުމާއެކު ކޮންމެ ބައިވެރިއަކަށް ވެސް، ދުވާ މީހުން ފާހަގަކުރުމަށްޓަކައި އަތުގަ އަޅާ ބޭންޑެއް ލިބޭނެ ކަމަށެވެ. އަދި ދުވެ ނިމުމާއެކު ކޮންމެ ބައިވެރިއަކު ވެސް ދުވި ވަރު ޔަގީން ކުރުމަށްޓަކައި ކައުންޓަރަށް އައިސް ބެލުމުގެ އިންތިޒާމް ވެސް ހަމަޖެހިފައިވެ އެވެ.
އެ ދުވުމުގައި ބައިވެރިވާ ކޮންމެ ފަރާތަކުން ވެސް މަދުވެގެން އެއް ކިލޯމީޓަރު ދުވަން ޖެހެ އެވެ. އެއީ އެކުވެނި ޓްރެކް ވަށާ ތިން ބުރެވެ.












