އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކުރި ގޮތާމެދު ކަންބޮޑުވުން ފާޅުކޮށް، މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވާ ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ތުހުމަތުކޮށްފި އެވެ.
ޑިމޮކްރަސީ އަދި ހެޔޮވެރިކަމަށް ވަކާލާތު ކުރާ މަދަނީ ޖަމިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އޭސީސީގެ މެމްބަރުން ވަކި ކުރުމަށް މަޖިލިހުން ނިންމީ މިދިޔަ ފަސް އަހަރުން އެ ކޮމިޝަނުން ކުރި މަސައްކަތަށް ބެލުމަށްފަހު ކަމަށެވެ. ނަމަވެސް, މިހާރުގެ މެމްބަރުން މަގާމުގައި ތިބީ މިދިޔަ 10 މަސް ދުވަަސް އެކަނި ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ޓްރާންސްޕޭރަންސީން ބުނެފައިވަނީ އޭސީސީގެ މެމްބަރުން ވަކި ކުރުމަށް މަޖިލިހުން މަސައްކަތްކޮށްފައި ވަނީ އޮޑިޓު ރިޕޯޓުން ފާހަގަ ކުރި މައްސަލަތައް ހައްލު ކުރުމަށް ފުރުސަތު ނުދީ އަދި "އެ މައްސަލަތައް ހައްލު ކުރުމަށް ބޭނުންވާ އެއްބާރުލުމާއި ބަޖެޓް އަދި ވަސީލަތްތައް ފޯރުކޮށްނުދީ" ކަމަށެވެ.
އޭސީސީގެ މެމްބަރުން ވަކި ކުރުމަށް ނިންމާފައި އޮއްވާ އެ ކޮމިޝަނުގައި ތިއްބެވި ތިން މެމްބަރުން ވަނީ އިއްޔެ އިސްތިއުފާ ދެއްވައިފަ އެވެ. އެއީ އެ ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބު ރައީސް ފާތިމަތު އަނޫލާ އާއި މެމްބަރު އައިޝަތު އަބްދުﷲ އެވެ.
މެމްބަރުން އިސްތިއުފާ ދެއްވީ ވަކި ކުރުމުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ލިޔުމުން ޖަވާބު ދެއްވުމަށްފަހު އެވެ.

އޭގެ އިތުރުން އެ ބަޔާނުގައި ތުހުމަތުކޮށްފައި ވަނީ މިނިވަން މުއައްސަސާތަކުގެ މަސައްކަތަށް މަޖިލީހުން ސީދާ ގޮތުން ނުފޫޒު ފޯރުވަން މަސައްކަތްކޮށްފައިވާ ކަމަށެވެ.
"[މި ޖަމިއްޔާގެ ކަންބޮޑުވުމަކީ] މިނިވަން މުއައްސަސާތުގައި ތިބޭ މެމްބަރުންނަށް ސިޔާސީ މަގާމުތަކުގައި ތިބޭ ފަރާތްތަކާއި މަޖިލިސް މެމްބަރުންގެ ފިއްތުންތައް ކުރިމަތި ކުރުވައި މިނިވަން މުއައްސަސާތަކުގެ ހިންގުމާއި މަސައްކަތަށް ސީދާ ގޮތުން ނުފޫޒު ފޯރުވައި، ކޮމިޝަންތަކުގެ މިނިވަންކަމާއި މުސްތަގިއްލުކަން ގެއްލުވާލަން މަސައްކަތްކޮށްފައިވުން،" އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ޓްރާންސްޕޭރަންސީން ގޮވާލީ މިނިވަން މުއައްސަސާތަކުގެ މެމްބަރުންނަކީ ނުފޫޒުތަކުން އެއްކިބާވެފައިވާ ބައެއް ކަމުގައި ހެދުމަށް ގޮވާލައިފަ އެވެ.













