އޭސީސީގެ ތިން މެމްބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިއްޔެ ނިންމާފައި ވަނިކޮށް އެ ތިން މެމްބަރުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
މިއަދު އިސްތިއުފާދެއްވީ ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބު ރައީސް ފާތިމަތު އަނޫލާ އާއި މެމްބަރު އައިޝަތު އަބްދުﷲ އެވެ. ފަސް މެމްބަރުން ތިއްބަވާ އެެ ކޮމިޝަނުގެ ދެ މެމްބަރަކު ކުރިން އިސްތިއުފާދެއްވާފައި ވާތީ މިއަދު އަނެއް ތިން މެމްބަރުން އިސްއިތުފާ ދެއްވުމާއެކު ކޮމިޝަން ވަނީ ހުސްވެފަ އެވެ.
އޭސީސީގެ ތިން މެމްބަރުން ވަކިކުރަން ތަޅުމަށް ހުށަހަޅަން އިއްޔެ ފާސްކުރީ ކޮމިޓީގެ އަދި މަޖިލީހުގެ ވެސް މެޖޯރިޓީ އޮންނަ އެމްޑީޕީގެ ފަސް މެމްބަރުންގެ ވޯޓުންނެވެ. ވިލިމާލެ ދާއިރާގެ އެމްއެންޕީ މެމްބަރު އަހުމަދު އުޝާމާއި އިސްދޫ ދާއިރާގެ ޖޭޕީ މެމްބަރު އަލީ ހަމީދު އެކަމަށް ތާއީދެއް ނުކުރައްވަ އެވެ.
އެ މެމްބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފުރަތަމަ ނިންމީ އޮޑިޓާ ޖެނެރަލްގެ އޮފީހުން ކުރި ޕާފޯމެންސް އޮޑިޓެއްގެ ހޯދުންތަކަށް ބިނާކޮށްގެންނެވެ. އެ އޮޑިޓް ހަދަން މަޖިލީހުން އޮޑިޓާ ޖެނެރަލްގެ އޮފީހާ ހަވާލުކުރީ އެކި މިދިޔަ ދެ އަހަރު ތެރޭގައި އޭސީސީއާ އެކު ގިނަ ބައްދަލުވުންތަކެއް ބާއްވައި، އެކި އެކި މައްސަލަތައް ނިންމަން އޭސީސީން ކޮމިޓީއަށް ދިން މުހުލަތުތައް ފަހަނަ އަޅައި ދިޔަ ފަހުންނެވެ.
އޮޑިޓް ރިޕޯޓްގައިވާ ގިނަ ހޯދުންތަކަށް ރައްދުދީ އިއްޔެ އޭސީސީން ނެރުނު ބަޔާނުގައި ބުނީ ކޮމިޝަނުގެ މަސައްކަތްތައް އިސްލާހުކުރަން ލަފާދީފައިވާ ގިނަ ކަންތައްތަކަކީ މިހާރު ވެސް އެކި މަރުހަލާގައި ހިންގަމުން އަންނަ މަސައްކަތްތައް ނުވަތަ ނިމިފައިވާ މަސައްކަތްތައް ކަމަށެވެ.

"...ކޮމިޝަނުން ކުރަމުންދާ ނުވަތަ އިސްލާހުކޮށްފައިވާ މަސައްކަތްތަކެއް އަލުން އިސްލާހުކުރަން ލަފާ ދީފައިވަނީ ކޮން އަސާސެއްގެ މައްޗަށް ބިނާކޮށްފައިކަން، ރިޕޯޓުގައި ސާފެއް ނުވެ އެވެ،" އޭސީސީގެ ބަޔާނުގައި ބުންޏެވެ.
އޭސީސީގެ މެމްބަރުން ވަކިކުރަން މަޖިލީހަށް ހުށަހަޅީ އެކޮމިޝަން ވެސް ހިމެނޭ ގޮތުން މިނިވަން މުއައްސަސާތަކުގެ ކަންތައްތައް ބަލަން މަޖިލީހުގައި އޮންނަ ކޮމިޓީން ކަމަށް ވިޔަސް، ބަޔާނުގައި ތުހުމަތުކޮށްފައިވާ ގޮތުގައި ކޮމިޝަނަށް ފާޑުކިޔަނީ އެތަނުން ބަލާ މައްސަލަތަކުގައި މަސްލަހަތު އޮތް ފަރާތްތަކަކުންނެވެ.
"...އެފަދަ މީހުންގެ ސިޔާސީ މަސައްކަތްތައް ވަކި ޓާގެޓްތަކެއް ކަނޑައަޅައި ކޮމިޝަނާ ދެކޮޅަށް އަމާޒުކުރެ އެވެ. އަދި ނިޒާމުގެ އެތެރެއިންނާއި ބޭރުން އެކި ސިފަސިފައިގައި ކޮމިޝަނުގެ މަސައްކަތްތައް ފެއިލްކޮށްލުމަށް މަސައްކަތްކުރިތަން ފެނިގެންދިޔަ އެވެ. ނަތީޖާއަކަށް ވެގެންދިޔައީ މި ކޮމިޝަނުގެ ދައުރުގައި ވޭތުވެމިދިޔަ ދެ އަހަރު ތެރޭގައި ކޮމިޝަނުގެ މެމްބަރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ތަކުރާރުކޮށް މަސައްކަތް ކުރުމެވެ،" އޭސީސީގެ ބަޔާނުގައި ބުންޏެވެ.
އޭސީސީން މިފަދަ ބަޔާނެއް އާއްމުކުރީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ޖަވާބުދާރީ ވާން ދިން ފަސް ދުވަހުގެ މުހުލަތު ހަމަވުމުން، އެކޮމިޓީއަށް ލިއުމުން ޖަވާބު ދިނުމަށް ފަހުގަ އެވެ. އެ ޖަވާބުތަކަށް ފަހުގައި ވެސް ކޮމިޓީން މިއަދު ފާސްކުރީ އޭސީސީގައި މިހާރު ތިއްބެވި ތިން މެމްބަރުން ވަކިކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށެވެ.













