ހިޔާ ފްލެޓްތަކުގެ ތެރެއިން މިހާރު މީހުންނަށް ދޫކޮށްފައިވާ ތަންތަނުގެ ކުލިދައްކަން ފެށުން، އިތުރު ތިން މަސްދުވަހަށް ފަސްކުރަން ސަރުކާރުން ނިންމި ނިންމުމަކީ މާލީ ގޮތުން ތަހައްމަލުކުރެވޭ ވަރުގެ ކަމެއް ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.
މިހާތަނަށް ދޫކޮށްފައިވާ ފްލެޓްތަކުގެ ކުލިދެއްކުން ފަސްކުރަން ސަރުކާރުން ނިންމިކަން ރައީސް އިބްރާހީމް މުހައްމަދު ސޯލި ރޭ އިއުލާނުކުރެއްވުމާ އެކު، ސޯޝަލް މީޑިއާގައި ބައެއް މީހުން ދަނީ އެކަމަށް ފާޑުކިޔަމުންނެވެ. ފާޑުކީ ބައެއް މީހުން ބުނީ އެ ނިންމުމުގެ ސަބަބުން ތިން މަސްދުވަހުގެ ތެރޭގައި ދައުލަތަށް 171 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ގެއްލޭނެ ކަމަށެވެ.
ހުޅުމާލެ ތަރައްގީކޮށް ބެލެހެއްޓުމުގެ ޒިންމާ އޮންނަ އެޗްޑީސީއަށް އެއީ ކިހާވަރެއްގެ ކަމެއްތޯ "އަދަދު"ން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މެނޭޖިން ޑިރެކްޓަރު ސުހަލް އަހުމަދު ވިދާޅުވީ ސަރުކާރުން އެގޮތަށް ނިންމާފައި އެވަނީ އެއީ އެޗްޑީސީއަށް "ބެއާ ކުރެވޭނެ" ކަމަކަށް ވާތީ ކަމަށެވެ.
"ގިނަ ފްލެޓްތަކުގެ [ފިނިޝިން] މަސައްކަތްތައް އަދިވެސް ނުނިމޭ. މީހުންނަށް ދަތި ނުވާނެ ގޮތެއް ހަމަޖައްސަން އަޅުގަނޑުމެން އެންމެ ކުރިން ފެށިގެން ވެސް މަސައްކަތްކުރީ،" އޭނާ ވިދާޅުވި އެވެ.
ސުހައިލް ވިދާޅުވި ގޮތުގައި ކުލިދެއްކުން ފަސްކޮށް ނުދިން ނަމަވެސް، ބައެއް ފްލެޓްތަކުން ކުލި ލިބުން ލަސްވުމަކީ ވެސް އެޗްޑީސީން ލަފާކުރާ ކަމެކެވެ. އެއީ މީގެ ކުރިން ދޫކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ވެސް ގާތްގަނޑަކަށް 25 ޕަސެންޓް ތަންތަނުގެ ކުލި ގަވައިދުން ލިބެމުން ނުދާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިޔާފްލެޓްތަކުގެ ކުލިދެއްކުން ފަސްކުރުމުން "ގެއްލޭ ފައިސާގެ ވާހަކަ" ސޯޝަލް މީޑިއާގައި ދެއްކުމުން ބައެއް މީހުން އެކަމާ ނުރުހުން ވެސް ފާޅުކުރި އެވެ. އެމީހުން ބުނީ ސިޔާސީ އެކި ފަރާތްތަކަށް ކުރާ ހަރަދާ ބަލާއިރު، ރައްޔިތުންނަށް އެވަރުގެ ލުޔެއް ދިނުމަކީ މައްސަލައެއް ނޫން ކަމަށެވެ.
ހިޔާ ފްލެޓުތަކަށް ފައިސާ ދައްކާ ހަލާސްކުރުމަށް ހަމަޖެހިފައިވަނީ 25 އަހަރުގެ މުއްދަތަށް ބަހާލައިގެން، އިންސްޓޯލްމަންޓު އުސޫލުން މަހަކު 7،500ރ ދައްކާ ގޮތަށެވެ. އަދި ފްލެޓުގެ މެނޭޖްމެންޓު ފީގެ ގޮތުގައި ކޮންމެ މަހަކު 1,000ރ. ނަގާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އެހެންކަމުން، މިހާރު ސަރުކާރުން ކަނޑައަޅާފައިވާ ގޮތުން، ހިޔާ ފްލެޓަކަށް މަހަކު 8،500ރ. ދައްކަން ޖެހެ އެވެ.











