އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރުން މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން ވަކި ކުރުމަށް ނިންމާފައިވާ މައްސަލައިގައި އެ ކޮމިޝަނުގެ މެމްބަރުން މިއަދު ލިޔުމުން ޖަވާބުދާރީވެއްޖެ އެވެ.
މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވިދާޅުވީ އޭސީސީގެ މެމްބަރުން ޖަވާބުދާރީވުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ދިން ފަސް ދުވަހުގެ މުއްދަތު މިއަދު 10:00 ޖެހިއިރު ހަމަވުމުގެ ކުޑައިރުކޮޅެއް ކުރިން މެމްބަރުން ޖަވާބު ފޮނުވާފައިވާ ކަމަށެވެ.
އޭސީސީގައި މިވަގުތު ތިއްބެވީ އެ ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބު ރައީސް ފާތިމަތު އަނޫލާ އާއި މެމްބަރު އައިޝަތު އަބްދުﷲ އެވެ. އެ ތިން މެމްބަރުން ވެސް ޖަވާބު ދެއްވީ ވަކިވަކިންނެވެ.
އޭސީސީ މެމްބަރުން ވަކި ކުރުމުގެ މަރުހަލާގައި ދެން އޮންނާނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީ އަލުން އެއްވުމަށްފަހު ގޮތެއް ނިންމުމެވެ. އެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި އޮތީ މިއަދު ހަވީރު 4:30 ގަ އެވެ.

އޭސީސީގެ މެމްބަރުން މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމީ އެ ކޮމިޝަނުގެ މިދިޔަ ފަސް އަހަރުގެ އޮޑިޓެއް ހެދުމަށްފަހު، އެ މެމްބަރުން އެކަށީގެންވާ މިންވަރަށް މަސައްކަތް ނުކުރާ ކަމަށް ބުނެ އެވެ.
އޮޑިޓް އޮފީހުން މިއަދު އާންމު ކުރި އޭސީސީގެ މަސައްކަތުގެ އޮޑިޓް ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައި ވަނީ މައްސަލަތައް ދިގުލައިގެން ދިޔުމުގެ މައްސަލަ އެވެ. އަދި މައްސަލަތައް ތަހުގީގު ކުރާ އޮފިސަރުން އެކަށީގެންވާ އަދަދަކަށް ނެތްކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
"އެކެއް ޖަނަވަރީ 2015 އިން 31 ޖުލައި 2020 އަށް ކޮމިޝަނުގައި ރަޖިސްޓަރީކޮށްފައިވާ 7113 ޝަކުވާގެ ތެރެއިން 5476 މައްސަލަ ނުވަތަ 77 ޕަސެންޓު އެ ތާރީހުގެ ނިޔަލަށް ތަހުގީގުކޮށް ނިންމާފައިވާއިރު ދައުވާ ކުރެވޭ މިންވަރަށް ތަހުގީގު ފުރިހަމަ ކުރެވި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ ރަޖިސްޓަރީކުރެވުނު މައްސަލަތަކުގެ ތެރެއިން އެއް ޕަސެންޓުކަން ފާހަގަކުރެވުން،" އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
ކޮމިޝަނުގެ މެމްބަރުން ވަކި ކުރުމަށް މަޖިލީހުގެ ކޮމެޓީން ނިންމި ފަހުން މެމްބަރު އިބްރާހިމް ޝަކީލް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.












