އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރުން މަގާމުން ވަކި ކުރުމަށް ނިންމާފައި އޮއްވާ ވަޒީރުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ ކޮރަޕްޝަންގެ މައްސަލަތަކެއް އާންމު އުސޫލާ ހިލާފަށް ތަހުގީގު ކުރުމަށް މަސައްކަތް ކުރާ ކަމަށް ބުނެ އެ ކޮމިޝަނަށް ސިޓީ ފޮނުވަން މިރޭ ހުށަހެޅުމުން މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި އެކަން ފެއިލްކޮށްލައިފި އެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ މިރޭ ޖަލްސާގައި ހެންވެއިރު ދެކުނު ދާއިރާގެ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރު ހުސެއިން ޝަމީމް ތުހުމަތު ކުރެއްވީ އޭސީސީގައި މިހާރު ތިއްބެވި ތިން މެމްބަރުން އެ ކޮމިޝަނުގެ އުސޫލުތަކާ ހިލާފަށް ވަޒީރުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ މައްސަލަތައް ބަލަމުންދާ ކަމަށެވެ.
"އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ ބަންދުގައި ތިބި ބަޔަކު ގެނެސްގެން ... ބަންދުގައި ތިބި ބައެއް ފަރާތްތައް މެދުވެރިކޮށް ދައުލަތުގެ ވަރަށް ގިނަ ބޭފުޅުންގެ ބަޔާން ނަގައި، އެކަހަލަ ކަންތައްތަކެއް ކުރުމުގެ ކަންތައް ހިންގަމުންދާ ކަމަށް،" ޝަމީމް ވިދާޅުވި އެވެ.
އޭނާ ހުށަހެޅުއްވީ އޭސީސީގެ މެމްބަރުން އުސޫލާ ހިލާފަށް އެއްވެސް ކަމެއް ނުކުރުމަށް އަންގައި ކޮމެޓީގެ ސިޓީއެއް ކޮމިޝަނަށް ހުށަހެޅުމަށެވެ. ނަމަވެސް ވަޑައިގެންނެވި ނުވަ މެމްބަރުންގެ ތެރެއިން ހަތަރު ވޯޓު ލިބިގެން އެ ހުށަހެޅުން ފާހެއްނުވި އެވެ.
އޭސީސީގައި މިވަގުތު ތިއްބެވީ އެ ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބު ރައީސް ފާތިމަތު އަނޫލާ އާއި މެމްބަރު އައިޝަތު އަބްދުﷲ އެވެ. ކޮމިޝަނުގެ މެމްބަރުން ވަކި ކުރުމަށް މަޖިލީހުގެ ކޮމެޓީން ނިންމި ފަހުން މެމްބަރު އިބްރާހިމް ޝަކީލް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

ޝަމީމްގެ ހުށަހެޅުމާ ދެކޮޅަށް ވާހަކަ ދައްކަވަމުން އެމްއެންޕީގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ އޭސީސީގެ މައްޗަށް މެމްބަރު ޝަމީމް ކުރައްވާ ތުހުމަތު ސާފުނުވާ ކަމަށެވެ. އަދި ވިދާޅުވީ "އޭސީސީގެ މެމްބަރުންނަށް ގާނޫނީ ޒިންމާ އަދާ ކުރުމުގެ ފުރުސަތު ދޭންވާނެ" ކަމަށެވެ.
"ވަޒީރުން އަދި އެހެން ބޭފުޅަކު ވިޔަސް ކޮރަޕްޝަންގެ މައްސަލައެއް ތަހުގީގު ކުރުމަށްޓަކައި ހާޒިރުވާން އެންގީމަ ހާޒިރުވާންޖެހޭނެ. އެކަމުގެ ޝަކުވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްކޮށްގެން ކޮމެޓީން ކުރާ މަސައްކަތަށް ނުފޫޒު ފޯރުވަން އުޅުމަކީ ރަނގަޅު ގޮތެއް ނޫން،" އުޝާމް ވިދާޅުވި އެވެ.
އެހާ ހިސާބުން ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ހުށަހެޅުއްވީ އެ މައްސަލަ ކޮމެޓީގައި ކުރިއަށް ނުގެންގޮސް ނިންމާލުމަށެވެ. އެ ހުށަހެޅުމަށް ވެސް ފުރަތަމަ ލިބުނީ ހަތަރު ވޯޓެވެ. އެކަމަކު މުގައްރަރު ރޮޒައިނާ އާދަމްގެ ވޯޓު ލިބިގެން ހުށަހެޅުން ފާސްވީ އެވެ.
"އަޅުގަނޑު ޑިސައިޑް ކުރަނީ މި މައްސަލަ މިހާ ހިސާބުން ނިންމާލައްވަންވީ ކަމަށް. އެހެންވީމަ އިއްޒަތްތެރި މެމްބަރު ސަނީފްގެ ހުށަހެޅުމަށް އަޅުގަނޑު ޔެސް،" މައްސަލަ ނިންމާލައްވަމުން ރޮޒައިނާ ވިދާޅުވި އެވެ.
އޭގެ އިތުރުން، އުސޫލާ ހިލާފަށް އެއްވެސް މައްސަލައެއް ބެލުމަށް މަސައްކަތް ނުކުރާ ކަމަށް އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވަނީ މިރޭ ވިދާޅުވެފަ އެވެ.
އޭސީސީގެ މެމްބަރުން ވަކި ކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ނިންމީ އެ ކޮމިޝަނުގެ މިދިޔަ ފަސް އަހަރުގެ އޮޑިޓެއް ހެދުމަށްފަހު މެމްބަރުން އެކަށީގެންވާ މިންވަރަށް މަސައްކަތް ނުކުރާ ކަމަށް ބުނެ އެވެ.
ކޮރަޕްޝަން ބަލާ ކޮމިޝަނުގެ މެމްބަރުން ވަކި ކުރުމަށް ނިންމުމަށްފަހު މަޖިލީހުން ވަނީ މިހާރު އެ މައްސަލަ ދިރާސާ ކުރުމަށް އަނބުރާ ކޮމެޓީއަށް ފޮނުވާލައިފަ އެވެ. މެމްބަރުން ވަކި ކުރާ މައްސަލައިގައި އެ މެމްބަރުން ލިޔުމުން ޖަވާބުދާރީވުމަށް މިދިޔަ ހަފްތާފައި އޭސީސީން އޮތީ ފަސް ދުވަހުގެ މުއްދަތެއް ދީފަ އެވެ. އެ މުއްދަތު ހަމަވާނީ މާދަމާގެ ނިޔަލަށެވެ.
އޮޑިޓް އޮފީހުން މިއަދު އާންމު ކުރި އޭސީސީގެ މަސައްކަތުގެ އޮޑިޓް ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައި ވަނީ މައްސަލަތައް ދިގުލައިގެން ދިޔުމުގެ މައްސަލަ އެވެ. އަދި މައްސަލަތައް ތަހުގީގު ކުރާ އޮފިސަރުން އެކަށީގެންވާ އަދަދަކަށް ނެތްކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
"އެކެއް ޖަނަވަރީ 2015 އިން 31 ޖުލައި 2020 އަށް ކޮމިޝަނުގައި ރަޖިސްޓަރީކޮށްފައިވާ 7113 ޝަކުވާގެ ތެރެއިން 5476 މައްސަލަ ނުވަތަ 77 ޕަސެންޓު އެ ތާރީހުގެ ނިޔަލަށް ތަހުގީގުކޮށް ނިންމާފައިވާއިރު ދައުވާ ކުރެވޭ މިންވަރަށް ތަހުގީގު ފުރިހަމަ ކުރެވި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ ރަޖިސްޓަރީކުރެވުނު މައްސަލަތަކުގެ ތެރެއިން އެއް ޕަސެންޓުކަން ފާހަގަކުރެވުން،" އެ ރިޕޯޓުގައި ބުނެފައިވެ އެވެ.












