އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ނިންމާފައި އޮއްވާ، ކޮރަޕްޝަންގެ މައްސަލަތަކެއް ގަނޑުކޮށް ބެލުމަށް ރާވަމުންދާ ކަމަށް ތުހުމަތުކޮށް މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ ތިން މެމްބަރަކު ހުށަހެޅުއްވި އެ މައްސަލައިގައި މިރޭ 8:00 ޖަހާއިރު ބައްދަލުވުމެއް ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ނިންމައިފަ އެވެ. އެ ޖަލްސާ މިހާރު ތާވަލްކޮށްފައިވާއިރު ސުރުހީގައި އޮތީ އެ މައްސަލައަކީ އޭސީސީގެ މެމްބަރުން "އުސޫލާ ހިލާފަށް ކަންކަން ހިންގާ" ކަމަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.
އެކަމާ ގުޅިގެން މައްސަލަ ހުށަހެޅި އިނގުރައިދޫ ދާއިރާގެ ހަސަން އަހުމަދަށް މި ނޫހުން ގުޅުމުން ވިދާޅުވީ މައްސަލައިގެ ތަފްސީލް ދެވެން ނެތް ކަމަށެވެ. އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ މިވަގުތު ފޯނު ނުނަންގަވާތީ އޭނާގެ ކޮމެންޓެއް ނުލިބުނެވެ.
އޭސީސީގައި މިވަގުތު ތިއްބެވީ އެ ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބު ރައީސް ފާތިމަތު އަނޫލާ އާއި މެމްބަރު އައިޝަތު އަބްދުﷲ އެވެ. ކޮމިޝަނުގެ މެމްބަރުން ވަކި ކުރުމަށް މަޖިލީހުގެ ކޮމެޓީން ނިންމި ފަހުން މެމްބަރު އިބްރާހިމް ޝަކީލް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
އޭސީސީގެ މެމްބަރުން ވަކި ކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ނިންމީ އެ ކޮމިޝަނުގެ މިދިޔަ ފަސް އަހަރުގެ އޮޑިޓެއް ހެދުމަށްފަހު މެމްބަރުން އެކަށީގެންވާ މިންވަރަށް މަސައްކަތް ނުކުރާ ކަމަށް ބުނެ އެވެ.

ކޮރަޕްޝަން ބަލާ ކޮމިޝަނުގެ މެމްބަރުން ވަކި ކުރުމަށް ނިންމުމަށްފަހު މަޖިލީހުން ވަނީ މިހާރު އެ މައްސަލަ ދިރާސާ ކުރުމަށް އަނބުރާ ކޮމެޓީއަށް ފޮނުވާލައިފަ އެވެ. މެމްބަރުން ވަކި ކުރާ މައްސަލައިގައި އެ މެމްބަރުން ލިޔުމުން ޖަވާބުދާރީވުމަށް މިދިޔަ ހަފްތާފައި އޭސީސީން އޮތީ ފަސް ދުވަހުގެ މުއްދަތެއް ދީފަ އެވެ. އެ މުއްދަތު ހަމަވާނީ މާދަމާގެ ނިޔަލަށެވެ.
އޮޑިޓް އޮފީހުން މިއަދު އާންމު ކުރި އޭސީސީގެ މަސައްކަތުގެ އޮޑިޓް ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައި ވަނީ މައްސަލަތައް ދިގުލައިގެން ދިޔުމުގެ މައްސަލަ އެވެ. އަދި މައްސަލަތައް ތަހުގީގު ކުރާ އޮފިސަރުން އެކަށީގެންވާ އަދަދަކަށް ނެތްކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
"އެކެއް ޖަނަވަރީ 2015 އިން 31 ޖުލައި 2020 އަށް ކޮމިޝަނުގައި ރަޖިސްޓަރީކޮށްފައިވާ 7113 ޝަކުވާގެ ތެރެއިން 5476 މައްސަލަ ނުވަތަ 77 ޕަސެންޓު އެ ތާރީހުގެ ނިޔަލަށް ތަހުގީގުކޮށް ނިންމާފައިވާއިރު ދައުވާ ކުރެވޭ މިންވަރަށް ތަހުގީގު ފުރިހަމަ ކުރެވި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ ރަޖިސްޓަރީކުރެވުނު މައްސަލަތަކުގެ ތެރެއިން އެއް ޕަސެންޓުކަން ފާހަގަކުރެވުން،" އެ ރިޕޯޓުގައި ބުނެފައިވެ އެވެ













