މި އަހަރު ދުނިޔޭގެ މަގްބޫލުކަން ހޯދި ސްރީ ލަންކާގެ ލަވަކިޔުންތެރިޔާ ޔޯހާނީ ޑެ ސިލްވާ އަށް ހިލޭ ބިމެއް ދޭން ލަންކާ ސަރުކާރުން ނިންމުމާ އެކު ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ޔޯހާނީ އަށް ބިމެއް ދޭން އުޅޭ ކަމަށް ހަބަރު ފެތުރުމާ އެކު ވެސް ގިނަ ބަޔަކު ނުރުހުން ފާޅުކުރި އެވެ. ނަމަވެސް އަންގާރަ ދުވަހު ލަންކާގެ ކެބިނެޓުން ވަނީ އެ ނިންމުން ފާސްކޮށްފަ އެވެ.
ބޮޑު ވަޒީރު މަހިންދަ ރާޖަޕްކަސް ހުށަހެޅުއްވީ ބައްޓަރަމުއްލާ އިން 2635 އަކަފޫޓުގެ ބޮޑު ބިމެއް ޔޯހާނީ އަށް ހަދިޔާ ކުރުމަށެވެ.
ކެބިނެޓް ތަރުޖަމާނު އަދި މީޑިއާ މިނިސްޓަރު ޑަލަސް އަލަހަޕެރުމަ ވިދާޅުވީ ޔޯހާނީގެ އަގު ވަޒަން ކުރުމަށް އޭނާ އަށް ބިމެއް ހަދިޔާ ކުރުމުގެ ހިޔާލު ގިނަ ބަޔަކު ބޮޑު ވަޒީރަށް ހުށަހެޅި ކަމަށެވެ.
ކެބިނެޓުން ނެރުނު ބަޔާނެއްގައި ބުނީ ޔޯހާނީ އަށް ދޭން ނިންމި ބިމަކީ އާބަން ޑިވެލޮޕްމަންޓް އޮތޯރިޓީގެ ބިމެއް ކަމަށެވެ.

ސަރުކާރުގެ ނިންމުމާ އެކު ގިނަ ބަޔަކު ޓްވިޓާގައި ފާޑުކިޔަމުން އަންނަ އިރު، ބައެއް މީހުން ބުނީ އާއްމުންނަށް އޮތީ ހާލުގައި އުޅުން ކަމަށާއި ސަރުކާރު ފެއިލްވެއްޖެ ކަމަށެވެ.
އޭގެ އިތުރުން ޔޯހާނީ ގައުމަށް ކޮށްދިނީ ކޮން ކަމެއްތޯ ސުވާލުކޮށް ސަރުކާރުން ބިމެއް ހޯދަން ކުރަން ޖެހެނީ ކޮން ކަމެއްތީ ވެސް ބައެއް މީހުން ސުވާލުކޮށްފައި ވެ އެވެ. ބައެއް މީހުން ވަނީ ސަރުކާރުގެ ހުށަހެޅުން ބަލައިނުގަތުމަށް ވެސް ޔޯހާނީ އަށް ގޮވާލާފަ އެވެ.
ޔޯހާނީ މަޝްހޫރުވީ ސިންހަޅަ ލަވަ "މަނިކެ މަގެ ހިތެ" އަށް ފަހު އެވެ. ޔޫޓިއުބުގައި އެ ލަވަ އަށް ވަނީ 194 މިލިއަނަށް ވުރެ ގިނަ ވިއުޒް ލިބިފަ އެވެ.
ރާއްޖޭގެ އިތުރުން އިންޑިއާ ގައި ވެސް އޭނާގެ މަގްބޫލުކަން އިތުރުވެ، އެ ލަވަ އަށް ބޮޑު ތަރުހީބެއް ލިބުނެވެ. ބޮލީވުޑްގެ އެކްޓަރު އަމީތާބް ބަޗަން ވެސް އެ ލަވަ ފާހަގަކޮށް ޔޯހާނީ އަށް ތައުރީފު ކުރި އެވެ.










