ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއޭއޯސީ) ގެ ވޮލަންޓިއަރުން އުޖޫރަ ނުލިބޭތީ ހެލްތު މިނިސްޓްރީ ދޮށުގައި މިއަދު މެންދުރުފަހު ހަމަހިމޭން އެއްވުމެއް ބާއްވައިފި އެވެ.
މުސާރަ ދިނުމުގައި ދިމާވެފައިވާ މައްސަލަތަކާއި ބެހޭގޮތުން އެ އިދާރާއިން ޖަވާބުދާރީ ވެފައި ނުވާ ކަން އިހުތިޖާޖުގެ ބައިވެރިން ފާހަގަ ކުރި އެވެ. އަދި މުސާރަ ދިނުން ލަސްވާ ސަބަބު އިދާރާއިން މުވައްޒަފުންނަށް ސާފުކޮށްދީފައި ނުވާކަމަށް ބުނެ ބައިވެރިން ޝަކުވާކުރި އެވެ.
"މުސާރަ ލިބުން ލަސްވެ، ލިބެން ޖެހޭ ފުރިހަމަ އަދަދެއް ނުލިބެ. ލިބޭ އިރު މި ލިބެނީ އެންމެ ދެމަސް ތިންމަހުގެ މުސާރަ. މިތާގައި އެބަ އުޅޭ އަހަރެއް ވަންދެން މަސައްކަތް ކޮށް އެކަށީގެންވާ މުސާރަ ނުލިބި ތިބި ކުދިން." ބައިވެރިއަކު ބުންޏެވެ.

ފްރޮންޓްލައިންގެ މަސައްކަތްތެރިންނަށް އެލަވެންސް ނުލިބޭތީ އިހުތިޖާޖުކުރަނީ. -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އެޗްއީއޯސީގައި މިހާތަނަށް މަސައްކަތް ކޮށްފައިވާ އެންމެންނަށް އެލަވެންސް ލިބެންދެން އިހުޖިޖާޖުގެ ހަރަކާތްތައް ކުރިއަށް ދާނެކަމަށް ބައިވެރިން ބުނެ އެވެ،
މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން އެޗްއީއޯސީގައި ފްރޮންޓްލައިންގައި މަސައްކަތް ކުރަމުންދާ ވޮލެންޓިއަރުން ތިން ގިންތިއަކަށް ބަހާލައި ސަރުކާރުން ވަނީ އެމީހުންގެ މުސާރަ ކަނޑައަޅާފައެވެ. މިގޮތުން ހައި، މީޑިޔަމް އަދި ލޯ ރިސްކް ކެޓަގަރީގައި ހިމެނޭ މީހުން އެމީހުން މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް އެ ކެޓަގަރީއަކަށް ކަނޑައެޅިފައިވާ އަދަދަށް ފައިސާ ލިބެން ޖެހޭނެކަމަށް ސަރުކާރުން ވަނީ ކަނޑައަޅާފަ އެވެ.













