އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރުން މަގާމުން ވަކި ކުރުމުގެ ކުރިން ޖަވާބުދާރީވުމަށް ފަސް ދުވަހުގެ މުހްލަތެއް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން މިއަދު ދީފި އެވެ.
އެކަށީގެންވާ މިންވަރަށް މަސައްކަތް ނުކުރާ ކަމަށް ބުނެ ވަކި ކުރުމަށް ނިންމާފައިވާ އޭސީސީގެ މެމްބަރުންނަށް ޖަވާބުދިނުމުގެ ފުރުސަތު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ދީފައި ވަނީ ލިޔުމުންނެވެ.
އޭސީސީ މެމްބަރުން ވަކި ކުރުމުގެ އިޖްރާއަތުތައް ފެށުމުގެ ކުރިން މިއަދު މަޖިލީހުގެ ޖަލްސާއެއް ދައުރުން ބޭރުގައި ބޭއްވުމަށްފަހު މައްސަލަ ވަނީ ކުރިއަށްގެންގޮސްފަ އެވެ. މެމްބަރުން ވަކި ކުރުމަށް ތަޅުމުގައި ވޯޓަށް އަހާނީ ކޮމެޓީން އެ މެމްބަރުން ވަކި ކުރުމުގެ މައްސަލަ ދިރާސާ ކުރުމަށްފަހު ތަޅުމަށް ފޮނުވުމުންނެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އޭސީސީގެ މެމްބަރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ނުދިނުމަށް ވެސް ވާހަކަ ދެކެވުނެވެ. އެއީ ކުރިން ވެސް ދެ ފަހަރެއްގެ މަތިން މެމްބަރުން ކޮމެޓީއަށް ހާޒިރުކޮށް އެ މެމްބަރުންގެ ވާހަކަތައް އަޑުއަހާފައިވާތީ އެވެ.
"އެއްވެސް ވަރަކަށް ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ މައްސަލަ ކުރިއަށްގެންދަން އަޅުގަނޑަށް އުނދަގޫ،" ކޮމެޓީގެ މުގައްރިރު، އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވި އެވެ.

އޭގެ އިތުރުން، ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށް އޭސީސީގެ މެމްބަރުން ކޮމެޓީއަށް ހާޒިރު ކުރާނީތޯ ނުވަތަ ލިޔުމުން ޖަވާބުދާރީވުމުގެ ފުރުސަތު ދޭނީތޯ ކޮންމެވެސް ވަރަކަށް ބަހުސް ކުރެވުނެވެ. އެންމެފަހުން ގިނަ މެމްބަރުންނަށް ފެނުނީ، ލިޔުމުން ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށެވެ. އަދި މަޖިލިހުގެ ގަވާއިދުގެ ދަށުން، ޖަވާބުދާރީވުމަށް މަދުވެގެން ފަސް ދުވަސް ދިނުމަށް މެމްބަރުން ނިންމި އެވެ.
އޭސީސީގެ މެމްބަރުން މަގާމުން ވަކި ކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ ފަރާތުން ނިންމާފައި ވަނީ އެ ކޮމެޓީގެ ފަރާތުން އެދިގެން އޮޑިޓާ ޖެނެރަލްގެ އޮފީހުން ހެދި އޮޑިޓުގެ ނަތީޖާއަށް ބެލުމަށްފަހު އެވެ. ނަމަވެސް އެ އޮޑިޓުގައި ބަލާފައި ވަނީ މިދިޔަ ފަސް އަހަރުގެ މަސައްކަތަށެވެ. މިހާރުގެ މެމްބަރުން މަގާމުތަކާ ހަވާލުވީ އޯގަސްޓު 25، 2019 ގަ އެވެ.
އޮޑިޓް އޮފީހުން މިއަދު އާންމު ކުރި އޭސީސީގެ މަސައްކަތުގެ އޮޑިޓް ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައި ވަނީ މައްސަލަތައް ދިގުލައިގެން ދިޔުމުގެ މައްސަލަ އެވެ. އަދި މައްސަލަތައް ތަހުގީގު ކުރާ އޮފިސަރުން އެކަށީގެންވާ އަދަދަކަށް ނެތްކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
"އެކެއް ޖަނަވަރީ 2015 އިން 31 ޖުލައި 2020 އަށް ކޮމިޝަނުގައި ރަޖިސްޓަރީކޮށްފައިވާ 7113 ޝަކުވާގެ ތެރެއިން 5476 މައްސަލަ ނުވަތަ 77 ޕަސެންޓު އެ ތާރީހުގެ ނިޔަލަށް ތަހުގީގުކޮށް ނިންމާފައިވާއިރު ދައުވާ ކުރެވޭ މިންވަރަށް ތަހުގީގު ފުރިހަމަ ކުރެވި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ ރަޖިސްޓަރީކުރެވުނު މައްސަލަތަކުގެ ތެރެއިން އެއް ޕަސެންޓުކަން ފާހަގަކުރެވުން،" އެ ރިޕޯޓުގައި ބުނެފައިވެ އެވެ.












