އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރުންގެ މަސައްކަތް ބެލުމަށް ރައްޔިތުންގެ މަޖިލީހުން އެދިގެން ކުރިއަށް ގެންދިޔަ އޮޑިޓުގައި ބަލާފައިވާނީ ކޮރަޕްޝަން ބަލާ ކޮމިޝަނުން މިދިޔަ ފަސް އަހަރު ކުރި މަސައްކަތް ކަމަށާއި ހުށަހެޅި މައްސަލަތަކުގެ ތެރެއިން އޭސީސީއަށް ނިންމުނީ އެއް ޕަސެންޓު މައްސަލަތައް ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން ހެދި އޮޑިޓަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ވަނީ އޭސީސީގެ ތިބޭ ޖުމްލަ ފަސް މެމްބަރުން ވެސް ވަކި ކުރުމަށް ފެންނަ ކަމަށް ނިންމައިފަ އެވެ. އޭސީސީގައި މިހާރު ތިއްބެވި މެމްބަރުން މަގާމާ ހަވާލުވެފައި ވަނީ އޯގަސްޓު 25، 2019 ގަ އެވެ.
މަޖިލީހުގެ ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި، އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މައްސަލަ އިއުލާނުކުރުމަށް ފަހު އެކަން ދިރާސާކުރަން މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.
އޮޑިޓް އޮފީހުން މިއަދު އާންމު ކުރި އޭސީސީގެ މަސައްކަތުގެ އޮޑިޓް ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައި ވަނީ މައްސަލަތައް ދިގުލައިގެން ދިޔުމުގެ މައްސަލަ އެވެ. އަދި މައްސަލަތައް ތަހުގީގު ކުރާ އޮފިސަރުން އެކަށީގެންވާ އަދަދަކަށް ނެތްކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އެކެއް ޖަނަވަރީ 2015 އިން 31 ޖުލައި 2020 އަށް ކޮމިޝަނުގައި ރަޖިސްޓަރީކޮށްފައިވާ 7113 ޝަކުވާގެ ތެރެއިން 5476 މައްސަލަ ނުވަތަ 77 ޕަސެންޓު އެ ތާރީހުގެ ނިޔަލަށް ތަހުގީގުކޮށް ނިންމާފައިވާއިރު ދައުވާ ކުރެވޭ މިންވަރަށް ތަހުގީގު ފުރިހަމަ ކުރެވި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ ރަޖިސްޓަރީކުރެވުނު މައްސަލަތަކުގެ ތެރެއިން އެއް ޕަސެންޓުކަން ފާހަގަކުރެވުން،" އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
މައްސަލަތައް ބެލުމަށް ކަނޑައަޅާފައިވާ ކޮންމެ މީހަކަށް އެވްރެޖްކޮށް 29 މައްސަލަ ހަވާލުކޮށް ބަލަމުންދަ ކަމަށް އެ އޮޑިޓުގައި ފާހަގަކޮށް އޭގެ ނުރަނގަޅު އަސަރު ފެންނަމުންދާ ކަމަށް ވެސް އޭސީސީގެ އޮޑިޓުގައި ބުނެފައިވެ އެވެ.

"ކޮމިޝަނުގައި ވަޒީފާ އަދާކުރާ އިންވެސްޓިގޭޓަރުންގެ ނިސްބަތުން ގިނަ މައްސަލަތަކެއް ތަހުގީގުކުރަން ޖެހިފައިވުމުން ތަހުގީގުތަކަށް އޭގެ ނުރަނގަޅު އަސަރު ކުރަމުންދިއުން. މިގޮތުން، 31 ޖުލައި 2020 ގެ ނިޔަލަށް ކޮމިޝަނުގައި 1637 މައްސަލަ ބަލަމުން ދާއިރު އިންވެސްޓިގޭޓަރުންނަށް ފޯރުކޮށްދޭންޖެހޭ ފެންވަރު ރަނގަޅު އެހީތެރިކަމާއި އިރުޝާދު ދެވެމުން ނުދާކަން ފާހަގަކުރެވުން،" ރިޕޯޓުގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން، އޭސީސީން ބޭނުން ކުރާ ކޭސް މެނޭޖްމަންޓު ސިސްޓަމް އަދާހަމަނުވުމާއި ކޮމިޝަނުން ވެބްސައިޓުގައި އާންމު ކުރާ ތަފާސްހިސާބާއި އަހަރީ ރިޕޯޓުތަކުގައި ބަޔާންކޮށްފައިވާ ހިސާބުތައް ދިމާނުވާކަން ވެސް އޮޑިޓު ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި ފަސް އަހަރުގެ ތެރޭގައި، ކޮރަޕްޝަންގެ މައްސަލަތަކުގައި ވަކި ގޮތަކަށް އަމަލު ކުރުމަށް އެކި އިދާރާތަކަށް 1600 އަށްވުރެ ގިނަ އެންގުން އަންގާފައިވާއިރު އެ އެންގުންތަކަށް އަމަލު ކުރަމުންދޭތޯ ބަލާފައިނުވާ ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އޭސީސީގެ މަސައްކަތް ބެލުމަށްފަހު ނެރުނު ރިޕޯޓުގައި ޖުމްލަ ހަ ކަމެއް އިސްލާހު ކުރުމަށް އޮޑިޓް އޮފީހުން ވަނީ ލަފާ ދީފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ، މައްސަލަތައް ތަހުގީގު ކުރުމަށް ކަޑައްތު ކުރަންޖެހޭ މަރުހަލާތައް ސްޓްރީމްލައިން ކުރުމާއި އެހެން އިދާރާތަކާދެމެދު އޮތް ގުޅުން ރަނގަޅު ކުރުމަށާއި ޕްރިލިމިނަރީ އިވެލުއޭޝަން ހަރުދަނާ ކުރުމަށާއި އަސާސެއް ނެތް މައްސަލަ ހުށަހެޅުން މަދު ކުރުމަށް މުޖްތަމައު ހޭލުންތެރި ކުރުމަށް ލަފާދީފައިވެ އެވެ. އަދި އިންވެސްޓިގޭޓަރުންގެ ތަމްރީނު ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން ކޮމިޝަނުން އަންގާ އެންގުންތަކަށް އަމަލު ކުރަމުންދޭތޯ ބެލުމަށް ވެސް އޭސީސީއަށް އޮޑިޓް އޮފީހުން ލަފާދީފައިވެ އެވެ.
ވަކިކުރުމަށް ނިންމި އޭސީސީގެ ފަސް މެންބަރުންނަކީ މަރިޔަމް ޝިއުނާ (ރައީސް) އާއި ފާތުމަތު އަނޫލާ އާއި އިބްރާހިމް ޝަކީލާއި އައިޝަތު އަބްދުﷲ އަދި އަލީ އަޝްރަފެވެ. މީގެތެރެއިން އަލީ އަޝްރަފު ވަނީ މިދިޔަ ހަފުތާގެ ތެރޭ އިސްތިއުފާ ދެއްވާފަ އެވެ.
އޮޑިޓަ ޖެނެރަލްގެ ރިޕޯޓްގެ މައްޗަށް ބިނާކޮށް އޭސީސީގެ މެމްބަރުން ވަކިކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމީ ޑިސެމްބަރު 9، 2021 ގައި ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގަ އެވެ. މަޖިލީހުގެ ގަވާއިދުގެ 210 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ރިޔާސަތުން އަލުން ކޮމިޓީއަށް ފޮނުވައި، އެ ކޮމިޓީން ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވަން ޖެހޭނެ އެވެ.













