ތިމަރަފުށީ ސްކޫލް ގޮއްވާލަން އުޅުނު ކަމަށް ތުހުމަތުވާ މީހަކު ސިއްހީ ހާލު ގޯސްވުމުން ދޫކޮށްލައިފި

ތިމަރަފުށީ ސްކޫލް ގޮއްވާލަން އުޅުނު ކަމަށް ތުހުމަތުވާ މީހަކު ސިއްހީ ހާލު ގޯސްވުމުން ދޫކޮށްލައިފި

ގިނަ ދަރިވަރުން އެއްތަންވާ ދަނޑިވަޅެއް ބަލައި، ތ. ތިމަރަފުށީ މަދުރުސާގެ ލެބޯޓަރީ ގޮއްވާލަން މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރެވޭ އަށް މީހުންގެ ތެރެއިން އެކަކު ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފި އެވެ.

ހަރުކަށި ޝަރުތުތަކަކާއެކު "މާލެ ބަންދަށް" ދޫކޮށްފައި ވަނީ ތިމަރަފުށި ސްކޫލް ގޮއްވާލަން އުޅޭ ކަމުގެ އިންޓެލް މައުލޫމާތު ލިބިގެން މިދިޔަ ނޮވެމްބަރު 11، 2020 ގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރު ކުރި އަލީ މުނީޒް އެވެ.

އޭނާގެ އިތުރުން މި އޮޕަރޭޝަންގައި އަހްސަން މުހައްމަދާއި، މުހައްމަދު އާސިރާއި، އަލީ އަރުހަމް މުހައްމަދާއި، ޝަމާހް ޝަރީފާއި، އިބްރާހިމް ލޫތު، އަދި އަބްދުﷲ އިމާދުވެސް ހައްޔަރުކޮށްފައި ވެއެވެ. އެމީހުންގެ މައްޗަށް ޓެރެރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާފަދަ ލިޔުމެއް ގެންގުޅުނު ކަމުގެ ދައުވާއާއި، ޓެރެރިސްޓް ހަމަލާއެއް ރޭވި ކަމުގެ ދައުވާ އުފުލާފައި ވެއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ އަޑުއެހުންތައް ފެށިގެން ދިޔައިރު، ކުރިއަށް ދިޔައީ އިބްތިދާއީ މަރުހަލާ އެވެ. ދައުވާ ރައްދުވާ އަލީ އަރުހަމް ފިޔަވާ އެންމެންވެސް ވަކީލަކު އައްޔަންކޮށްގެން އަޑުއެހުމަށް ކޯޓަށް ހާޒިރުވި އެވެ.

މި މައްސަލައިގެން ބަންދު މުރާޖާ ކުރުމުގެ މަޖިލީހުގައި ދައުލަތުގެ ވަކީލް އަހްމަދު ޝަފީއު ވިދާޅުވީ މުނީޒް ދޫކޮށްލަން އެ އޮފީހުން ހުށަހަޅައި ކަމަށާއި އެއީ އޭނާގެ ބަލި ހާލަތަށް ރިޔާއަތް ކުރުމަށްފަހު ކަމަށެވެ.

އެގޮތުން މިދިޔަ އޮކްޓޯބަރު މަހު މުނާޒްގެ ފުލް ބޮޑީ ޗެކަޕެއް ހެދިއިރު، އޭނާގެ ފުރާނައަށް ނުރައްކާވާ މިންވަރަށް ޕޮޓޭޝިއަމް މަދުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ޝަފީއު ވިދާޅުވި އެވެ. އަދި އޭނާގެ ސިއްހީ ހާލަތު ބަޔާންކޮށްދޭ ރިޕޯޓާ ގުޅިގެން މިދިޔަ މަހުގެ 22 ވަނަ ދުވަހު އައިޖީއެމްއެޗް ހޮސްޕިޓަލުގައި އެޑްމިޓް ކުރެވި، ފަރުވާ ދެވިފައިވާ ކަމަށް ދައުލަތުގެ ވަކީލް ފާހަގަކުރެއްވި އެވެ. ނަމަވެސް އޭނާއަށް ދާއިމީ ފަރުވާ ދޭން ޖެހޭ ކަމަށް ޑޮކްޓަރު އިރުޝާދުދީފައިވާ ކަމަށެވެ.

އެކަމަށް ރިއާޔަތްކޮށް ސިއްހީ ސަބަބުތަކަށްޓަކައި ކުރިމިނަލް ކޯޓުން ނިންމީ މުނާޒް މާލޭން ބޭރަށް ނުދެވޭ ގޮތަށް ދޫކޮށްލުމަށެވެ.

މުނީޒްއަށް ކޮށްފައިވާ ޝަރުތުތައް:

  1. ބަންދުން ދޫކޮށްލާފައި ހުންނައިރު އެއްވެސް ގާނޫނަކާ ހިލާފު އަމަލެއް ނުކުރުން ނުވަތަ އިތުރު ކުށެއް ނުކުރުން.
  2. ކޯޓަށް ހާޒިރުވާންޖެހޭ ގަޑިއަށް ކޯޓަށް ހާޒިރުވުން،
  3. ރޭގަނޑު 18:00 އިން ފެށިގެން ހެނދުނު 18:00 އާ ދެމެދު ގެއިން ބޭރަށް ނުނިކުތުން،
  4. ކޮންމެ ދުވަހަކު ހެނދުނު 08:00 އާއި 12:00 އާ ދެމެދުގެ ވަގުތެއްގައި އެންމެ ކައިރީ ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވެ ސޮއިކުރުން.
  5. މާލެއިން ބޭރަށް ނުދިއުން.
  6. ޓެރަރިޒަމްގެ ކުށްތަކުގައި ތުހުމަތުކުރެވޭ މީހުންނާ މުއާމަލާތު ނުކުރުން.
  7. މައްސަލައިގައި ހެކިބަސްދޭނެ ކަމަށް ގަބޫލުކުރެވޭ އެންމެހައި މީހުންނާ މުއާމަލާތު ނުކުރުމާއި ބައްދަލު ނުކުރުން.
  8. މުނީޒަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކަށް ފަރުވާ ހޯދަމުން ދިއުމާއި، ފަރުވާ ހޯދަމުންދާކަމުގެ ލިޔުންތައް ކޮންމެ 15 ދުވަހަކުން ކޯޓަށާއި ޕީޖީއަށް ހިއްސާކުރުން،

ދެން ތިބި މީހުން ބަންދުން ދޫކުރާން ނުޖެހޭ ކަމަށް މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ކަނޑައެޅުވީ ހާލަތަށް ބަދަލު އައިސްފައި ނުވާތީ އެވެ. އަދި އެމީހުންގެ ފަރާތުން މުޖްތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމުގެ ބިރު އޮތުމުންނާއި ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމުގެ އިހްތިމާލު އޮތުމުންނެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ މި މީހުންނަކީ ޓެރަރިސްޓު ޖަމާއަތް އައިސިސް އިން ރާއްޖޭގައި ޓެރެރިޒަމްގެ ހަރަކާތްތައް ކުރިއަށް ގެންގޮސް، އެ ފިކުރުގެ ފަލްސަފާ ދިރުވާ އާލާކުރުމަށް ވަސީލަތެއްގައި ގޮތުގައި ބޭނުންކުރާ ބައެއްގެ ގޮތުގައި ބެލުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި އެކަން ޝަރީއަތަށް ސާބިތުކޮށްދެވޭ ވަރަށް ހެކި ހުރިކަން ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި މީހުން ބަންދުން ދޫކޮށްފި ނަމަ، އެ ޖަމާއަތާއި ގުޅިގެން އިތުރު ހަމަލާއެއް ރޭވުމުގެ ބިރު އެބައޮތެވެ. ނޫންނަމަ، އެ ޖަމާއަތް މެދުވެރިކޮށް ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތުވެސް އޮބައޮތެވެ.

"އަމަލު ހިންގުމުގެ ފުރުސަތު ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ދިން ނަމަ، ނޫނީ މި އަމަލު ހިންގުމުގެ ކުރިން މި އަމަލު ނުހުއްޓުވި ނަމަ މިކަމުގެ ނަތީޖާއަކަށް ވެގެން ދާނީ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް، ދިވެހިރާއްޖޭގެ ރައްޔިތުންނަށް އިންތިހާ ދަރަޖައަށް ނުރައްކަލަކަށް ކުރިމަތިލާން ޖެހުން، ބިރުވެރިކަމަކާއި ކުރިމަތިލާން ޖެހުން," ޝަފީއު ވިދާޅުވި އެވެ.

އިމާދުގެ ވަކީލް މުހައްމަދު ވިޝާމް ވަނީ މޮނިކޮން އަމުރެއް ނެރުމަށްފަހު، ޓެގް އަޅުވާފައި ވިޔަސް، އޭނާގެ މުއައްކިލު ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދިފަ އެވެ.

އެެހެން ނަމަވެސް އެ ވާހަކައަށް ރައްދުދެމުން ދައުލަތުން ބުނީ މި މައްސަލައަކީ ފަރުދީ ގޮތުން އެކަކު ކުރި ކުށެއް ނޫން ކަމަށެވެ. މިއީ ޓެރެރިޒަމްގެ ބޮޑު ޖަމާއަތަކާ ގުޅިގެން ހިންގަން ރޭވި އަމަލެއް ކަމަށް އޭނާ ފާހަގަކުރި އެވެ.

ވަކީލް ވިޝާމް ވިދާޅުވީ ކަނޑުމަތިން ބޯޓެއްގައި ދަތުރުކުރަނިކޮށް އޭނާގެ މުވައްކިލު ހައްޔަރު ކުރިއިރު، އެ ދޯނީގައި ދެން ހުރި މީހާ ދޫކޮށްލާފައިވާ ކަމަށާއި، އެ މީހާއަށް ދައުވާވެސް ކޮށްފައި ނުވާ ކަމަށެވެ. އެއީ ބޮޑު ބޭއިންސާފެއްގެ ގޮތުގައި އޭނާ ސިފަކުރެ އެވެ.

އާސިރުގެ ވަކީލް އިބްރާހިމް ޒާހިދް ގަބޫލުކުރާ ގޮތުގައި އޭނާގެ މުވައްކިލު ވެސް ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތެވެ. އެއީ އޭނާއާއި ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުގެ 98 އިންސައްތައަކީ ސިއްރު ހެކިކަމަށް ވުމުން، ހެއްކަށް ނުފޫޒު ފޯރުވޭނެ ކަމަށް ނުބެލެވޭނެ ތީ ކަމަށް ވިދާޅުވި އެވެ. އަދި އެ ހާދިސާ އާސިރުއާ ގުޅުވާލެވޭނެ ވަރަށް ދައުލަތުގެ އަތުގައި ހެކި ހުރިކަމަށް ދިފާއީ ވަކީލަށް ގަބޫލުނުކުރެވޭތީ އެވެ.

ޝަރީފްގެ ވަކީލް އިސްމާއިލް މުހައްމަދު ވެސް ވަނީ އޭނާގެ މުވައްކިލާ ދެކޮޅަށް އެކަށީގެންވާ ވަރުގެ ހެކި ހުންނާނެ ކަމާއި މެދު ސުވާލު އުފައްދާފަ އެވެ. އަދި ހަރުކަށު ފިޔަވަޅުތަކާއި އެކު ޝަރީފް ދޫކޮށްލުމަށް އެދިފަ އެވެ.

ސަމާހްގެ ވަކީލް އަހްމަދު ޝާން ވިދާޅުވީ މި މައްސަލާގައި ހައްޔަރު ކުރި އެކަކުވެސް ކުށުގެ ރިކޯޑް ނެތް ކަމަށާއި، ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށް، ފުލުހަށް ހާޒިރުކުރެވުނު ކަމުގެ ރިކޯޑެއްވެސް ނެތް ކަމަށެވެ. އެހެންވެ، ފުލުހުން ތައްޔާރު ކުރި އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ބަރޯސާވެ، ޝަރީއަތް ނިމެންދެން ބަންދުގައި ބޭއްތިއްބުމަކީ އަދުލުވެރި ގޮތެއް ކަމުގައި އޭނާ ނުދެކެ އެވެ. އަދި މުޖްތަމައުގެ ސަލާމަތަށް ނުރައްކާވާނެ އުންސުރުތައް އެމީހުންގެ ފުރިހަމަ ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބަންދު މުރާޖާގެ އަޑުއެހުން ބާއްވާ ސިޔާސަތަށް ބަދަލެއް

ޕީޖީ އޮފީހުގެ ތަރުޖަމާނުކަން ވެސް ކުރައްވާ ޝަފީއު މިއަދު ހަވީރު ކުރިއަށް ދިޔަ އަޑުއެހުމުގައި ވިދާޅުވީ އެ އޮފީހުން ބަންދުގައި ތިބޭ މީހުންގެ ބަންދު މުރާޖާ ކުރުމުގައި އަމަލުކުރަމުން އައި ސިޔާސަތަށް އިސްލާހެއް ގެނެސްފައިވާ ކަމަށެވެ.

ސުޕްރިމް ކޯޓުގެ ނިންމުމަކަށް ހަވާލާދީ، ހާއްސަ ގާނޫނުގެ ދަށުން ބަންދުކުރެވޭ މީހުންގެ ބަންދުމުރާޖާ އަޑުއެހުންތައް ކޯޓުގައި ކުރިއަށް ގެންދިއުމަށް ޕީޖީއިން އުޒުރުވެރިވި އެވެ. އެއީ ހާއްސަ ގާނޫނާއި، އާންމު އިޖުރާއީ ގާނޫނާއި މަސްހުނުވެދާނެތީ ކަމަށް އެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރުން ޝަރީއަތްތަކުގައި ބުނެފައި ވެއެވެ.

އެފަދަ މައްސަލަތަކުގައި އެ އޮފީހުން އަމަލު ކުރަމުން ދިޔައީ ބަންޑާރަ ނައިބު އޮފީހުން ދީފައިވާ އިރުޝާދުގެ މަތިންނެވެ. އެއީ ޕީޖީ އޮފީހުގައި ކޮންމެ 30 ދުވަހަކުން ބަންދު ރިވިއުކޮށް، ދައުލަތުގެ ބެލުމުގެ ދަށުގައި، ޝަރީއަތް ނިމެންދެން ބަންދު ކުރެވިފައިވާ މީހުންގެ ހާލަތު ބަދަލުވިތޯ ވަޒަން ކުރުމެވެ.

އެހެން ނަމަވެސް މިއަދުގެ އަޑުއެހުމުގައި ޝަފީއު ވިދާޅުވީ އެ ސިޔާސަތު ބަދަލުކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް މާ ބޮޑު ތަފްސީލަކަށް ނުގޮސް އޭނާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އޭޖީގެ ފޯމުވެސް ހުށަހަޅާނީ ކޯޓަށް ކަމަށެވެ.

މިފަދައިން ވިދާޅުވީ ބަންދު މުރާޖާގެ އަޑުއެހުމެއް ނުބޭއްވި ގިނަ ދުވަސްވެފައި ވާތީ ދިފާއުން އެކަމާ ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެންނެވެ.

މި މައްސަލާގައި އެންމެ ފަހުން ދައުލަތުން ބަންދު މުރާޖާ ކުރަން އެދިފައި ވަނީ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. ނަމަވެސް ކޯޓުން އެކަމަށް އެއްވެސް އިޖާބައެއް ދީފައި ނުވާތީ ފަހުން ބަންދު މުރާޖާގެ ފޯމެއް ހުށަނާޅާ ހުރީ ކަމަށް ޝަފީއު ވިދާޅުވި އެވެ. މިކަމަށް ދިފާއުގެ ފާޑުކިޔުން އަމާޒުވި އެވެ.

މި މައްސަލައާއި ގުޅިގެން ނުލިބިވާ ލިޔެކިޔުންތައް މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން ލިޔުމުން ކޯޓަށް ހުށަހެޅުމަށް ގާޒީ ނަދީމް ދިފާއީ ވަކީލުންނަށް އެންގި އެވެ. އަދި އަޑުއެހުމެއް މިމަހުގެ ތެރޭގައި ތާވަލް ކުރުމުގައި ދައުލަތުގެ އިއުތިރާޒެއް އޮތްތޯ އެއްސެވި އެވެ.

މިއަދުގެ އަޑުއެހުމުގެ ތެރެއިން --
މިއަދުގެ އަޑުއެހުމުގެ ތެރެއިން --

މިއަދުގެ އަޑުއެހުމުގެ ތެރެއިން --

ދައުލަތުގެ ވަކީލް ޝަފީއު މި ސުވާލަށް ޖަވާބުދެއްވަމުން ވަނީ މިމަހުގެ 23 ގެ ފަހުން އަޑުއެހުމެއް ބޭއްވުމަށް އެދޭ ވާހަކަ ވިދާޅުވެފައި އެވެ. އެއީ އޭނާ ޗުއްޓީގައި ހުރުމުން ކަމަށާއި، މި މައްސަލާގައި އޭނާއާ އެކު މަސައްކަތް ކުރެއްވި ޕަބްލިކް ޕްރޮސެކިއުޓަރަކަށް ފަނޑިޔާރުކަން ލިބިވަޑައިގެން މައްސަލަ ވީއްލުމަށްފަހު، ޕީޖީއިން ވަކިވެފައިވާކަން ފާހަގަކުރެއްވި އެވެ.

މިވާހަކައާ ގުޅިގެން ދިފާއީ ވަކީލުންގެ ބަހުގެ ހަމަލާތައް އަނެއްކާވެސް ޝަފީއުއަށް ރައްދު ވިއެވެ. މިފަހަރު ދިފާއީ ވަކީލުން ވިދާޅުވީ މައްސަލަ ރައްދުވާ ފަރާތްތަކުގެ މަސްލަހަތަށް ވުރެ ދައުލަތުގެ މަސްލަހަތަށް އިސްކަން ނުދެވޭނެ ކަމަށާއި އެކަން އެގޮތަށް ނުކުރެއްވޭނެ ކަމަށެވެ.

ނަމަވެސް ކްރިމިނަލް ކޯޓުގެ ތާވަލުން މި މައްސަލައިގެ އަޑުއެހުމެއް ބާއްވަން އެންމެ އަވަހަށްވެސް ޖާގައެއް ލިބޭ ގޮތްވީ އަންނަ އަހަރަށެވެ. އެހެންވެ ގާޒީ އަޑުއެހުމެއް ތާވަލްކުރީ އަންނަ މަހުގެ 15 ވާ ހޮނިހިރު ދުވަހަކަށެވެ.

އެ ތާރީހް އެންމެ ރަނގަޅުތޯ ދައުލަތުގެ ވަކީލް ޝަފީއުއާ ސުވާލުކުރެއްވުމުން އޭނާ ވިދާޅުވީ ޕީޖީ އޮފީހުގައި މިހާރު އޮންނަ ސިޔާސަތަށް ބަލާއިރު، ހޮނިހިރު ދުވަހަކީ ރަސްމީ ބަންދު ދުވަހެއް ކަމަށާއި، އެދުވަހު މަސައްކަތަށް އާންމުކޮށް ނުނިކުންނަ ކަމަށެވެ. ނަމަވެސް ކޮންމެހެން އަޑުއެހުމެއް ބާއްވަން ޖެހިއްޖެ ނަމަ އެކަމުގައި އިއުތިރާޒެއް ނެތް ކަމަށް ވިދާޅުވި އެވެ. ޝަފީއު މިފަދައިން ވިދާޅުވުމާއެކު ދިފާއީ ވަކީލުން އަނެއްކާވެސް އެކަމާ ފާޑު ކިއެވެ.

އެގޮތުން ވަކީލް ޒާހިދު ފިޔަވާ ހުރިހާ ވަކީލުންވެސް އިއްތިފާގުވީ ރަސްމީ ދުވަސްތަކުގެ ބޭރުން މި މައްސަލައިގެ އަޑުއެހުންތައް ބޭއްވުމަށެވެ. އެއީ ގިނަ ވަކީލުން ހިމެނޭ މައްސަލައަކަށް ވެފައި، ގިނަ ހެކި ހުށަހަޅާފައިވާ މައްސަލައަކަށް ވުމުން ކަމަށް ދިފާއީ ވަކީލުން ބުންޏެވެ. ޒާހިދުވެސް މި ނިންމުމަށް މުޅިއަކުން އިއުތިރާޒެއް ނުކުރެ އެވެ. އެހެންވެ ގާޒީ ނަދީމް އެގޮތަށް ނިންމެވިި އެވެ. އެއީ މި މައްސަލައިގެ އަޑުއެހުންތައް ދިގު ލައިގެން ދާނެ ކަމަށް ބެލެވޭތީ އެވެ.

ކުރިއަށް އޮތް އަޑުއެހުމުގައި އޮންނާނީ ހެއްކާއި ގުޅޭ ގޮތުން ވާހަކަދެއްކުމެވެ.

މަދުރަސާ ގޮއްވާލަން އުޅުނު ކަމަށް ބެލެވޭ މީހުންގެ މައްޗަށް ކުރާ ދައުވާތައް:

ތިމަރަފުށި، ފެހިވިދުވަރުގެ، އަބްދުﷲ ޝަރީފް

  1. ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން.
  2. ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުން.
  3. ޓެރަރިސްޓް ޖަމާޢަތެއްގެ މެންބަރަކަށްވުން.

ތ. ތިމަރަފުށި، އަސްރަފީވިލާ، އަޙްސަން މުހައްމަދު

  1. ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން.
  2. ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުން.

ރ. ކަނދޮޅުދޫ، ފެހިވިލާ، ޢަލީ އަރުހަމް މުހައްމަދު

  1. ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން.
  2. ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުން.
  3. ހަނގުރާމައަށް ދާން އުޅުން.

ރ. މަޑުއްވަރި، ބީޗްހައުސް، އަބްދުﷲ އިމާދު

  1. ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން.
  2. ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުން.
  3. އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުން.
  4. އޮރިޔާންކާޑު ގެންގުޅުން.

ނ. ކުޑަފަރި، ރޯޒްމީޑު، އިބްރާހިމް ލޫތު

  1. ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން.
  2. އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުން.

ތ. ތިމަރަފުށި، ސައިމާ، ޝަމާހު ޝަރީފް

  1. ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން.
  2. ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުން.

ތ. ތިމަރަފުށި، ކެނެރީގެ، އަލީ މުނީޒު

  1. ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުން.
  2. ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުން.
  3. ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުން.

ތ. ތިމަރަފުށި، އަސުރުމާގެ، މުހައްމަދު އާސިރު

  1. ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރު ދިނުން.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox