އެއްފަހަރާ، އެއްވަގުތަކު ފަސް ކުދިންނަށް ވުރެ ގިނައިން ޓިއުޝަން ދޭނަމަ ބެލެވޭނީ ޓިއުޝަން ސެންޓަރެއްގެ ގޮތުގައި ކަމަށް ކަނޑައަޅައި، އެފަދަ ތަންތަން ދެ މަސް ދުވަހުގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީ ކުރުމަށް ގަވާއިދަކުން ލާޒިމްކޮށްފި އެވެ.
މިދިޔަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ ތައުލީމީ ގާނޫނުގެ ދަށުން "ސްކޫލު ފިޔަވައި ކުޑަކުދިންނަށް ކިޔަވައިދޭ ތަންތަން ރަޖިސްޓަރީ ކުރުމާއި ހިންގުމުގެ ގަވާއިދު" ގެޒެޓްކޮށްފައި ވަނީ އިއްޔެ އެވެ.
ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ހިންގާ ޓިއުޝަން ސެންޓަރުތަކުގައި އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީ ކުރުމަކާ ނުލާ ކިޔަވައިދިނުން މި ގަވާއިދުގެ ދަށުން މަނާވާނެ އެވެ. އަދި ހުއްދައާ ނުލާ ޓިއުޝަން ސެންޓަރެއް ހިންގާ ކަމުގެ މައުލޫމާތު މިނިސްޓްރީއަށް ލިބެއްޖެ ނަމަ އެތަނެއް ބަލައި ފާސްކުރުމާއި ވަގުތުން ބަންދު ކުރުމުގެ ބާރު މި ގަވާއިދުގެ ދަށުން އެޑިއުކޭޝަން މިނިސްޓްރީއަށް ލިބެ އެވެ.
އޭގެ އިތުރުން، ރަޖިސްޓްރީކޮށްފައިވާ ސެންޓަރެއް ނަމަ، އެތަނެއްގައި ކުރިއަށް ގެންދަން ހުއްދަ ދީފައިވާ ޕްރޮގްރާމްތައް ނޫން އިތުރު ޕްރޮގްރާމެއް ކުރިއަށް ގެންދާކަން ފާހަގަކުރެވިއްޖެ ނަމަ ރަޖިސްޓްރޭޝަން ބާތިލްކޮށް، ވަގުތުުން އެ ސެންޓަރަކަށް ފިޔަވަޅު އެޅުމުގެ އިހްތިޔާރު ވެސް އެޑިއުކޭޝަން މިނިސްޓްރީއަށް މި ގަވާއިދުން ލިބެ އެވެ.
މި ގަވާއިދާއެކު ޓިއުޝަން ސެންޓަރުތަކުން ކުދިން އަތުން ފީ ނެގޭނީ މިނިސްޓްރީއަށް ހުށަހަޅައި އެކަން ފާސްކުރުމަށްފަހު އެވެ. މިނިސްޓްރީއިން ފާސްކުރާ ފީ އާންމުކޮށް އެ ސެންޓަރުން އިއުލާނުކުރަންޖެހެ އެވެ. އަދު އެއަށް ވުރެ ބޮޑު އަދަދެއް ނެނގުން މަނާކުރެ އެވެ.

މި ގަވާއިދުގެ ދަށުން ޓިއުޝަން ސެންޓަރުތަކުން ފީ ނަގާނެ އުސޫލެއް ވެސް މިނިސްޓްރީން އެކުލަވާލާނެ އެވެ. އެގޮތުން ފީ ކަނޑައެޅުމުގައި މިނިސްޓްރީއިން ބަލާނީ ދަރިވަރުންގެ އުމުރުފުރާއަށާއި އެ ސެންޓަރެއްގައި ކިޔެވުމަށް އެކުދިން ހޭދަކުރާ ވަގުތަށާއި ކިޔަވައިދިނުމަށް ބޭނުންކުރާ ވަސީލަތްތަކުގެ އިތުރުން ފޯރުކޮށްދޭ ހިދުމަތަށެވެ.
މި ގަވާއިދުގެ ދަށުން އެފަދަ ސެންޓަރުތަކުގައި ކިޔަވައިދޭ މުވައްޒަފުންގެ އަތުގައި ޓީޗަރުކަން ކުރުމުގެ ލައިސެންސް ނުވަތަ ހުއްދައެއް އޮންނަން ޖެހެ އެވެ.
މި ގަވާއިދުގައި ވަނީ ސްކޫލް ފިޔަވާ ކުޑަކުދިންނަށް ކިޔަވައިދޭ އިތުރު ތަންތަނުގެ މަސްއޫލުވެރިންގެ ހުންނަ ޖެހޭ ޝަރުތުތަކާއި އަދާކުރަން ޖެހޭ ޒިންމާތަކާއި އަދި ކިޔަވައިދޭ އިމާރާތުގައި ފުރިހަމަ ވާން ޖެހޭނެ ކަންކަން ވެސް ހިމަނައިފަ އެވެ.
އެހެންކަމުން ޓިއުޝަން ސެންޓަރުތައް މިނިސްޓްރީން ރަޖިސްޓްރީ ކޮށްދޭނީ މި ތަންތަން ރަޖިސްޓްރީކޮށް ދޭނީ "މިނިމަމް ސްޓޭންޑަޑް ފެސިލިޓީސް" އަށް ފެތޭ ނަމަ އެވެ.
މަތީ ތައުލީމުގެ ގާނޫނުގެ ދަށުން މިދިޔަ ހަފުތާގައި ވަނީ ކޮލެޖުތަކާއި މަރުކަޒުތައް ރަޖިސްޓްރީކޮށް ހިންގުމުގެ ގަވާއިދެއް ހަދައި، އެތަންތަން ވެސް އަލުން ރަޖިސްޓްރީ ކުރަން އަންގައިފަ އެވެ.













