މީގެ ތިން އަހަރު ކުރިން 2018 ގައި ބޭއްވި ރިޔާސީ އިންތިހާބު އޮޅުވާލާފައިވާ ކަމަށް ބުނާ މައްސަލައިގައި ފުލުހުން ހިންގި ކަމަށް ބުނާ ތަހުގީގުގެ ލިޔުންތަކެއް ކަމަށް ބުނެ ދައުރު ކުރަމުންދަނީ ފޭކު ޑޮކިއުމެންޓުތަކެއް ކަމަށް ފުލުހުން ބުނެފި އެވެ.
ސޯޝަލް މީޑިޔާގައި އިއްޔެއިން ފެށިގެން ދައުރުކުރަމުންދަނީ އިންތިހާބުގެ ތަހުގީގުގައި ފުލުހުން ނަގާފައިވާ ކަމަށް ބުނާ 10 މީހެއްގެ ބަޔާނެވެ.
އެކަމާ ގުޅިގެން ފުލުހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރިޔާސީ އިންތިހާބާ ގުޅޭގޮތުން ފުލުހުންގެ ތަހުގީގީ ރިޕޯޓެއް ކަމަށް ބައެއް ފަރާތްތަކުން އާންމުކޮށްފައިވާ ލިޔުމަކީ ފުލުހުންގެ ލިޔުމެއް ކަމަށް ދެއްކުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ސައްހަ ނޫން ލިޔުމެއް ކަމަށެވެ.
އެގޮތުން ލިޔުމުގައި ބޭނުންކޮށްފައިވާ ފޯމެޓާއި ބޭނުންކޮށްފައިވާ ސްޓޭމްޕުގައި ފުށުއެރުންތަކެއް ހުރުމާއި ސްޓޭމްޕުގައި ފުލުހުންގެ މުއައްސަސާގެ ނަން ކަމަށް ބޭނުންކޮށްފައިވާ "ދިވެހި ފުލުހުންގެ ހިދުމަތް" މި ނަމަކީ ގާނޫނު ނަންބަރު 34/2020 ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނަށް އަމަލުކުރަން ފެށުމާ ގުޅިގެން ފުލުހުން ބޭނުންކުރަމުން އަންނަ ނަމެއް ކަމަށް ފުލުހުން ބުންޏެވެ.
ކުރީގެ ސްޓޭމްޕުގައި ފުލުހުން ބޭނުންކޮށްފައިވާ ނަމަކީ "މޯލްޑިވްސް ޕޮލިސް ސާވިސް" އެވެ.

މީގެ އިތުރުން ފުލުހުން ބުނީ އެހެންކަމުން، މިއީ ރައްޔިތުންގެ ހިތުގައި ދިވެހި ފުލުހުންގެ ހިދުމަތަށް އޮތް އިތުބާރާއި ޔަގީންކަން ކުޑަކުރުމުގެ ބޭނުމުގައި ހަދާފައިވާ ލިޔުމެއް ކަމަށް ފުލުހުން ބުންޏެވެ.
"އެލިޔުމަކީ ގަވާއިދާ ހިލާފަށް ފުލުހުންގެ ސިއްކަ ބޭނުންކޮށްގެން އުފައްދާފައިވާ ލިޔުމެއްކަމަށްވާތީ އެ މައްސަލަ ތަހުގީގު ކުރާނެ،" ފުލުހުން ބުންޏެވެ.












