ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މޭ 6 ވަނަ ދުވަހު ބޮން ގޮއްވާލި މައްސަލައިގައި ހިމެނޭ އަހުމަދު އަދުހަމަށް ހުކުމް ކުރުމަށް ބާއްވާ އަޑުއެހުން އަންނަ އަންގާރަ ދުވަހަށް ތާވަލްކޮށްފި އެވެ.
އަދުހަމަކީ މެއި 6 ވަނަ ދުވަހުގެ ރޭ އަތަމާ ޕެލަސް އިމާރާތުގެ އެތެރޭގަ ހުރެ ނަޝީދު ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ރިމޯޓެއް ބޭނުންކޮށް ބޮން ގޮއްވާލި މީހާ އެވެ.
ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ކަނޑައަޅައި، ސިއްރުން ކުރިއަށް ގެންދާ މި މައްސަލައިގެ އަޑުއެހުންތައް ހުކުމާއި ހަމައަށް ވާސިލްވެފައިވާކަން ހާމަކުރެއްވީ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުންނެވެ.
އެ އޮފީހުގެ ތަރުޖަމާން އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއު "އަދަދު" އަށް ކިޔައިދިން ގޮތުގައި މިއަދުގެ އަޑުއެހުމުގައި ޝަރީއަތުން ވަނީ އަދުހަމާއި އެކު ދައުލަތުން ހެދި އިއުތިރާފްގެ އެއްބަސްވުން ބަލައިގަނެފަ އެވެ.
ޝަފީއު ވިދާޅުވި ގޮތުގައި އެ އެއްބަސްވުމުގެ ދަށުން އޭނާއަށް 23 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބެލެވެ އެވެ.

އަދުހަމްގެ މައްޗަށް ދައުލަތުން ކުރަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމާއި، އެފަދަ އަމަލެއް ރޭވުމުގެ އިތުރުން ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުން އަދި ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ދައުވާ އެވެ.
ހަރުކަށި ފިކުރުގެ ގަބޫލުކުރުންތަކުގައި ސިކުނޑި ދޮވެވިފައި ހުރި ކަމަށް އާއިލާއިން ވެސް ބުނެފައިވާ އަދުހަމް ވަނީ ބޮން ގޮއްވާލި ކަމަށް އިއުތިރާފްވެ، އެ ހަމަލާއާ ގުޅޭގޮތުން އޭނާއަށް އެނގި ހުރި ގިނަ މައުލޫމާތުތައް ތަހުގީގަށް ދީފަ އެވެ.
އޭނާ ތަހުގީގަށް ދީފައިވާ މައުލޫމާތު ތަކުގެ ތެރޭގައި ނަޝީދު އަވަހާރަކޮށްލުމަށް ބޮން ގޮއްވާލުމުގެ ޓާސްކް ސެލްގެ ވެރިޔާ ކަމަށް ތުހުމަތު ކުރެވޭ އިސްހާގު ހަވާލުކުރުމުން އަދުހަމް އެ ކަންކަމާ ގުޅޭ ގޮތުން ސުވާލުކުރި ކަމަށާއި، އެކަމަކު ސުވާލު ގިނަ ކުރުމަކީ ދީނުގައި ހަރާމް ކަމެއް ކަމަށް ބުނެ އިސްހާގު އޭނާގެ ސުވާލުތައް ހުއްޓުވައި, ހަވާލުކުރި ޓާސްކު ކުރިއަށް ގެންދަން އެންގިކަމަށް އެނގިފައިވެ އެވެ.
ފުލުހުން އާންމުކުރި ގޮތުގައި ބޮން ގޮއްވުމުގެ ތުހުމަތަށް ހައްޔަރުކޮށް ދައުވާ އުފުލައިދޭން އެދިފައިވާ އެންމެން ވެސް ނިސްބަތްވަނީ އެއް ސެލްއަކަށެވެ. އެހެންވެ އެ އެންމެންނަށް ވެސް އެކަކު އަނެކަކު އެނގެ އެވެ.
އެކަމަކު ބޮން ގޮއްވާލުމުގައި, ހުރިހާ ރޭވުންތަކެއް އަދުހަމަށް ސާފެއް ނޫނެވެ. އޭނާ އަށް އޮޅުންފިލުވައިދީފައި އޮތީ, އެނގިފައިވާ ގޮތުގައި, ހަވާލުކުރި ޓާސްކް އެކަންޏެވެ. އަދި ހަމަލާގައި ހަރަކާތްތެރިވި ކޮންމެ މީހަކަށްވެސް އެނގޭނީ އެ މީހަކު ފުރިހަމަ ކުރަންޖެހޭ ޓާސްކު އެކަނިކަމަށް ވެސް އަދުހަމް ތަހުގީގުގައި ބުނެފައިވެ އެވެ.
އަދުހަމް، ނަޝީދަށް ފާރަލާން ފެށީ ހަމަލާގެ ތިން ދުވަސް ކުރިންނެވެ. ބޮން ހަރުކޮށްފައިވާ ސައިކަލް މަޖީދީމަގާއި ނީލޯފަރުމަގު ގުޅުނު ކަންމަތީގައި ބެހެއްޓީ ހަމަލާގެ އެއް ދުވަސްކުރިންނެވެ. ހުރިހާ ތައްޔާރީތައް ނިންމައި އަދުހަމް ރިމޯޓާ އެކު ގޮސް ނަޝީދުގެ އިންތިޒާރުގައި ހުރީ ހަމަލާގެ ގަޑިއެއްހާ އިރު ކުރިން ކަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ނެރުނު ރިޕޯޓުގައިވެސް އޮތެވެ.
އޭނާ މަޑުކޮށްގެން ހުރީ އަތަމާ ޕެލަސް އިމާރާތުގެ އެތެރޭގަ އެވެ. ނަޝީދު ކެނެރީގެއިން ނުކުމެވަޑައިގެން ކާރުކޮޅާ އަރާ ހަމަވުމާ އެކު ބޮން ގޮއްވާލުމަށް ފަހު އަދުހަމް އަތަމާ ޕެލަސް އިން ނުކުމެ ދުއްވައިގަތީ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އޭނާ ގޮސް ބައްދަލުކުރީ, ހަމަލާގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ މުޖާޒް އަހުމަދާ އެވެ. އޭގެ ފަހުން އެ މީހުން އެކުގައި އެތަނުން ނުކުމެގެން ގޮސް ޓީވީއެމް ކުރިމަތީގައި އޮންނަ ޕާކުގައި ވެސް މަޑުކޮށްގެން ތިއްބެވެ. ހަމަލާއަށް ފަހު ދެ މީހުން ދަތުރުކުރި މަގުތަކާއި މަޑުކުރި ތަންތަން އެނގޭ ވީޑިއޯއެއް ފުލުހުން އޮތީ އާންމު ވެސް ކޮށްފަ އެވެ.
މިއީ ރާއްޖޭގައި މިހާތަނަށް ގޮއްވާލި އެންމެ ބާރުގަދަ އައިއީޑީ ކަމަށް ރަސްމީ އިދާރާތަކުން ބުނާއިރު، މި ބޮން ހަދާފައި ވަނީ ބާޒާރުން އާއްމުކޮށް ލިބެން ހުރި ބާވަތްތައް ބޭނުންކޮށްގެންނެވެ. އޭގެއިން ދޭ ގެއްލުން ބޮޑުކުރަން އަޅާފައި ހުރީ ރޭޒާ ފުއްތަކެކެވެ.












