ގައިން ގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ފެނި އެކަން އެނގުމުން ރިޕޯޓް ކުރަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމުންނަށް ލާޒިމް ކޮށްފި އެވެ.
"ބަލިތައް ރިޕޯޓު ކުރުމާބެހޭ ގަވާއިދު" ގައި ބުނާ ގޮތުން މައުލޫމާތު އެކަން އެނގޭ ވަގުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ރިޕޯޓު ކުރަން ޖެހޭ ހާލަތްތަކަކީ ދުނިޔޭގައި ފެތުރެމުންދާ ބައްޔެއް ރާއްޖޭގައި ފެތުރޭކަމުގެ މައުލޫމާތެއް ލިބުމާއި އެފަދަ ބައްޔެއް މީހެއްގެ ކިބައިން ފެނުމެވެ. އަދި އެ ބަލި ހުރެދާނެކަމަށް އެކަށީގެންވާ ހެކިތަކުގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވޭނަމަ ނުވަތަ ބަލި ހުރި ފަރާތަކާ ދިމާވެފައިވާ ނަމަ ވެސް ރިޕޯޓްކުރަން ޖެހެ އެވެ.
ޑޮކްޓަރެއް، ނަރުހެއް ނުވަތަ ލެބޯޓަރީ ޓެކްނޮލޮޖިސްޓަކަށް ނުވަތަ ކަމާބެހޭ އެފަދަ އެހެން ފަރާތަކަށް ބައްޔެއްގެ އަލާމާތްތައް ހުރިކަމަށް ޝައްކުކުރެވޭނަމަ، އަދި ބަލި ފަތުރާ ޖަރާސީމު ހަށިގަނޑުގައި ހުރިކަމަށް ސާބިތުވާ ވަރަށް ހެތްކާއި މައުލޫމާތު ލިބިފައި ނުވިނަމަވެސް، ޝައްކުކުރެވޭ ކަމެއްގެ ގޮތުގައި ބަލައި، ގިނަވެގެން 12 ގަޑިއިރުގެ ތެރޭގައި ސިއްހީ ހިދުމަތްތެރިއަކު، އެޖެންސީއަށް އެކަން ރިޕޯޓު ކުރަން ޖެހެ އެވެ.
މީހެއްގެ މަރުގެ ސެޓްފިކެޓުގައި ސޮއިކުރާ ޑޮކްޓަރަކަށް، އެ މީހަކު މަރުވެފައިވަނީ، ރިޕޯޓުކުރަންޖެހޭ ބައްޔެއްގެ ސަބަބުންކަމުގެ އެއްވެސް އަލާމާތެއް ފާހަގަކުރެވިއްޖެނަމަ، އެ ވަގުތުން ފެށިގެން ދެ ގަޑިއިރުގެ ތެރޭގައި އެކަން ރިޕޯޓް ކުރަންވާނެ ކަމަށްވެސް އެޗްޕީއޭން ބުނެ އެވެ.
އަދި އެ މީހާ މަރުވެފައިވަނީ ރިޕޯޓް ކުރަންޖެހޭ ނުރައްކާތެރި ބައްޔެއް ޖެހިގެން ކަމަށް ވާނަމަ، އެ ފަދަ މީހުންނާމެދު އަމަލުކުރަންވާނީ "ނުރައްކާތެރި ބައްޔެއް ޖެހިގެން މަރުވާ މީހުންނާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދު" ގައިވާ ގޮތުގެ މަތީން ކަމަށް ވެސް އޭގައިވެ އެވެ.

ސްކޫލެއްގެ ޕްރިންސިޕަލަށް، ނުވަތަ އެ ސްކޫލެއް ހިންގުމާ ހަވާލުވެ ހުރި އެހެން މީހަކަށް އެ ސްކޫލެއްގެ ދަރިވަރެއްގެ ގައިގައި ނުވަތަ އެ ސްކޫލުގައި މަސައްކަތްކުރާ މީހެއްގެ ގައިގައި ރިޕޯޓު ކުރަންޖެހޭ ބައްޔެއް ހުރިކަމަށް ނުވަތަ ހުރެދާނެކަމަށް ގަބޫލުކުރެވޭނަމަ، ނުވަތަ އެފަދަ ބައްޔެއް އެއްވެސް އިރެއްގައި އޭނާގެ ގައިގައި ހުރިކަމަށް ގަބޫލުކުރެވޭނަމަ، އެކަން އެނގޭ ވަގުތުން ފެށިގެން، ގިނަވެގެން 12 ގަޑިއިރުގެ ތެރޭގައި ރިޕޯޓްކުރަން ޖެހެ އެވެ.
އެއްވެސް މަރުކަޒެއް ހިންގުމާ ހަވާލުވެހުރި މީހަކަށް، އެ މަރުކަޒުގައި ހުރި މީހެއްގެ ގައިގައި ނުވަތަ މުވައްޒަފެއްގެ ގައިގައި ރިޕޯޓްކުރަންޖެހޭ ބައްޔެއް ހުރިކަމަށް ނުވަތަ ހުރެދާނެކަމަށް ގަބޫލުކުރެވޭނަމަ، ނުވަތަ އެފަދަ ބައްޔެއް އެއްވެސް އިރެއްގައި އޭނާ ގައިގައި ހުރިކަމަށް ގަބޫލުކުރެވޭނަމަ، އެކަން އެނގޭ ވަގުތުން ފެށިގެން ގިނަވެގެން 12 ގަޑިއިރުގެ ތެރޭގައި ރިޕޯޓްކުރަންވާނެ ކަމަށް ވެސް އެޗްޕީއޭން ބުނެ އެވެ.
މީގެ އިތުރުން އެޗްޕީއޭން ބުނީ ޑޮކްޓަރަކަށް ނުވަތަ ނަރުހަކަށް ނުވަތަ މަރުކަޒެއް ހިންގުމާ ހަވާލުވެހުރި ފަރާތަށް ވަކި ބައްޔަކީ ނުރައްކައުތެރި ބައްޔެއްކަމަށް ފާހަގަކުރެވި، އަދި އެ ބަލި ފެތުރެމުންދަނީ އާންމުކޮށް އެ ބަލި ފެތުރޭ ނިސްބަތަށްވުރެ އަވަހަށް ކަމަށް ނުވަތަ ބޮޑަށްކަމަށް ނުވަތަ ބާރަށްކަމަށް ފާހަގަކުރެވޭނަމަ، ލަސްނުކޮށް ޑިރެކްޓާ ޖެނެރަލަށް އެކަން އަންގަންވާނެ ކަމަށެވެ.
ރިޕޯޓުކުރަންޖެހޭ ގޮތް
އެ ގަވާއިދުގެ ދަށުން ރިޕޯޓުކުރަންޖެހޭ ބަލިތައް ރިޕޯޓުކުރުމާ ގުޅޭ ހޮޓްލައިން ނަމްބަރެއް ނުވަތަ އޮންލައިން ޕޯޓަލެއް ފަދަ ނިޒާމެއް، އެ ގަވާއިދަށް އަމަލުކުރަން ފަށާތާ 20 ދުވަހުގެ ތެރޭގައި ގާއިމުކޮށް އެކަން އާންމު ކުރަން ޖެހެ އެވެ.
ނަމަވެސް، ނުރައްކާތެރި ބަލިތަކާ ރިޕޯޓު ކުރަންޖެހޭ އެހެނިހެން ބަލިތައް ރިޕޯޓުކުރުމަށް ބޭނުންކުރާ ފޯމު އާންމުކުރަން ވެސް ލާޒިމް ކޮށްފައިވެ އެވެ.
ރިޕޯޓުކުރަންޖެހޭ ބައްޔެއްކަމަށް ކަނޑައަޅައިފައި ނުވިނަމަވެސް، އިތުރު ތަހުލީލުތައް ކުރަންޖެހޭ ފަދަ ބައްޔެއް މީހެއްގެ ގައިގައި ހުރިކަމަށް ބެލޭވޭނަމަ ނުވަތަ އެފަދަ ބައްޔެއްގެ އަލާމާތްތައް ބަލި މީހާގެ ކިބައިން ފާހަގަވާނަމަ، އެ ގަވާއިދުގެ ދަށުން އާންމުކުރާ ސްޕެޝަލް އިންވެސްޓިގޭޝަން ފޯމު މެދުވެރިކޮށް އެޖެންސީއަށް އެކަން ރިޕޯޓުކުރަން ޖެހެ އެވެ.












