އެކި ގޮތްގޮތުން ދައުވަތު ދީގެން ވިލިމާލޭގައި ހުންނަ ގެސްޓްހައުސަކަށް ގެންގޮސް ބިރުދައްކާ ބްލެކްމެއިލްކޮށް ފޭރެމުންދާ ނެޓްވޯކެއް ފާހަގަ ކުރެވިފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ފުލުހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރޮބަރީ، ތެފްޓް އެންޑް އޯގަނައިޒްޑް ކްރައިމް އިންވެސްޓިގޭޝަންސްގެ ހެޑް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ލަތީފް ވިދާޅުވި ގޮތުގައި އެފަދަ ފަސް މައްސަލައެއް ވަނީ ފާހަގަކުރެވިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ ތެރޭން ފާހަގަވި ދެ މައްސަލައަކާއި ވިލިމާލެ ގެސްޓްހަައުސްއަކަށް ގެންގޮސްފައިވާ ތިން މައްސަލައެެކެވެ.
މިއީ އޮކްޓޫބަރު 16 ވަނަ ދުވަހުން ފެށިގެން ނޮވެންބަރު 17 ވަނަ ދުވަހުގެ ނިޔަލަށް އެކި ދުވަސްމަތިން ހުށްހެޅުނު މައްސަލަތަކެކެވެ. ފުލުހުން ބުނި ގޮތުން ގެސްޓްހައުސްތަކަށް އެމީހުން ގެންދަނީ ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގެ ޒަރިޔާއިން ދައުވަތު ދީގެން ކަމަށެވެ.
"ސޯޝަލް މީޑިއާގެ އެޕްލިކޭޝަނެއް ކަމަށްވާ ސްނެޕްޗެޓް ބޭނުން ކޮށްގެން ވާހަކަ ދައްކާ އޮޅުވާލައިގެން އެކި މީސްމީހުން ވިލިމާލޭގައި ހުންނަ ގެސްޓް ހައުސަކަށް ގެންދިއުމަށްފަހު ހުއްދަ ނޫން ގޮތުގައި ހިފަހައްޓާ ގުރޫޕު ހަދައިގެން ތޫނު ހަތިޔާރު ބޭނުން ކޮށްގެން ބިރުދައްކާ ބަރަހަނާ ކޮށް، ބަރަހަނާ މަންޒަރު ފެންނަ ފޮޓޯ އާއި ވީޑޯކޮށް ފައިސާ ފޭރެމުންދިޔަ ތިން މައްސަލަ ހުށަހަޅާފައިވޭ،" ލަތީފް ވިދާޅުވި އެވެ.
އެ އަމަލު ހިންގުމުގައި ވިލިމާލޭގައި ހަރަކާތެރިވާ ކުއްކުރާ ނެޓްވޯކެއް ތަހުގީހަށް ފާހަގަ ވެފައިވާ ކަމަށް ވެސް ލަތީފް ވިދާޅުވި އެވެ.

"އެ ނެޓްވޯކްގައި ހިމެނޭ ކަމަށް މިހާތަނަށް ތަހުގީގަށް ފާހަގަކުރެވިފައިވާ މީހުންނަކީ ވައްކަމާއި ފޭރުމާއި އަދި މަސްތުވާތަކެތީގެ ކުށުގައި މީގެ ކުރީން ހައްޔަރުކޮށްފައިވާ މީހުން ހިމެނޭކަން ފާހަގަކޮށްލަން. އަދި މި ނެޓްވޯކްގައި އަންހެނުންނާއި ފިރިހެނުންވެސް ހަރަކާތްތެރިވާކަން ފާހަގަކުރެވޭ،" ލަތީފް ވިދާޅުވި އެވެ.
އެގޮތުން އޭނާ ވިދާޅުވީ 18 އަހަރު ނުފުރޭ ކުޑަ އަންހެން ކުއްޖަކު ވެސް އެ ނެޓްވޯކް ހިންގުމުގައި ބައިވެރިކުރުވާކަން ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
ގެސްޓްހައުސަށް ގެންގޮސް ނެޓްވޯކުން ކަން ކުރާ ގޮތް
ވިލިމާލޭގައި އެ ނެޓްވޯކް ހަރަކާތްތެރިވާތާ ވަރަށް ގިނަ ދުވަސް ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފޭރުމުގެ އެ އަމަލު ހިންގުމުގެ ކުރީން އެ މީހުން އަނިޔާ ލިބުނު މީހާއާ ގާތް ގުޅުމެއް އުފައްދަ އެވެ. އަދި އެ ގުޅުމުގެ ސަބަބުން ވަކި ތަނަކުން ބައްދަލުކުރަން އެދި އެ ތަނަކަށް ގެންދެ އެވެ. އެއަށްފަހު ގެސްޓްހައުސްއަކަށް ގެންދެ އެވެ.
އެއަށްފަހު ނެޓްވޯކުގައި ހިމެނޭ އިތުރު މީހުން އެތަނަށް ގޮސް ޝިކާރައަކަށްވާ މީހާއަށް އަނިޔާކޮށް ބަރަހަނާކޮށް ބިރުދައްކާ ވީޑިއޯ އާއި ފޮޓޯ ނަގަ އެވެ. އަދި އެމީހާގެ ކޭސްކާޑު އަތުލާ ޕިން ނަންބަރު ހޯދައިގެން އެކި އޭޓީއެމްތަކަށް ގެންގޮސް ފައިސާ ނަގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
"އެކި ފަހަރު މަތިން އަނިޔާ ލިބުނު މީހާއަށް ގުޅާ ފޮޓޯތަކާއި ވީޑިއޯ ލީކުކޮށްލާނެ ކަމަށް އިންޒާރުދީ ބިރުދައްކާ އިތުރަށް ފައިސާ ހޯދަން މަސައްކަތްކޮށްފައިވޭ،"
ވިލިމާލެ ނެޓްވޯކްގެ މީހުން ބޮޑަށް ބަލަނީ މަސްވެރިންނާއި އޮޑިދޯނިފަހަރުގައި މަސައްކަތް ކުރާ މީހުންނަށް ޓާގެޓްކޮށް ކަމަށް ވެސް ފުލުހުން ބުންޏެވެ.
"ފޭރުމުގެ އަމަލު ހިންގުމަށް ފަހު އެ މީހުންގެ ބަރަހަނާކޮށް ވީޑިއޯއާ ފޮޓޯ ނަގާ ބިރުދައްކާ އިންޒާރުދޭ. އަދި ފުލުހުންނަށް ރިޕޯޓްކޮށްފިނަމަ ވީޑިއޯތަކާއި ފޮޓޯތައް ލީކުކޮށްލާނެ ކަމުގެ އިންޒާރު ދިނުމަށްފަހު ދޫކޮށްލާ. އެ ތިން ހާދިސާގައިވެސް އެ މީހުން ގެންގޮސްފައިވަނީ ވިިލިމާލޭގައި ހުންނަ "މެލެއިމާ ގެސްޓްހައުސް" އަށް،" ލަތީފް ވިދާޅުވި އެވެ.
ލަތީފް ވިދާޅުވި ގޮތުގައި އެ މައްސަލައާ ގުޅިގެން 31 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް ތަހުގީގު ހިނގަމުންދާ ކަމަށެވެ. އެ ދެ މީހުންނަކީ ވެސް ކުށުގެ ރެކޯޑް އޮތް މީހުންނެވެ.
ގަދަކަމުން ގެންގޮސް އަނިޔާކޮށް ފޭރުނު މައްސަލައެއް
ވިލިމާލޭގެ އިތުރުން ހުޅުމާލެ އާއި މާލޭގެ ގެސްޓްހައުސްތަކުން ކޮޓަރި ކުއްޔަށް ނެގުމަށްފަހު މީހުން ގެންދާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
އެގޮތުން ފުލުހުން ފާހަގަ ކުރީ ގަދަކަމުން ދެ މީހަކު ކާރެއްގެ ޑިކީއަށް ލައިގެން ގެންގޮސް އަނިޔާ ކުރި މައްސަލައެއް ފުލުހުން ތަހްގީގު ކުރަން ފަށައިފައިވާ ކަމަށެވެ. މިދިޔަ މަހުގެ 26 ވަނަ ދުވަހު ހިނގި އެ ހާދިސާ އެމީހުންނަށް ޖިސްމާނީ ގޮތުން ބޮޑެތި އަނިޔާތަކެއް ކޮށްފައިވާ ކަމަށް ލަތީފް ވިދާޅުވި އެވެ.
އެ މައްސަލަ ހުށަހެޅުމާ ގުޅިގެން އިތުރަށް ތަހުގީގު ކުރި ކުރުމުން މިކަމަކީ މާލޭގެ ގެއަކުން ކޮށްފައިވާ ވައްކަމަކާ ގުޅިގެން ހިނގި ހާދިސާއެއްކަން އެނގިފައިވާ ކަމަށް ވެސް ލަތީފް ވިދާޅުވި އެވެ.
"އެ މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށް، މައްސަލަ ހުށަހެޅި ފަރާތުން އިސްވެ ހުރެ ވައްކަމުގައި ހަރަކާތްތެރިވި މީހުން ވަނީ ހޯދާފައި. އަދި އެމީހުން ވަގަށް ނެގި ކަމަށް ބުނާ ތަކެތި ހޯދުމުގެ ބޭނުގައި ދެ މީހުން ކާރެއްގެ ޑިކީ ތެރެއަށްލާ ބަންދުކުރުމަށް ފަހު ހުޅުމާލެއަށް ގެންދިޔަ ކަމަށް ތަހުގީގަށް ފާހަގަ ވެފައިވޭ،" ލަތީފް ވިދާޅުވި އެވެ.
އެއަށްފަހު ހުޅުމާލެއިން އެ ކާރުގައި ގޮސް، މާފަންނު ސަރަހައްދުގައި ހުރި ގެއެއްގެ ގަރާޖުގެ ތެރެއަށް އެ ދެ މީހުން ވެއްދުމަށް ފަހު ޖިސްމާނީ ގޮތުން ބޮޑެތި އަނިޔާތަކެއް ދީފައިވާކަން ތަހުގީގުން މިހާތަނަށް ލިބިފައި ހުރި މައުލޫމާތުތަކުން އެނގޭ ކަމަށް ވެސް ލަތީފު ވިދާޅުވި އެވެ.
ލަތީފު ވިދާޅުވީ އެމައްސަލައިގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރު ކުރި ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 21 އަހަރާއި 36 އަހަރުގެ ފިރިހެނުންނެވެ. ކޯޓުން ބަންދުގެ މުއްދަތު ތިން މީހަކަށް ޖަހައި ދިންއިރު ހަތަރު ވަނަ މީހާ ވަނީ ޝަރުތުތަކަކާއެކު ދޫކޮށްލާފަ އެވެ.












