އެންޓި ކޮރަޕްޝަން ކޮމިޝްނ (އޭސީސީ)ގެ ހުރިހާ މެމްބަރުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ނިންމައިފި އެވެ.
މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ ފަރާތުން ކޮރަޕްޝަންގެ މައްސަލަތައް ބަލާ ކޮމިޝަނުގެ ފަސް މެމްބަރުން ވަކި ކުރުމަށް ނިންމީ އޮޑިޓް އޮފީސް މެދުވެރިކޮށް އޭސީސީގެ ޕާފޯމަންސް އޮޑިޓެއް ހެދުމަށްފަހު އެވެ.
އޭސީސީގެ މެމްބަރުން މަގާމުން ވަކި ކުރުމަށް މިއަދު ފާސްކޮށްފައި ވަނީ ވެރިކަން ހިންގާ އެމްޑީޕީގެ އަގުލަބިއްޔަތު އޮންނަ ކޮމެޓީއަށް ހާޒިރުވި އަށް މެމްބަރުންގެ ތެރެއިން ހަތް މެމްބަރުންގެ ވޯޓުންނެވެ. މެމްބަރުން ވަކިކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އެކަންޏެވެ.
ކޮމިޓީން މިގޮތަށް ފާސްކޮށްފައިވާއިރު އެ މައްސަލަ ދެން ހުށަހަޅާނީ މަޖިލީހުގެ ތަޅުމަށެވެ. މެންބަރުން މަގާމުން ވަކިވާނީ ތަޅުމުން އެގޮތަށް ފާސްކޮށްފިނަމަ އެވެ.
ވަކިކުރުމަށް ނިންމި އޭސީސީގެ ފަސް މެންބަރުންނަކީ މަރިޔަމް ޝިއުނާ (ރައީސް) އާއި ފާތުމަތު އަނޫލާ އާއި އިބްރާހިމް ޝަކީލާއި އައިޝަތު އަބްދުﷲ އަދި އަލީ އަޝްރަފެވެ. މީގެތެރެއިން އަލީ އަޝްރަފު ވަނީ މިދިޔަ ހަފުތާގެ ތެރޭ އިސްތިއުފާ ދެއްވާފަ އެވެ.

އޮޑިޓްގައި ފާހަގަކޮށްފައިވާ ގޮތުގައި އޭސީސީއަށް އެކަށީގެންވާ މިންވަރަކަށް މައްސަލަތައް ނުބެލެ އެވެ. ނުނިމި ގިނަ ދުވަސްވެފައިވާ މައްސަލަތައް ގިނަކަން ފާހަގަކޮށް އޭސީސީން ކޮމިޝަނަށް ލިބިފައިވާ ބާރުގެ ބޭނުން ނުކުރާކަން ވެސް ފާހަގަ ކޮށްފައިވެ އެވެ.
އޮޑިޓްގައި އެކަން ފާހަގަކުރުމުން އެކަމުގެ ކަންބޮޑުވުން މެންބަރުން ފާޅު ކުރެއްވި އެވެ. އަދި, އޮޑިޓަށް ބެލުމަށްފަހު އެ މެންބަރުން މަގާމުގައި ބޭއްތިބުމަށް އެކަށީގެން ނުވާ ކަމަށް ވިދާޅުވެ, މެންބަރުން ވަކިކުރުމަށް އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު ހުށަހެޅުއްވި އެވެ.
އެންމެފަހުން ކޮމިޓީއަށް އޭސީސީގެ މެންބަރުން ހާޒިރުކޮށް މައްސަލަތައް ލަސްވާ ސަބަބާ ގުޅޭ ގޮތުން ސުވާލު ކުރުމުން ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެފައިވަނީ ކޮމިޝަނަށް އިތުރު މުވައްޒަފުން ވެސް ބޭނުންވާ ކަމަށެވެ. އެކަމަށް ޕްރޮޕޯޒަލްއެއް ހަދައި ފިނޭންސް މިނިސްޓްރީއަށް ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށެވެ.
"މި ވީކް ތެރޭގައި ނޫނީ ނެކްސްޓް ވީކް ތެރޭގަ އަޅުގަނޑުމެން ފިނޭންސް މިނިސްޓްރީއާ ބައްދަލުވުމެއް ބާއްވާނަން މި ބުނާ ޕްރޮޕޯޒަލްއާ ގުޅިގެން. މި ބުނާ އިތުރު 12 ސްޓާފު އަޅުގަނޑުމެންނަށް އެބަ ބޭނުންވޭ. ގާތްގަނޑަކަށް އެރައުންޑް 4 މިލިއަން ރުފިޔާ އަޅުގަނޑުމެންނަށް އިތުރަށް ބޭނުންވާނެ. މި ތަހުގީގު އެކްސްޕެކްޓް ކުރާ ސްޕީޑުގައި އަނެއްކާ ކަން ހިނގާފަ އޮތް ގޮތަށް ބަލާނަމަ، އެ މުއްދަތަށް ބަލާނަމަ، އެ ސްޕީޑުގައި ގެންދަން ބޭނުންވާނަމަ އެބަ ބޭނުންވޭ 12 މުވައްޒަފުން،" އެ ދުވަހު ޝިއުނާ ވިދާޅުވި އެވެ.
އޭސީސީއަށް މުވައްޒަފުންގެ އަދަދު މަދުވުމުގެ ސަބަބެއް ކަމަށް ޝިއުނާ ފާހަގަކުރެއްވީ، ގިނަ ދުވަސްތަކެއް ވަންދެން އެމްއެމްޕީއާރުސީ މައްސަލައިގައި ހަރަކާތްތެރިވާ ބައެއް މުވައްޒަފުން ވަޒީފާއިން ކެނޑިގެން ދިޔުމެވެ.
އަދި އެގޮތަށް ކެނޑިގެން ދަނީ ވަޒީފާގެ ކުރިއެރުމާއި މުސާރައިގެ މައްސަލަތަކެއް ވެސް ހުރުމުންކަމަށް ޝިއުނާ ވިދާޅުވި އެވެ. އެހެންކަމުން އެމްއެމްޕީއާރުސީ މައްސަލައަށް އާ ރެކްރޫޓެއް ނަގައި، ޓްރެއިންކޮށް އަދި ކޭސްއަށް ވެއްދުމަކީ ދަތިކަމެއްކަމަށް ޝިއުނާ ފާހަގަކުރެއްވި އެވެ.
އަދި ޕޮލިހާއި އެސެޓް ރިކަވަރީ ކޮމިޝަނުގައި ވެސް މުވައްޒަފުންގެ ދަތިތައް އެބަހުރިކަމަށް ޝިއުނާ ވިދާޅުވި އެވެ. އެހެންކަމުން ފުލް ޓައިމްކޮށް އެ ތަހުގީގަށް މުވައްޒަފުން ނެތުމުން ތަހުގީގު ލަސްވާކަމަށް އޭނާ ވިދާޅުވި އެވެ.













