ކޮވިޑް-19 ގެ ވެކްސިން ނުޖަހަނީސް، ވެކްސިން ޖެހި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)ގެ ސިސްޓަމަށް އެންޓާ ނުކުރާކަމުގެ ޔަގީންކަން ނުދެވޭނެ ކަމަށް ކޮމިޝަނާ އޮފް ކޮލިޓީ އެޝުއެރެންސް ތަސްލީމާ އުސްމާން މިއަދު ވިދާޅުވެއްޖެ އެވެ.
އެޗްޕީއޭގެ މުވައްޒަފުންނަށް ރިޝްވަތު ދީގެން، ވެކްސިން ޖެހި ކަމަށް ސިސްޓަމަށް އެންޓާ ކުރަމުންދާ ކަމަށް ބައެއް ނޫސްތަކުގައި ލިޔުމާ ގުޅިގެން، "އަދަދު"އިން ސުވާލު ކުރުމުން ތަސްލީމާ ވިދާޅުވީ ރިޝްވަތު ދީގެން ސިސްޓަމަށް ސައްހަ ނޫން މައުލޫމާތު އެންޓާ ކުރަމުންދާކަން ނުވަތަ ނޫންކަން އޭނާއަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
އޭގެ އިތުރުން، ވެކްސިން ޖެހިކަމަށް ދައްކުވައިދޭ ވަގު ކަރުދާސް ކާޑުތަކެއް ހެދި މައްސަލަތަކެއް މީގެ ކުރިން ފުލުހުންނަށް ހުށަހަޅާފައިވާކަން ފާހަގަ ކުރައްވަމުން ތަސްލީމާ ވިދާޅުވީ އެ މައްސަލައިގައި އިތުރަށް ވާހަކަ ދެއްކޭނީ "ސިސްޓަމް ބަލަހައްޓާ މީހުންނާ ވާހަކަ ދައްކާލުމަށްފަހު" ކަމަށެވެ.
ސިއްހީ ހިދުމަތްދިނުމުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ރާއްޖޭގައި ދޭ ސިއްހީ ހިދުމަތުގެ ފެންވަރު ކަށަވަރު ކުރުމަކީ ކޮލިޓީ އެޝުއެރެންސް ކޮމިޝަނަރުގެ ޒިންމާއެކެވެ. އަދި "ސިއްހީ ހިދުމަތްދޭ ތަންތަނުން ލިބިދޭންޖެހޭ އަދި ފޯރުކޮށްދޭ ހިދުމަތްތައް ދެމުންގެންދަނީ ކަނޑައެޅިފައިވާ ގަވާއިދުތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންތޯ" ބެލުމަކީ ވެސް ކޮމިޝަނަރުގެ ޒިންމާއެކެވެ.
ވެކްސިނަށް މަކަރު ހަދާކަމަށް އަޑުފެތުރިފައި މި ވަނީ ވެކްސިން ނުޖަހާ މީހުން ދަތުރު ކުރާއިރު ޕީސީއާރް ޓެސްޓު ހަދަންޖެހޭ ގޮތަށް އަމަލު ކުރަމުންދަނިކޮށެވެ.

އެޗްޕީއޭގެ ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި ދިރިއުޅޭ 360،000 ވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފަ އެވެ. އަދި 16،500 މީހަކު ވަނީ ތިން ވަނަ ބޫސްޓާ ޑޯޒެއް ޖަހައިފަ އެވެ.













