އަރަބިއްޔާ ސުކޫލުގެ އިމާރާތާ ގުޅިގެން ހަދަމުންދާ އެސެސްމެންޓަށްފަހު ކުދިންގެ ރައްކާތެރިކަމަށްޓަކައި އިމާރާތް ހުސްކުރަން ޖެހިއްޖެ ހާލަތަކަށް މިނިސްޓްރީން ތައްޔާރަށް ތިބި ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އަރަބިއްޔާ ސްކޫލު ހިންގަމުން އަންނަ އިމާރާތުގައި ވަނީ ބޮޑެތި ރެނދުތަކެއް ލާފަ އެވެ. އެ އިމާރާތުގެ ތަނބުތަކުން ބައިބައި ވެއްޓެމުން އަންނަ ކަމަށާއި އަދި އެ ސްޖޫލުގައި ކިޔަވާ ދަރިވަރުންގެ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެ ބައެއް ބެލެނިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ "އަދަދު"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އަރަބިއްޔާ ސްކޫލުގެ މައްސަލައިގައި މިނިސްޓްރީ އާއި ސްކޫލުގެ ޕީޓީއޭއާ ދެ ފަހަރެއްގެ މަތިން ބައްދަލުކޮށް ސްކޫލުގެ ހާލަތާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
"ބެލެނިވެރިން އަދި އެހާ ބޭނުމެއް ނުވޭ އަރަބިއްޔާ މިހާރު ހުރި އިމާރާތް ދޫކޮށްލާފަ ދާކަށް. އަދި ބޭނުންވަނީ އެސިސްމެންޓް ނިމެންދެން ތިބެން. އަޅުގަނޑުމެން ޕީޓީއޭ އާ ޑިސްކަސް ކޮށްލީމަ ޕީޓީއޭ އަކުން އަދި އެހާ ބޭނުމެއް ނުވޭ ދޫކޮށްލާކަށް،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިހާރުގެ ޕްލޭނަކީ ދެ މަސް ދުވަހުން ނިންމުމަށް ހަވާލުކޮށްފައިވާ އިމާރާތުގައި ސްޓްރަކްޗަރަލް އެސެސްމެންޓަށްފަހު ގޮތެއް ނިންމުމެވެ. އެ އެސެސްމެންޓް ހެދުމަށް މިނިސްޓްރީން ހަވާލު ކޮށްފައި ވަނީ މި މަހުގެ 21 ވަނަ ދުވަހު އެވެ. އެސެސްމެންޓުން ފާހަގަވާ ކަންކަމުގެ ރިޕޯޓެއް އަންނަ އަހަރުގެ ޖެނުއަރީ މަހު 21 ވަނަ ދުވަހު މިނިސްޓްރީއަށް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ބަދަލުކުރަންޏާ ކުރާނީ އިއްޒުއްދީން ސްކޫލަށް"
އަންނަ ޖެނުއަރީއަށް ނިންމުމަށް ދީފައިވާ އެ ސްޓްރަކްޗަރަލް އެސެސްމެންޓަށްފަހު އަރަބިއްޔާ އިމާރާތަކީ ކުދިންނަށް ރައްކާތެރި އިމާރާތެއް ނޫން ކަމަށް އަންގައިފިނަމަ ދެން ކަންތައް ކުރާނެ ގޮތުގެ ޕްލޭނެއް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.
އެ ޕްލޭންގައިވާ ކަންކަން މިނިސްޓްރީން ވަނީ އަރަބިއްޔާ ސްކޫލުގެ ޕީޓީއޭއާ ވެސް ހިއްސާކޮށްފަ އެވެ. އެގޮތުން, މިނިސްޓްރީން ހުށަހެޅީ ދެ ގޮތަކަށެވެ. އެއްގޮތަކީ އޮންލައިންކޮށް ކުދިން ކިޔެވުމަށް ބަދަލު ކުރުން ނުވަތަ މާލޭގެ އެހެން ސްކޫލަކަށް އަރަބިއްޔާ ދަރިވަރުން ބަދަލުކުރުމެވެ.
"މިނިސްޓްރީގެ މިހާރުގެ ޕްލޭނަކީ އެސެސްމެންޓަށް ބަލާފަ ކުދިން ބަދަލުކުރަން އަންގައިފިނަމަ ބަދަލު ކުރާނެ ސްކޫލަކަށް ނިންމާފައި ވަނީ އިއްޒުއްދީން ސްކޫލު. އެ ސްކޫލަށް ބަދަލުކުރަން ޖާގަވެސް އެބަ އޮތް. 700 އެއްހާ ކުދިން އަރަބިއްޔާގަ ތިބީ،" މިނިސްޓްރީން ބުންޏެވެ.
އިއްޒުއްދީން ސްކޫލުގައި މިހާރު ޖުމްލަ 200 އެއްހާ ދަރިވަރުން ކިޔަވަމުންދާއިރު އެ ސްކޫލުގައި 1،000 އަށްވުރެ ގިނަ ކުދިންނަށް ކިޔަވައިދޭނެ ޖާގަ އެބަ ހުއްޓެކެވެ.
ނަމަވެސް ސްކޫލުތަކުގެ މިޑް ޓާމް ޗުއްޓީއަށް ކުރިއަށް އޮވެ، ކިޔެވުމަށް އޮތީ މަދު ދުވަސްކޮޅަކަށް ވުމުން ބެލެނިވެރި ބޭނުން ވަނީ އަރަބިއްޔާގައި ތިބުމަށް ކަމަށް މިނިސްޓްރީން ބުންޏެވެ. އެހެން ކަމުން މިވަގުތު ކުދިންގެ ރައްކާތެރި ކަމަށް ރެނދުލާފައިވާ ހިސާބުތަކުގައި ވަނީ ސޭފްޓީ ނެޓް ދަމާފަ އެވެ.
"ބެލެނިވެރިން ބޭނުމެއް ނުވޭ އޮންލައިންކޮށް ކުރިއަށް ގެންދާކަށްވެސް އިއްޒުއްދީނަށް ބަދަލު ކުރާކަށްވެސް. އަދި ބޭނުން ވަނީ އެސެސްމެންޓް ނިމެންދެން މަޑުކޮށްލަން. އެހެންވެ ތަނބުތައް ހަލާކުވެފަ ހުރީމަ އެތަނުން އެތިކޮޅެއް ވެޓި ކުއްޖަކަށް އަނިޔާ ވެދާނެތީ މިހާރު ހުންނާނީ ނެޓެއް ދަމާފަ. ސޭފް ނެޓެއް. އެ އެތިކޮޅެއް ވެއްޓިދާނެ އޭރިޔާއަށް ބަލާފައި،" މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީގެ ޕްލޭނަކީ އިއްޒުއްދީނަށް ބަދަލުކުރި ނަމަވެސް އަރަބިއްޔާ އެ ސްކޫލުގެ ގޮތުގައި ކުރިއަށް ގެނދިއުމެވެ.
"އިއްޒުއްދީނަށް ބަދަލު ކުރިޔަސް ގެންދާނީ ހަމަ އަރަބިއްޔާ ގޮތަށް. ދެ ސެޝަނަށް. ދެ ސްކޫލެއް ގޮތަށް ހަމަ. މަތީގަ ކްލާސްތައް އެބަ ހުރި އިއްޒުއްދީންގަ. އެއީ ސިންގަލް ސެޝަން ސްކޫލެއް އެހެންވީމަ ބައިވަރު އެބަހުރި ބޭނުން ނުކުރާ ކްލާސްތައް. މެންދުރު ފަހު އެއްބައި ކުދިން އަނެއްބައި ކުދިން ހެނދުނު ގެންނަ ގޮތަށް،" މިނިސްޓްރީން ބުންޏެވެ.
"މިނިސްޓްރީން އަރަބިއްޔާ ކުދިންނަށް ދެރަ ގޮތެއް ނުހަދާނެ. އަރަބިއްޔާއަށް ވެސް ދެރަ ގޮތެއް ނަހަދާނެ. އަރަބިއްޔާ އަރަބިއްޔާގެ ގޮތުގަ ދެމިހުންނާނެ. އެހެން ސްކޫލަކަށް ބަދަލު ކުރިޔަސް އަރަބިއްޔާ އަރަބިއްޔާގެ ގޮތުގަ ހިނގާނީ. ހަމަ އެ ކަރިކިއުލަމްގައި،"
އަރަބިއްޔާ ސްކޫލު އަޅާ ނިންމީ ދެ ބަޔަކާ ހަވާލުކޮށްގެންނެވެ. އެގޮތުން އެ ޕްރޮޖެކްޓުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ 2 މާޗް 2011ގަ އެވެ. ފުރަތަމަ މަސައްކަތް ހަވާލު ކުރި މީހުން މިނިސްޓްރީން ހިތްހަމަ ޖެހޭ މިންވަރަށް މަސައްކަތް ކުރިއަށް ނުގެންދާތީ ޖުލައި 20، 2011ގައި ޓާމިނޭޓް ކުރި އެވެ. އެއަށްފަހު އޮގަސްޓް 25، 2011ގައި އަނެއްކާ އަލުން ބަޔަކާ ހަވާލުކޮށް މަސައްކަތް ނިންމި އެވެ.
އަރަބިއްޔާ ހުޅުވާފައި ވަނީ 2013ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.













