ތ އަތޮޅު ރަށްތަކުގައި އިރުގެ އަލިން ހަކަތަ އުފެއްދޭނެގޮތް ގާއިމު ކުރުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
"ސޯލާ ޕީވީ-ބެޓެރީ-ޑީސަލް ހައިބްރިޑް" ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް ހަވާލުކުރީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ސިނޯ ސޯރް ހައިބްރިޑް ޓެކްނޮލޮޖީއާ އެވެ.
އެންވަޔަރަމެންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އާމިނަތު ޝައުނާ އެވެ. އަދި ޗައިނާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރު ކާއޯ ޒިއައޯމިންގް އެވެ.
އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ އެ މަސައްކަތް ނިމުމުން، އިރުގެ އަލި ބޭނުންކޮށްގެން 2.5 މެގަވޮޓްގެ ހަކަތަ އުފެއްދޭނެ ގޮތް ގާއިމް ވެގެންދާނެ ކަމަށެވެ. އަދި މި މަސައްކަތުގެ ދަށުން 975 ކިލޮވޮޓުގެ ބެޓެރީ ސިސްޓަމަކާއެކު، 3،180 މީޓަރުގެ ކޭބަލް އެޅުމާއި ޒަމާނީ ފެންވަރުގެ ޖަނެރޭޓަރު ކޮންޓްރޯލް ޕެނަލް ވެސް ބަހައްޓާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
އޭގެ ސަބަބުން އަހަރަކު 12 މިލިއަން ރުފިޔާ ސަލާމަތްކުރެވި ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ތެރެއިން 2،900 ޓަނުގެ ސީއޯ ޓޫ މަދުކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.


ތ އަތޮޅުގައި އިރުގެ އަލިން ހަކަތަ އުފެއްދާނެ ނިޒާމެއް ގާއިމްކުރަން ބަޔަކާ ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގެ ބައިވެރިން- ފޮޓޯ: އެންވާރްމެންޓް މިނިސްޓްރީ
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ ސޯލާ ހަރުކުރުމުގެ މައިގަނޑު ބޭނުމަކީ ތެލަށްބަރޯސާވާ މިންވަރު ކުޑަކޮށް، ހަކަތައިގެ ރައްކާތެރިކަން އިތުރުކުރުމަށް ރާއްޖެއިން ލިބެންހުރި އިއާދަކުރަނިވި ހަކަތައިގެ ގުދުރަތީ ވަސީލަތްތައް ހޯދައި، އެވަސީލަތްތައް ބޭނުންކުރުން އިތުރުކުރުން ކަމަށެވެ.
އަދި އެކަމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނަ ކަމަށާއި ސަރުކާރުގެ ސްޓްރެޓިޖިކް އެކްޝަން ޕްލޭނުގައި މުހިންމު ސިޔާސަތުތަކެއް ހިމަނާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އެގޮތުން 2023 ވަނަ އަހަރު ނިމޭއިރު، 2018 ވަނަ އަހަރުގެ ނިޔަލަށް އިއާދަކުރަނިވި ހަކަތަ ރާއްޖޭގައި ގާއިމުކޮށްފައިވާ އިންސައްތައަށްވުރެ 20 އިންސައްތަ އިތުރަށް އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަށް ވަނީ ނިންމާފަ އެވެ.
"މިއަމާޒާއެކު، އަޅުގަނޑުމެން މަސައްކަތްކުރަމުން މިދަނީ ދިވެހިރާއްޖެ އަކީ 2030 ގެ ނިޔަލަށް ނެޓް ޒީރޯ ގައުމަކަށް ހެދުން،" ޝައުނާ ވިދާޅުވި އެވެ.
ރާއްޖޭގައި 2018 ވަނަ އަހަރު ނިމުނުއިރު ގާއިމުކޮށްފައި ހުރީ 16.5 މެގަވޮޓުގެ ސޯލާ ޕީވީ އެވެ. ނަމަވެސް އެ އަދަދު ވަނީ 36.5 މެގަވޮޓަށް އިތުރުކޮށްފަ އެވެ. އެއީ 45 އިންސައްތަ ކުރިއެރުމެއްކަމަށް ސަރުކާރުން ބުނެ އެވެ. މަދުވެގެން 50 މެގަވޮޓްގެ އިތުރު ހައިބްރިޑް ސޯލާ ސިސްޓަމްތައް ރާއްޖޭގައި ބޭނުންކުރަން ފެށުމަކީ ސަރުކާރުގެ އަމާޒެކެވެ.













