އަތޮޅު ތެރޭގައި ހުންނަ ސިއްހީ ހިދުމަތްދޭ ތަންތަނުގައި ބޭނުން ކުރުމަށް ހެލްތު މިނިސްޓްރީން ހޯދި އެމްބިއުލާންސްތަކުގެ ތެރެއިން 20 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް ފަށައިފި އެވެ.
މިދިޔަ ޖޫން މަހު ސަރުކާރުން ވަނީ އަތޮޅުތަކަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށް އެސްޓީއޯއާ ހަވާލުކޮށްފަ އެވެ. އެއީ ހަ މަސް ދުވަހުގެ ތެރޭގައި ގެނައުމަށެވެ.
ހެލްތު މިނިސްޓްރީން މިއަދު ބުނެފައިވަނީ އަތޮޅުތެރޭގައި ބޭނުންކުރުމަށް އެސްޓީއޯ މެދުވެރިކޮށް ގެނެވިފައިވާ 20 އެމްބިއުލަންސްގެ ދެވަނަ ޝިޕްމަންޓް ކަސްޓަމްސުން މިއަދު ކްލިއާކޮށް އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހު ރަށްރަށަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރިއަށްގެންދާ ކަމަށެވެ.
އިތުރު 20 އެމްބިއުލަންސް ގެނެސްފައިވާއިރު މިދިޔަ މަހުގެ ތެރޭގައި ވެސް 20 އެމްބިއުލަންސް ގެނެސް ރަށްރަށަށް ފޮނުވާފައިވެ އެވެ.
އެމްބިއުލަންސްތައް ކަނޑުމަގުން މިއަދު ރަށްރަށަށް ފޮނުވަން ފެށިއިރު އެ މަސައްކަތް ނިމޭނެ ތާރީހެއް ހެލްތުން އަދި ހާމައެއް ނުކުރެ އެވެ.

އެމްބިއުލަންސްގެ ދަތިކަމަކީ މުޅި ރާއްޖެއަށް ވެސް ކުރިމަތިވެފައިވާ މައްސަލައެކެވެ. ބައެއް ރަށްރަށުގައި އެމްބިއުލާންސް ނެތިގެން ރަށު ޕިކަޕާއި ގާޑިޔާ އަދި ބަރޯގައި ވެސް ބަލި މީހުން އުފުލަން ޖެހިފައިވާ މައްސަލަތަކެއް މިފަހުން ވަނީ ފެންމަތިވެފަ އެވެ.













