ހާއްސަ މާއްދާތައް ކިޔަވައިދިނުމަށް ރަށްރަށަށް ޓީޗަރުން ނުލިބޭ ހާލަތުގައި އެ ރަށްރަށަށް ބަދަލުވާ ޓީޗަރުންނަށް މުސާރައިގެ އިތުރުން ދޭން ނިންމާފައި ވަނީ 3،000ރ. އެލަވެންސެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އާ އަހަރު ފެށުނު އިރު ރާއްޖޭގެ ބައެއް ސްކޫލުތަކަށް ކިޔައިދޭން ޓީޗަރުން ނުލިބުމުން އިންޑިއާއިން ޓީޗަރުން ގެންނަން ޖެހުނެވެ.
އިންޑިއާއިން ގެނައި 10 ޓީޗަރުންގެ ތެރޭގައި ހިމެނެނީ އަރަބި ކިޔަވައިދޭ ފަސް ޓީޗަރުންނާއި ގުރުއާން ކިޔަވައިދޭން ފަސް ޓީޗަރުންނެވެ.
އެ ޓީޗަރުން ގެންނަން ޖެހުނީ ތަކުރާރުކޮށް އިއުލާންކޮށްގެން ވެސް ދިވެހިން ނުލިބުމުން ކަމަށް އެޑިއުކޭޝަނުން މީގެ ކުރިން ވަނީ ބުނެފަ އެވެ.
ބޭރުން ޓީޗަރުން ގެނައި ނަމަވެސް، އެ ޓީޗަރުންގެ ބަދަލުގައި ދިވެހި ޓީޗަރުން ހޯދައި، އެހެން ރަށްރަށަށް ގޮސްގެން ވިޔަސް ކިޔަވައިދޭނެ ދިވެހިން ހޯދުމަށް ބާރު އެޅުމުގެ ގޮތުން، ރަށްރަށަށް ބަދަލުވާ ޓީޗަރުންނަށް އިތުރު އެލަވަންސެއް ދޭން ސަރުކާރުން އޮތީ ނިންމައިފަ އެވެ.

މިގޮތުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ "އަދަދު"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އަތޮޅު ތެރެއަށް ބަދަލުވާ ޓީޗަރުންނަށް ދޭން ނިންމި އެލަވެންސް ގެ އަދަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަނޑައަޅާ ދެއްވާފައިވާ ކަމަށެވެ.
"ރަށްރަށަށް ބަދަލުވާ ޓީޗަރުންން ހާއްސަކޮށް ވަކި މާއްދާ ތަކަށް، ގުރުއާން ނުވަތަ އަރަބި ޓީޗަރުންނަށް ދޭން ނިންމާފައި ވަނީ މުސާރައިގެ އިތުރުން 3،000ރ. ގެ އެލަވެންސެއް. އެއީ އެ ރަށަށް ދާ ކަމަށްޓަކައި ދޭ އެލަވެންސެއް،" މިނިސްޓަރު ވިދާޅުވި އެވެ.
ކޮންމެ ދިރާސީ އަހަރެއްގެ ކިޔެވުން ފެށޭއިރު ގުރުއާނާއި އަރަބި ޓީޗަރުން ލިބުމުގައި ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށް މިނިސްޓްރީން ވެސް ވަނީ މީގެ ކުރިން ބުނެފަ އެވެ.
އެގޮތުން މާލެއަށް ޓީޗަރުން ލިބުނު ނަމަވެސް، ހާއްސަކޮށް ކުދި ރަށްތަކަށް ދާން ޓީޗަރުން ނުލިބޭކަން މިނިސްޓަރުވެސް ފާހަގަ ކުރެއްވި އެވެ.
ރާއްޖޭގައި ޓީޗަރުން ތަމްރީނުކުރުން
އެކަމަށް ހައްލެއް ގެނައުމަށް ޓީޗަރުން ތަމްރީނު ކުރުމަށް ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ވެސް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.
އޭގެ އިތުރުން ކުރިއަށް އޮތް 10 އަހަރަށް އެކި ދާއިރާތަކުން ބޭނުންވާ ޓީޗަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
އެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ އިސްލާމިކް މިނިސްޓްރީ އާއި ގުރުއާނާބެހޭ މަރުކަޒުތަކާ ގުޅިގެންނެވެ.
ބަޖެޓުގެ ބޮޑު ބައެއް ތައުލީމަށް
ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބަޖެޓުގައި ތައުލީމާއި މަތީ ތައުލީމުގެ ދާއިރާއަށް 1.4 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ. އޭގެ ތެރެއިން 3.8 ބިލިއަން ރުފިޔާ އަކީ ރިކަރެންޓް ހަރަދެވެ. ތައުލީމީ ދާއިރާގެ މުވައްޒަފުންގެ ހަރަދަށް 2.3 ބިލިއަން ރުފިޔާ ކަނޑައަޅައިފައި ވާއިރު ތައުލީމީ ދާއިރާގެ ކެޕިޓަލް ހަރަދަށް އަންނަ އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވަނީ 295 މިލިއަން ރުފިޔާ އެވެ.
އަންނަ އަހަރުގެ ބަޖެޓުގައި 141 ރަށެއްގައި ތައުލީމީ ދާއިރާގެ 177 މަޝްރޫއެއް ހިންގުމަށް ރާވާފައިވާއިރު އޭގެ ތެރޭގައި 31 ރަށެއްގެ ސްކޫލްތަކުގެ އިމާރާތާއި ވަސީލަތްތައް ތަރައްގީކުރުމުގެ އާ މަޝްރޫއުތައް ހިމެނެ އެވެ. އަދި ހުޅުމާލޭގެ ފޭސް 2ގައި ގާއިމުކުރާ އާ ތިން ސްކޫލުގެ މަޝްރޫއު އެއްވެސް ހިމެނެ އެވެ. އެކަމަށް ކަނޑައަޅާފައި ވަނީ 29 މިލިއަން ރުފިޔާ އެވެ.
ނޭޝަނަލް ސްޓޫޑެންޓް ލޯނަށް 240 މިލިއަން ރުފިޔާ ކަނޑައަޅައިފައިވާއިރު، ދަރިވަރުންގެ އެހެނިހެން ސްކޮލަޝިޕާއި ތަމްރީނުތަކަށް 208 މިލިއަން ރުފިޔާ ކަނޑައަޅައިފައިވެ އެވެ.
ބަޖެޓުގެ ބޮޑު ބައެއް ތައުލީމީ ދާއިރާއަށް ހާއްސަ ކޮށްފައި ވާއިރު، ބަޖެޓުގައި ހިމަނައިގެން ޓީޗަރުންގެ މުސާރަ ބޮޑުކުރުމަށް ވެސް ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އިއުލާން ކުރައްވާފަ އެވެ.
ޓީޗަރުންނަށް ހަމަ މުސާރަ ލިބޭތަ؟
ޓީޗަރުންގެ މުސާރަ ކުޑަކަމުގެ ޝަކުވާ ބޮޑުއިރު، މުސާރައަށް މިދިޔަ ދެތިން އަހަރެއްގެ ތެރޭގައި ބަދަލުތަކެއް އައި ނަމަވެސް އެއީ އެންމެ އެކަށީގެންވާ މުސާރަ ނޫން ކަމަށް ގިނަ ބަޔަކު ބުނެ އެވެ.
އެގޮތުން ޕްރައިމަރީ ޓީޗަރުންނަށް 7،000ރ. އާއި 12،000ރ. އާދެމެދުގެ މުސާރައެއް ދޭން ފަށާފައިވާއިރު މުސާރަ ކަނޑައެޅުމުގައި ތައުލީމީ ފެންވަރަށް ބަލަ އެވެ.
ސެކަންޑްރީ މާއްދާތަކުގެ ޑިގްރީ ފެންވަރު ހުންނަ ޓީޗަރުންގެ އެންމެ ބޮޑު މުސާރައަކީވެސް 12،000 އެއްހާ ރުފިޔާ އެވެ. އެ ލެވެލަށްވުރެ ދަށްނަމަ 7،000ރ. އެވެ.
ގުރުއާން މުދައްރިސަކަށް ލިބެނީ 9،000ރ. ގެ މުސާރަ އެކެވެ. މުސާރަ ކަނޑައަޅަނީ މަސައްކަތުގައި ހޭދަކުރާ ވަގުތަށް ބެލުމަށްފަހު އެވެ. ލައިބްރަރީ އެސިސްޓެންޓުންގެ މުސާރައަކީ 4،000ރ. އަށް ވާއިރު އިނާޔަތްތަކާއެކު އެންމެ ގިނަވެގެން ލިބެނީ 7،500ރ. އެވެ.
ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މަސައްކަތު މުވައްޒަފަކަށް 3،000ރ. ކަނޑައަޅާފައިވާއިރު، އިނާޔަތްތައް ހިމަނައިގެން، އެންމެ ގިނަވެގެން ޖެހެނީ މަހަކު 6،500ރ. އެވެ.













