ހައްޖުގެ އަޅުކަން އަދާ ކުރުމަށް މައްކާއަށް ފޮނުވައިދޭނެ ކަމަށް ބުނެ އަލްފަތުހު ހައްޖު އެންޑް އުމްރާ ގްރޫޕުން 100 އަށް ވުރެ ގިނަ މީހުންގެ އަތުން ފައިސާ ނެގުމަށްފަހު މަކަރު ހެދި މައްސަލައިގައި، އާންމުން އުމްރާއަށް ފޮނުވުމަށް ދައުލަތުން ހަރަދު ކުރި ހަ މިލިއަން ރުފިޔާ ދެއްކުމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މީގެ ހަތް އަހަރު ކުރިން 2014 ވަނަ އަހަރު ފަތުހު ގްރޫޕުގެ ފަރާތުން ހައްޖަށް ދިއުމަށް ފައިސާ ދެއްކި 121 މީހުން މައްކާއަށް ފޮނުވީ، މައްސަލައިގެ ތެރެއަށް ސަރުކާރުން ވަދެ، ޓިކެޓާއި ކެއުމާއި އެކޮޅުގައި އުމްރާވެރިން ތިބުމުގެ ހަރަދު ވެސް ސަރުކާރުން ހަމަޖައްސައިދީގެންނެވެ.
ހައްޖުވެރިން މައްކާއަށް ފޮނުވުމަށް ދައުލަތުން ހަރަދު ކުރި 6،722،408ރ. ދެއްކުމަށް ފަތުހު ގްރޫޕުން ފަހުން އޮތީ އެއްބަސްވެފަ އެވެ. އަދި ކުންފުންޏަށް އެ ފައިސާ ނުދެއްކިއްޖެ ނަމަ އަމިއްލައަށް އެ ފައިސާ ދައްކާނެ ކަމަށް މެނޭޖިން ޑިރެކްޓަރު މުސްތަފާ މުހައްމަދު ދީދީ އޮތީ އެއްބަސްވެފަ އެވެ.

އަލް ފަތުހު ގްރޫޕުގެ މެނޭޖަރު މުސްތަފާ: މައްސަލަ ޖެހުނު އިރު އޭނާ ފުލުހުން ހައްޔަރު ވެސް ކުރި -- ފޮޓޯ: އަދަދު ފައިލް
އެ މައްސަލައިގައި ސިވިލް ކޯޓުން އެންމެ ފުރަތަމަ ހުކުމް ކުރީ ދައުލަތުން ހޯދަން އެދުނު ފައިސާއަކީ ފަތުހު ގްރޫޕުން ހިޔާނާތްވެފައިވާ ފައިސާއަކަށްނުވާތީ އެ ދައްކަންނުޖެހޭނެ ކަމަށެވެ. ނަމަވެސް ފަހުން ހައި ކޯޓުން އެ ހުކުމް ބަދަލުކޮށް، އެ ފައިސާ ދައްކަންޖެހޭނެ ކަމަށް ކަނޑައަޅައި، ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުސްތަފާ ވަނީ އަމިއްލަ ގޮތުން ޒިންމާ ކުރުވައިފަ އެވެ.

ނަމަވެސް މިއަދު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި، ފަތުހު ގްރޫޕުގެ މެނޭޖިން ޑިރެކްޓަރު އަމިއްލައަށް ފައިސާ ދައްކަންޖެހޭ ގޮތަށް ކަނޑައަޅާފައި އޮތް އޮތުން ބަދަލުކޮށް، ކުންފުންޏާއި ހިއްސާދާރުން އެކުގައި އެ ފައިސާ ދެއްކުމަށް ހުކުމް ކުރީ އެވެ.
"ދައުލަތުން ކޮށްފައިވާ ހަރަދުތައް ކަމަށް ބަޔާންކޮށްފައިވާ 6،722،408ރ. އަކީ އަލް ފަތުހު ހައްޖު އެންޑް އުމްރާ އާއި މުސްތަފާ މުހައްމަދު ދީދީ އެކުއެކީ އަދި ވަކިންވަކިން ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅައި މި ފައިސާ ނޮވެމްބަރު 28، 2021 އިން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި އެ މަހަކަށްޖެހޭ ވަރެއް ސިވިލް ކޯޓަށް ދައްކައި ހަލާސް ކުރުމަށް އަލްފަތުހު ހައްޖު އެންޑް އުމްރާ ގްރޫޕާއި މުސްތަފާ މުހައްމަދު ދީދީގެ މައްޗަށް އަމުރުކޮށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކޮށްފިން،" ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އިއްވެވި ހުކުމުގައި ވިދާޅުވެފައިވެ އެވެ.
އަލް ފަތުހު ގްރޫޕަށް ހައްޖަށް ފޮނުވުމަށް ސަރުކާރުން ދީފައި އޮތީ 125 ޖާގަ އެވެ. ނަމަވެސް އޭގެ އިތުރުން ވެސް 72 މީހެއްގެ އަތުން އެ ކުންފުނިން އޮތީ ފައިސާ ނަގައިފަ އެވެ. އެ 72 މީހުން ހައްޖަށް ދިއުމުގެ ފުރުސަތު ފަހުން ސަރުކާރުން ފަހިކޮށްދިނެވެ. އޭގެ ތެރެއިން ބައެއް މީހުން އަމިއްލައަށް އަނެއްކާ ވެސް ފައިސާ ދައްކައިގެން ހައްޖަށް ދިޔަ އެވެ. ނަމަވެސް ފައިސާ ނެތުމުން ވަރަށް ގިނަ މީހުންނަށް ހައްޖަށް ނުދެވުނެވެ.












