ކުރިއަށް އޮތް 24 ގަޑިއިރު މެދުރާއްޖެތެރޭގެ ރަށްތަކަށާއި އުތުރުގެ ރަށްތަކަށް މޫސުން ގޯސްވެ ވިއްސާރައިގެ އަސަރު ކުރާނެ ކަމަށް މެޓް އޮފީހުން ބުނެފި އެވެ.
އުތުރާއި މެދުރާއްޖެއަށް މޫސުން ގޯސް ނަމަވެސް, ދެކުނުގެ ރަށްތަކަށް ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ރަނގަޅުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެކަމަކު, ކުރިއަށް އޮތް ހަފުތާއަށް މޫސުން ލަފާކުރާ ގޮތުގައި މުޅި ރާއްޖެއަށް ވެސް ވިއްސާރައިގެ އަސަރު ކުރާނެ އެވެ.
މެޓް އޮފީހުން މައުލޫމާތު ދިން ގޮތުގައި ހއ. އަތޮޅާއި ވ. އަތޮޅާ ދެމެދުގެ ރަށްތަކަށް މިހާރު ވަނީ ވައިޓް އެލާޓު ނެރެފަ އެވެ.
އެހެންވެ, ކުރިއަށް އޮތް އަށް ގަޑިއިރާއި 14 ގަޑިއިރާ ދެމެދު ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރި އެވެ.
މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވައިޖެހޭނީ ހުޅަނގުން ގަޑިއަކު 30 މޭލާއި 23 މޭލުގެ ބާރުމިނުގަ އެވެ. ވިލާތައް ދަތުރު ކުރަނީ ގަޑިއަކު 40 މޭލުގެ ބާރުމިނުގަ އެވެ.













