ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަކަތަކީ އިއްޔެއަކު މިއަދަކު ފެންމަތިވެގެން އުޅޭ މައްސަކަތަކެއް ނޫނެވެ. މީގެ އެތައް އަހަރެއް ކުރިން ފެށިފައިވާ މި މައްސަލައަކީ މިއަދާ ހަމައަށް އައި އިރު ކަންބޮޑުވާ ވަރަށް އިތުރުވެފައިވާ މައްސަލަތަކެވެ.
އާއިލާގެ ތެރެއިންނާއި އާއިލާއިން ބޭރުން ތަފާތު އެކިއެކި އަނިޔާތައް ލިބެ އެވެ. ސްކޫލުންނާއި މަގުމަތިންނެވެ. އަވައްޓެރިންގެ ގޭގެއިންނާއި އަމިއްލަ އާއިލާގެ ގެ ތަކުންނެވެ. ބައްޕަ އެވެ. ދޮން ބައްޕަ އެވެ. ބޮޑުބޭބެ އެވެ. ޅިއަނެކެވެ. ބޭބެ އެކެވެ. ދައްދަ އެކެވެ. ބޮޑު ދައިތަ އެކެވެ. ދޮން ބައްޕަ ނުވަތަ ދޮން މަންމަ އެވެ. ގާތް އަވައްޓެރިއެއް ނުވަތަ ޓީޗަރެއްގެ ފަރާތުންނެވެ. ހައްތަހާވެސް ގާތް މީހުންގެ ފަރާތުންނެވެ.
އިންތިހާއަށް ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް އިތުރުވަމުންދާއިރު އެކަމާ ގިނަ ބަޔަކު ކަންބޮޑުވުން ވެސް ފާޅުކުރެ އެވެ. އަމިއްލަ ފަރުދުންނާއި ޖަމިއްޔާ ޖަމާތްތަކުންނެވެ. ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާއި އެކި އެންޖީއޯތަކުންނެވެ.
ދިހަ މަސްތެރޭގައި 819 މައްސަލަ!
މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ކުޑަކުދިންނަށް ކުރާ އެކި ކަހަލަ އަނިޔާގެ 819 މައްސަލަ ހުށަހަޅާފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. އޭގެ ތެރެއިން 465 މައްސަލަ ބަލަން ފެށިއިރު 134 މައްސަލަ ފައިލްކުރި އެވެ. ޕީޖީއަށް ފޮނުވީ 39 މައްސަލަ އެވެ.

ފުލުހުން މާލެ މަގުމަތީގައި ހަރަކާތްތެރިވަނީ-- ފޮޓޯ: ހުސެން ވަހީދު/ އަދަދު

ކުޑަކުދިންނަށް ކުރާ އަނިޔާގެ އެންމެ ގިނައިން ހުށަހަޅާފައި ވަނީ ބަދު އަހުލާގީ މައްސަލަތަކެވެ. ޖުމްލަ 246 މައްސަލައެއް ހުށަހަޅާފައި ވާއިރު ބަލަން ފެށީ 190 މައްސަލަ އެވެ. އޭގެ ތެރެއިން 30 މައްސަލަ ޕީޖީއަށް ފޮނުވާ 28 މައްސަލަ ފައިލް ކުރީ އެވެ.
ދެވަނަ އަށް އެންމެ ގިނައިން މި އަހަރު ހުށަހަޅާފައި ވަނީ ކުޑަކުދިންނަށް ކުރާ ގެވެށި އަނިޔާގެ މައްސަލަތަކެވެ. ޖުމްލަ 238 މައްސަލައެއް ހުށަހެޅިއިރު ބަލަން ފެށީ 99 މައްސަލައެކެވެ. 34 މައްސަލަ ފައިލް ކުރިއިރު ޕީޖީއަށް ފޮނުވާފައި ވަނީ އެންމެ ނުވަ މައްސަލަ އެވެ.
ދެން އެންމެ ގިނައީ ބިރުދެއްކުމުގެ މައްސަލަތަކެވެ. 39 މައްސަލައެއް ހުށަހަޅާފައި ވާއިރު ބަލަން ފަށަފައި ވަނީ 34 މައްސަލަ އެވެ. އޭގެ ތެރެއިން 17 މައްސަލަ ފައިލްކޮށް ޕީޖީއަށް ފޮނުވާފައި ވަނީ އެންމެ މައްސަލައެކެވެ.
މި އަހަރު ދެން އެންމެ ގިނައިން ހުށަހަޅާފައި ވަނީ މާރާމާރީގެ މައްސަލަތަކެވެ. 37 މައްސަލައެއް ހުށަހަޅާފައި ވާއިރު ބްލެކްމައިލް ކޮށްގެން 16 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ. އޮރިޔާން ކާޑު ގެންގުޅުމުގެ 15 މައްސަލަ ހުށަހަޅާފައިވާއިރު ކުޑަކުދިންނާ ކުޅުން ހުރި މަސްތުވާތަކެތީގެ ހުށަހަޅާފައި ވަނީ ހަތް މައްސަލަ އެކެވެ.

13 އަހަރުގެ ކުއްޖާ މަރާލި މައްސަލާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްރެިވަނީ-- ފޮޓޯ: ހުސެން ޝަޔާހު/ އަދަދު
ޖިންސީ ފުރައްސާރައިގެ ހަތަރު މައްސަލަ ހުށަހަޅަފައިވެ އެވެ. މީގެ އިތުރުން މި އަހަރު ކުޑަކުއްޖަކު ކިޑްނެޕް ކޮށްގެން ތިން މައްސަލައެއް ހުށަހަޅާފައިވާއިރު ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ވެސް ތިން މައްސަލަ ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން އެއް މައްސަލަ ވަނީ ޕީޖީއަށް ފޮނުވާފަ އެވެ.
މި އަހަރުގެ މިދިޔަ 10 މަހަށް ބަލާއިރު ކޮންމެ މަހެއްގައި ހުށަހެޅޭ މައްސަލައިގެ ޖުމްލަ އަދަދު އުޅެނީ 80 އިން މަތީގަ އެވެ. ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް އެންމެ ގިނައިން ހުށަހަޅާފައި ވަނީ އޮގަސްޓު މަހުގަ އެވެ. ޖުމްލަ 108 މައްސަލައެއް އެ މަހު ހުށަހަޅާފައިވެ އެވެ.
ދެން އެންމެ ގިނައީ 99 މައްސަލައަކާ އެކު ޖެނުއަރީގައި ހުށަހެޅި މައްސަލަތަކެވެ. ތިން ވަނައަށް އެންމެ ގިނަ މައްސަލަ ހުށަހަޅަފައި ވަނީ މިދިޔަ މަހު އެވެ. އެއީ 96 މައްސަލަ އެކެވެ.
ކުޑައިރު ލިބޭ އަނިޔާގެ އަސަރު އުމުރަށް ދެމިހުރޭ
މަތީގައި އެ ވަނީ ހަމައެކަނި ނަމްބަރުތަކެއް ނޫނެވެ. ކަންބޮޑުވާން ޖެހޭ ބޮޑު މައްސަލައެކެވެ. އެތައް ކުޑަކުދިންނެއްގެ މުސްތަގުބަލާ ގުޅިފައިވާ ނުރައްކަލެކެވެ.

ކުޑަކުދިންނަށް ޖިންސި ގޯނާ ކުރުމާ ދެކޮޅަށް ޕޯސްޓަރެއް-- ފޮޓޯ: އަދަދު
ޗައިލްޑް ފެމިލީ އެންޑް ޕްރޮޓެކްޝަން ސާވިސަސްގެ ސައިކޮލަޖިސްޓް މަރިޔަމް ޝަހުނާ ވިދާޅުވާ ގޮތުން ނަމަ ކުޑަކުދިންނަށް ލިބޭ އަނިޔާ ތަކަކީ މުޅި ދިރިއުޅުމަށް އޭގެ އަސަރު ކުރާ ކަމެކެވެ. ހާއްސަކޮށް އޭގެ އަސަރު އެންމެ ބޮޑަށް ކުރަނީ ކުޑައިރު ލިބޭ ޖިންސީ އަނިޔާ ނުވަތަ ޖިންސީ ގޯނާގެ މައްސަލަތަކުގެ ސަބަބުންނެވެ.
ގާތް މީހެއް ނުވަތަ އިތުބާރު ހިފޭ މަގާމެއްގައި ހުރި މީހެއްގެ ފަރާތުން ލިބޭ އަނިޔާގެ ސަބަބުން ގާތް މީހުންނަށް އިތުބާރުކުރަން އުދަގޫވެ އެވެ. އެގޮތުން ކުއްޖާއަށް ރައްކާތެރިކަން ގޭތެރޭން ނުލިބުމުން ބޭރުތެރޭން ރައްކާތެރިކަން ހޯދަން އުޅޭ ކަމަށް ޝަހުނާ ވިދާޅުވި އެވެ.
"ބޮޑުވަމުން އަންނަ ވަރަށް ނުވަތަ ބޮޑުވެ ފުރާވަރަށް އެރުމުން ކުދިން ބޭނުން ކުރަން ފަށަނީ ރިސްކިންގް ބިހޭވިއާސް. ބައެއް ކުދިން މަސްތުވާތަކެއްޗަށް. އަނެއްބައިކުދިން ސެކްޝުއަލީ އެކްޓިވްވެދާނެ. މިސާލަކަށް ހޭވިންގް ސެކްސް ވިތް ރެންޑަމް ސްޓްރޭންޖާސް." ޝަހުނާ ވިދާޅުވި އެވެ.

ކުޑަކުދިންނަށް ޖިންސި ގޯނާ ކުރުމާ ދެކޮޅަށް ޕޯސްޓަރެއް-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު
ކުޑައިރު ލިބޭ އަނިޔާގެ ސަބަބުން ކުދިންގެ ހެދި ބޮޑުވުމަށް އޭގެ އަސަރު ކުރެ އެވެ. އެގޮތުން އޭގެން ލިބޭ އަނިޔާ އާއި އެކަމުން ކުރާ ނޭދެވޭ އަސަރު ވަގުތުން ނުފެނުނު ނަމަވެސް އުމުރުގެ ކޮންމެވެސް ހިސާބަކުން ކުދިންނާ ކުރިމަތިލާން ޖެހޭ ކަމަކަށް ޝަހުނާ ވިދާޅުވި އެވެ.
ރާއްޖޭގައި އާންމުވަމުން އަންނަ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކަށް ބަލާނަމަ ކުޑައިރު ލިބޭ ގޯނާތަކުގެ އަސަރު އާންމުކޮށް ފެންނަނީ ޒުވާން އުމުރަށް އެޅުމުންނެވެ. ޓީނޭޖުގަ އެވެ. ނުވަތަ އެ ކުދިން ބޮޑުވެ، އަމިއްލަ ޒަވާޖީ ހަޔާތެއް ފަށާ ހިސާބުންނެވެ.
"ބައެއް ފަހަރަށް ވާގޮތަކީ ވަރަށް އިތުބާރު ކުރެވޭ މީހުންގެ ފަރާތުން އެބިޔުސް ވީމަ، ބޮޑުވެގެން މީހަކާ އިންނަ ހިސާބުން ވެސް އޭގެ އަސަރު ފެންނަ ފަހަރު އާދޭ. ކައިވެންޏަށްވެސް އޭގެން ނޭދެވޭ އަސަރު ކުރޭ،" ޝަހުނާ ވިދާޅުވި އެވެ.
ކުޑަކުދިންނަށް ކުރާ އެއްވެސް އަނިޔާއަކީ އެއީ ކުޑަ ކަމެއް ނޫނެވެ. އެއީ ޖިންސީ އަނިޔާ ނުވަތަ އެހެން ގޮތަކުން ލިބޭ އަނިޔާ ކަމަށް ވިޔަސްމެ އެވެ. މިއަދު ކުޑަކުދިންނަކީ މާދަމާގެ ޒުވާނުންނަށް ވާއިރު ކުޑަކުދިންނަށް ކުރާ އަނިޔާއިން މި ގައުމުގެ އަންނަން އޮތް ޖީލު ސަލާމަތް ކުރަން ކޮންމެ މީހަކުވެސް މަސައްކަތް ކުރަން ޖެހެ އެވެ.













