"ވެހި އެޑިޔުކޭޝަނަލް ޓުއާ 2021"ގެ ދަށުން ތަޖުރިބާގެ ދަތުރަކަށް ޕްރިންސިޕަލުން މާލޭގެ ބައެއް ސްކޫލްތަކަށް ޒިޔާރަތްކުރައްވަން ފައްޓަވައިފި އެވެ.
އިއްޔެ ފެށި އެ ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ތިން އަތޮޅަކުން 15 ޕްރިންސިޕަލުން ބައިވެރިވެފައިވެ އެވެ. އެއީ ގއ، ގދ އަދި ތ އަތޮޅުގެ ޕްރިންސިޕަލުންނެވެ.
އެ ޕްރިންސިޕަލުން މާލޭގެ އިސްކަންދަރު ސްކޫލާއި ޖަމާލުއްދީން ސްކޫލާއި ހިރިޔާ ސްކޫލުގެ އިތުރުން ތާޖުއްދީން ސްކޫލަށް ޒިޔާރަތް ކުރާނެ އެވެ. އަދި ކ. އަތޮޅު ހުރާ ސްކޫލަށް ވެސް ޒިޔާރަތް ކުރާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގެ ޕްރިންސިޕަލުންނަށް ހާއްސަކޮށް ކުރިއަަށްގެންދާ ތަޖުރިބާގެ އެ ދަތުރުގައި އެކި ރަށްރަށުގެ ސްކޫލަށް ޒިޔާރަތްކޮށް، އެ ރަށެއްގެ ކިޔަވައިދިނުމުގެ ނިޒާމު ބައްލަވާ، މިހާރު އެ ސްކޫލުތަކުގައި ކިޔަވައިދިނުމުގެ ނިޒާމު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަން ޖެހޭ ކަންތައް ބައްލަވާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.
މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމުގެ މަގްސަދަކީ އެކި ސްކޫލުތަކުން މެނޭޖް ކުރާ ތަފާތު ގޮތްތައް ޕްރިންސިޕަލުން ދެނެގަތުން ކަމަށް މިނިސްޓްރީން ބުނެ އެވެ.

"މި ޕްރޮގްރާމުގެ އެއް މަގްސަދަކީ ކިޔެވުމާއި އިތުރު ހަރަކާތް ކުރިއަށް ގެންދާ ގޮތް ދެނެގަތުމާއި، ސްކޫލުތަކުގައި ހިންގާ އިތުރު ހަރަކާތްތަކުގައި ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ކުރިއަށް ގެންދާނެ ގޮތް ތަޖުރިބާކޮށް ދެނެގަތުން،" މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން އެ ޕްރޮގްރާމްގައި ސްކޫލުތަކުގެ އިތުރު ހަރަކާތްތަކާއި ތައުލީމީ ނިޒާމު އިތުރަށް ތަރައްގީ ކުރުމަށާއި ސްކޫލަށް ބޭނުންވާ ވަސީލަތްތައް ރަނގަޅުކުރުމަށްޓަކައި އެހީ ހޯދިދާނެ ތަފާތު ގޮތްތައް އޮޅުންފިލުވައިދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.












