ދިވެހި ޕްރިންސިޕަލުން އުފެއްދުމަށްޓަކައި މެލޭޝިއާގައި ކިޔެވުމަށް ދޭ 20 ސްކޮލާޝިޕަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ސްކޮލާޝިޕަށް ހުޅުވާލާފައި ވަނީ މާސްޓާސް އިން ސްކޫލް އެޑްމިނިސްޓްރޭޝަން ދާއިރާއިން ކިޔެވުމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވާ ގޮތުގައި ޕްރިންސިޕަލުން އުފެއްދުމަށް ހުޅުވާލި މި ފުރުސަތުގައި ސްކޮލަޝިޕަށް ހޮވޭ ފަރާތްތަކަށް ހުރިހާ ހަރަދެއް ކުރާނީ ސަރުކާރުންނެވެ. އެގޮތުން ކިޔެވުމުގެ ހަރަދާއި، މުސާރައާ އެއްވަރުގެ އެލަވަންސްގެ އިތުރުން ދެކޮޅު ޓިކެޓް ދެއެވެ.
ސްކޮލާޝިޕްގެ ދަށުން ކިޔެވިޔުމަށް ފަހު ސަރުކާރުގެ ސުކޫލެއްގައި ހިދުމަތްކުރަން ލާޒިމެވެ. ނަމަވެސް އެ ބޮންޑުގެ މުއްދަތެއް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.
ސްކޮލާޝިޕަށް ކުރިމަތިލުމުގެ ޝަރުތުތައް:
- ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ތައުލީމީ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލްކޮށްފައިވުން.
- ޓީޗަރެއްގެ ގޮތުގައި މަދުވެގެން ފަސް އަހަރު ދުވަހު މަސައްކަތް ކޮށްފައިވުން.
- އެޑިއުކޭޝަން މިނިސްޓްރީއިން ކުރިން ކިޔެވުމަށް ލޯނެއް ނަންގަވާފައިވާނަމަ ޑީފޯލްޓެއް ނެތި އެ ލޯނެއް ގަވާއިދުން ދައްކަވަމުންގެންދަވާ ފަރާތެއް ކަމުގައިވުން.
- ކޯހަށް ކަނޑައަޅާފައިވާ ދާއިރާއިން މާސްޓާސް ޑިގްރީ ފެންވަރުގެ ކޯހެއް ނިންމާފައިވާ ފަރާތެއްކަމުގައި ނުވުން.
ސްކޮލާޝިޕަށް ހޮވޭ ފަރާތްތައް ކަނޑައަޅާނީ ކްރައިޓީރިއާ އާ އެއްގޮތަށް މާކްސް ދިނުމަށްފަހު އެންމެ މަތިން މާކްސް ހޯދާ ފަރާތްތައް ތަރުތީބުކޮށް އެއާ އެއްގޮތަށެވެ.

"އެގޮތަށް ތަރުތީބު ކުރުމުގައި މީގެ ކުރިން މާސްޓާސް ޑިގްރީއެއް ހާސިލްކޮށްފައި ނުވާ ފަރާތްތަކަށް އިސްކަންދެވޭނެ. ކްރައިޓީރިއާ އާ އެއްގޮތަށް މާކްސް ދިނުމުގައި ބަލަނީ، މަސައްކަތުގެ ތަޖުރިބާއަށް 30 އިންސައްތަ، ޕްރެޒެންޓޭޝަނަށް 30 އިންސައްތަ، އިންޓަރވިއުއަށް 40 އިންސައްތަ،" އެޑިއުކޭޝަން މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެ އެވެ.
ސްކޮލާޝިޕަށް ކުރިމަތިލާނެ އެންމެ ފަހުގެ ތާރީހަކީ އަންނަ ޑިސެމްބަރު މަހުގެ ނުވަ ވަނަ ދުވަހުގެ 2:00ގެ ކުރިންނެވެ.












