އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާއިން މަނީލޯންޑާ ކުރި ކަމަށް ތުހުމަތުކުރެވޭ މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާގެ ވަކީލެއް މައްސަލައިން ތަނާޒުލްވާން ޖެހުމުން މިއަދުގެ އަޑުއެހުންވެސް ކުރިއަށް ނުގެންދެވި ފަސްކުރަން ޖެހިއްޖެ އެވެ.
ޝަރީއަތުގެ ކުރީގެ މަރުހަލާގައި މަޑުޖެހިފައި އޮތް މި މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދެވޭނެ ކަމާމެދު މި މައްސަލަ ބައްލަވަމުން ގެންދަވާ އެ ކޯޓުގެ އިސް ގާޒީ، އަހްމަދު ޝަކީލް އަދި ގޮތެއް ނުނިންމަވަ އެވެ.
މިއަދު ކުރިއަށް ގެންދަން ތާވަލްކޮށްފައި އޮތީ ޝަރީއަތުގެ ކުރިން ހުށަހަޅާ ލިޔުންތައް، ޝަރީއަތަށް ހުށަހެޅުމުގެ މަރުހަލާ އެވެ. އެހެން ނަމަވެސް އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދިފާއުން އިއުތިރާޒްކޮށްފައިވާ މައްސަލައެއްގައި ގާޒީ ގޮތެއް ނިންމަވާފައި ނުވުމުން އެންމެ ފުރަތަމަ ކަމަކަށް މިއަދު ގާޒީ އެކަމުގައި ގޮތެއް ނިންމެވި އެވެ. އެ ނިންމުމާއެކު ދިފާއުގެ ކަންބޮޑުވުންތައް ހުރުމުން މިއަދުގެ އަޑުއެހުން އިތުރަށް ކުރިއަށް ނުގެންދެވުނެވެ.
ދައުލަތުން އިއުތިރާޒް ކުރީ ކްރިކް ރިޒާގެ ދިފާއީ ވަކީލެއްގެ ގޮތުގައި އަހްމަދު ޔާމީން ވަކާލާތު ކުރައްވާތީ އެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އެންމެ ބޮޑު ތުހުމަތެއްވާ އަހްމަދު ޒިޔަތުގެ ދިފާއީ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވި ޔާމީން މި މައްސަލާގައި ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހަޅާއިރު، އޭނާ ދިފާއީ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވާނަމަ މަސްލަތަށް ފުށުއަރާ ކަމަށް ދައުލަތުން ދެކެ އެވެ. އެހެންކަމުން ދައުލަތުގެ ވަކީލުން އެދުނީ ކްރިކް ރިޒާގެ ދިފާއީ ވަކީލުންގެ ޓީމަށް ބަދަލު ގެނެސް، ވަކީލް ޔާމީން އެ މައްސަލައިން ތަނާޒުލްވުމަށެވެ.
ދައުލަތުން އެދުނު ގޮތަށް ގާޒީ މިއަދުގެ އަޑުއެހުމުގައި ނިންމެވި އެވެ. ގާޒީ ޝަކީލް ވިދާޅުވީ ވަކީލް ޔާމީންގެ މަސްލަހަތު އެކުލެވޭ މައްސަލައެއް ކަމަށް ފެންނަ ކަމަށާއި، އޭނާ މި މައްސަލައިން ތަނާޒުލްވާން ޖެހޭނެ ކަމަށެވެ.

މި ނިންމެވުމާ ގުޅިގެން މިއަދުގެ އަޑުއެހުން ކުރިއަށް ގެންދަން ދިފާއީ ވަކީލުންގެ ގޮތުގައި ދެންތިބި ވަކީލުން އުޒުރުވެރިވި އެވެ. ދިފާއީ ވަކީލް އިސްމާއިލް ވިޝާމް ވިދާޅުވީ ކްރިކް ރިޒާގެ ޕްރައިމެރީ ކައުންސިލާއަކީ ޔާމީން ކަމަށާއި، ޝަރީއަތުގެ ކުރިން ހުށަހަޅާ ލިޔުންތައް ޑްރާފްޓް ކުރީވެސް ވަކީލް ޔާމީންގެ ބެލުމުގެ ދަށުން ކަމަށެވެ.
ވިޝާމް ވިދާޅުވި ގޮތުގައި މިއަދު އަޑުއެހުމަށް ވަނުމުގެ ކުރިން ވަކީލް ޔާމީންއަށް އަޑުއެހުމަށް ވަދެވޭނެތޯ ސެކްޝަނުން ސާފުކޮށްފައިވެ އެވެ. ވަކީލް ޔާމީންއަށް ނުވަދެވޭނެ ކަމަށް ގާޒީ ކަނޑައަޅާފައި ނުވާތީ މިއަދުގެ އަޑުއެހުމަށް ވަދެވޭނެ ކަމަށް ޝެކްޝަނުން ވިދާޅުވެފައިވާކަން ދިފާއުން ފާހަގަކުރެއްވި އެވެ.
ގާޒީ ވިދާޅުވީ މިއަދު އެ މައްސަލާގައި ގޮތެއް ނިންމަވާނެކަން ކުރީބައިގައި އަންގާފައި ވާނެ ކަމަށެވެ. އަދި އެކަމަށް ތައްޔާރުވެ ތިބެން ޖެހޭނެ ކަމަށެވެ.
ގާޒީގެ މިފަދައިން ވިދާޅުވުމުންވެސް ދިފާއުން އެދުނީ އެހެން ދުވަހަކަށް އަޑުއެހުން ލަސްކޮށްދިނުމަށެވެ. ސަބަބެެއްގެ ގޮތުގައި ވިދާޅުވީ ދިފާއީ ތިން ވަކީލުން، ތިން އޭންގަލުން ޝަރީއަތުގައި ވާހަކަދެއްކުމަށް ތައްޔާރުވެގެން އައުމުން ކަމަށެވެ. އަދި ވަކީލް ޔާމީން މި މައްސަލައިގައި އިސްކޮށް ހުރުމުން، އޭނާއާ ނުލާ މިއަދުގެ އަޑުއެހުން ކުރިއަށް ނުގެންދެވޭނެ ކަމަށް ދިފާއުއަށް ގަބޫލުކުރެވޭތީ އެވެ.
ދިފާއުގެ މި ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު ގާޒީ ނިންމެވީ މިއަދުގެ އަޑުއެހުން ކުރުކޮށްލުމަށްފަހު މި ހަފްތާގެ ބުރާސްފަތި ދުވަހު އިތުރު އަޑުއެހުމެއް ބޭއްވުމަށެވެ. އަދި އެ ދުވަހު މި މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދެވޭނެތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށެވެ.
ކްރިކް ރިޒާއަށް އުފުލާފައިވާ ދައުވާތައް
ކްރިކް ރިޒާގެ މައްޗަށް ދެ ދައުވާއެއް ދައުލަތުން އުފުލާފައިވެ އެވެ. އެއީ މަނީލޯންޑަރިންގެ ކުށުގެ ދައުވާއަކާއި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާއެކެވެ.
އޭނާގެ މައްޗަށް މި ދައުވާތައް ހުށަހަޅާފައި ވަނީ، ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް، ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ރ. ފުއްގިރި ކުށްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ މަނީލޯންޑާ ކުރި ކަމަށް ބުނާ މައްސަލައިގަ އެވެ.
ކުރިކް ރިޒާއާއި ސަން އިންވެސްޓްމަންޓް ކުންފުނީގެ ދެމެދުގައި ހިންގާފައިވާ މުއާމަލާތަކީ ޑޮލަރު މާރުކުރުމުގެ ނަމުގައި ހިންގާފައިވާ މުއާމަލާތެއްކަމަށް ދައްކަން މަސައްކަތްކޮށްފައިވާ ކަމަށް ވެސް ދައުލަތުން ބުނެ އެވެ.













