އަންގާރަ ދުވަހުގެ ރޭގަނޑު ނުވައެއް ޖެހި ހާއިރު ބާރުގަދަ އަޑެއް އިވިގެން ހެޔޮ އިންވެސްޓްމަންޓް ފިހާރަ ތެރޭގައި ތިބި ސްޓާފުން ދުވެފައި ނިކުތް އިރު ކުރިމަތީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިގެން މުޅި ތަނަށް މީހުން އެއްވަނީ އެވެ. އިރުކޮޅެއް ނުވެ އެކްސިޑެންޓު ވެގެން އުޅެނީ އެ ފިހާރައަށް އާންމުކޮށް އައިސް ވަންނަ، އަވައްޓެރި ޝަހީދާ ކަން އެނގުނެވެ.
އެކްސިޑެންޓުގެ ހަބަރު ހަމަ ލިބުމާއެކު، އަވަސް އަރުވާލައިގެން، ދެމަފިރިއަކު ހިންގާ އެ ކުޑަ ފިހާރައިގެ ވެރި އަންހެންމީހާ، ފާތުމަތު އަޒުހީމާ، 36 އަށް އެތަނަށް އާދެވުނު އިރު ޝަހީދާ ހޮސްޕިޓަލަށް ގެންގޮސްފި އެވެ. މަގަށް ވާ ގޮތަށް ހަރުކޮށްފައި ހުރި ކެމެރާ އިން ހިނގައިދިޔަ އެކްސިޑެންޓުގެ ފުޓޭޖު ބެލުމަށްފަހު އެންމެ ފުރަތަމަ ވެސް އަޒުހީމާ ގުޅީ އާއިލާ އަށެވެ.
"ފުޓޭޖު ބަލާފަ ހިތަށް އުނދަގޫވި ވަރުން ހަމަޖެހިނުލެވުނު. ދެން ގުޅީ އާއިލާ އަށް. ދަންނަ މީހަކަށް ލޮލު ކުރިމަތީގައި އެވަރުގެ ބޮޑު އަނިޔާއެއް ވުމުން އެ ހާލަތުގައި ކުރެވޭނީ ކޮން ކަމެއްތޯ ހިތަށް އެރީ،" އަޒުހީމާ ކިޔައިދިނެވެ.
ޝަހީދާގެ ދޮށީ ފިރިހެން ދަރިފުޅަށް ގުޅުމުން، އެވަގުތު އޭނާ އަށް އެނގުނު ހުރިހާ މައުލޫމާތެއް ދިނެވެ. ފައި މުޅިން ޗިސްވެ، އެކި ކަށިތަކުގައި ރެނދު ލާފައި ހުރި ކަމާއި މޫނުގެ ކަށިގަނޑަށް ވެސް ގެެއްލުންވެފައި ހުރި ވާހަކަ ބުންޏެވެ.
"އާއިލީ ގޮތުން ތިމާގެ ނޫނަސް، އަޅުގަނޑުގެ ޒިންމާ އެއް އޮތްކަން އެހިސާބުން ހަނދާންވި،" އަޒްހީމާ ބުންޏެވެ.

އަޒުހީމާ އަކީ ވެސް އެއް އިރެއްގައި އެކަނި އަމިއްލަ މަސައްކަތުން ދަރިއަކު ބެލުމުގެ ބުރަ ޒިންމާ އުފުލި އަންހެނެކެވެ. ދަރިންނާ އެކު އެކަނިވެރިކަމާއި މާޔޫސްކަން އިހުސާސްކުރުމަކީ ކިހާވަރެއްގެ ބުރަ އަދި ހިތްދަތިކަމެއް ކަން ޝަހީދާއަށް ވެފައި ހުރި އަނިޔާތައް އަޑު އަހަމުން ދިޔަ އިރު އަޒުހީމާ ހަނދާންވި އެވެ. އަމުދުން އެވަރުގެ އަނިޔާ އެއް ވެގެން އޮންނަ ވަގުތު ކިރިޔާ ވެސް ހޭ ހުރެ، ދަރިންނާ މެދު ވިސްނާފައި ޝަހީދާގެ ހިތުގައި އަޅާނެ ވޭން އޭނާއަށް އަންދާޒާކޮށްލެވުނެވެ.
"ފުރަތަމަ އުޅުނީ އެކަނިވެރި މަންމަ އެއް ވީމަ އެހީވުމުގެ ގޮތުން އެއްޗެއް ދޭން. އެކަމަކު އަޅުގަނޑުމެންގެ ވިޔަފާރިއަކީ ވަރަށް ފަހުން ހުޅުވި ތަނަކަށް ވީމަ ވަރަށް ބޮޑު އަދަދެއް ދެވޭކަށް ނެތް. ޝަހީދާގެ ފަރުވާއަށް ދާނީ ކިހާ ވަރެއްކަން ނޭނގުނަސް ވިސްނާލީމަ އެނގޭ ބޮޑު އެއްޗެއް ދާނެކަން. ތިރީސް، ސާޅީހަކަށް ހާހުން ނުފުދޭނެ ކަން. އެހެންވެ، އާއިލާއިން ހުއްދަ ހޯދައިގެން، ފަންޑް ރެއިޒް ކުރަން މަސައްކަތް ކުރީ،" އަޒްހީމާ ކިޔައިދިނެވެ.
ހެޔޮ އިންވެސްޓުމަންޓުން ޝަހީދާގެ ފަރުވާއަށް ހިންގީ އެއް ދުވަހުގެ ފަންޑް ރެއިޒާ އެކެވެ. އެ ފިހާރައިގެ އައިޓީ ސްޓާފަކު ލައްވައި އެޑެއް ހައްދައިގެން އޭގައި ޝަހީދާގެ އެކައުންޓު ނަންބަރު ހިމަނައިގެން ހިންގި އެ ކުރު ފަންޑް ހަރަކާތުން 300،000 އެއްހައި ރުފިޔާ ރޭގެ ނިޔަލަށް ލިބުނެވެ.
ކޮންމެ މީހެއްގެ ވެސް ޒިންމާތަކެއް ވޭ
އަޒްހީމާއަށް ގުޅާލުމުން ފުރަތަމަ ވެސް ބުނީ އެވާހަކަ އެވެ. އޭނާ އާއި ފިހާރައިގެ މުވައްޒަފުންނަށް އެވަރުގެ އަސަރެއް ކުރުވީ އާންމުކޮށް ފެނި ދެނި މޫނެއްގައި އެވަރުގެ ބޮޑު ޒަހަމެއްވީ ތަން ލޮލޮން ބަލަން ކެތް ނުވެގެންނެވެ. ފިހާރައަށް އާންމުކޮށް އަންނަ ކަސްޓަމަރަކަށް އެވަރުގެ ގެއްލުމެއް ވުމުން، އެ ހާލަތުގައި އޭނާއަށް އެހީތެރިވުމަކީ އެމީހުންގެ ޒިންމާއެއް ކަމަށް ގަބޫލުކުރެވިގެންނެވެ.
އަތުގައި ގިނައިން ދޭނެ އެއްޗެއް ނެތަސް އެހީތެރިވެވިދާނެ. އަޅުގަނޑުމެން އެކަކު އަނެކެއްގެ މައްޗަށް އޮންނަ ޒިންމާ އަކީ އެއަށްވުރެ ބޮޑު ޒިންމާ އެއް.
އިންސާނިއްޔަތުކަމުގެ ތެރެއިން އެކަކު އަނެކެއްގެ މައްޗަށް އޮންނަ ޒިންމާއަކީ ގުޅުންތައް ވަރުގަދަވެ، މުޖުތަމައު އެކުގައި ދުޅަހެޔޮވުމަށް ބާރުދޭ ޒިންމާތަކެކެވެ. އަޒްހީމާ އާއި ހެޔޮ އިންވެސްޓްމަންޓްއިން ވަގުތުން އަދާކުރި ޒިންމާގެ ސަބަބުން ޝަހީދާގެ އާއިލާއަށް ލިބުނު އިންތިހާ ހިތްދަތި ކަމުގައި ކޮންމެވެސް ވަރެއްގެ ލުޔެއް ހޯދައިދީފި އެވެ. އާއިލާއަށް އުއްމީދެއް ގެނުވައިދީފި އެވެ. ބަލި އެނދުގައި ހަށިގަނޑަށް ލިބުނު އަނިޔާގެ ހިތާމާގައި ހިތް ކުދިކުދި ވެފައި އޮތް ޝަހީދާއަށް ވެސް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް އެކަމުން ލިބިގެންދާނެ ކަން ޔަގީނެވެ.
އަޒުހީމާ އާއި ހެޔޮ އިންވެސްޓުމަންޓުން ފަރުދީ ޒިންމާ އަދާކޮށްފި އެވެ. އިންސާނިއްޔަތުކަމުގެ ނަމޫނާ އެއް ދައްކައިދީފި އެވެ. ކަމެއް ޖެހޭ ވަގުތު އުޒުރު ދައްކަން އާދަވެފައި ތިބުމުގެ ބަދަލުގައި އަހަރެމެން އެންމެން ނަގަންވީ މިފަދަ ރީތި މިސާލުތަކުން ފިލާވަޅުތަކެކެވެ.












