މާފަންނުގައި ހުންނަ މިފްކޯ މަސްފިހާރަ އަށް ވަގުން ވަދެ އެތަނުން ފައިސާތަކެއް ވަގަށް ނަގައިފި އެވެ.
އެނގިފައިވާ ގޮތުގައި އެތަނުން ގެންދިޔައީ މިއަދުގެ މެންދުރުފަހުގެ ކަލެކްޝަނުގައި ހުރި 30،000ރ. އެވެ.
އެފްއޭއެމް ކުރިން ހިންގި އިމާރާތުގެ ކުރިމަތީގައި ހުންނަ އެ ފިހާރައަށް ވަގުން ވަނީ އިޝާ ނަމާދަށް ބަންދުކޮށްފައި ހުއްޓާ، ކަށިގަނޑަކުން ދޮރު މަތާލައިގެންނެވެ. އެތަނުގައި ސަތަރިގަނޑެއް ބާއްވާފައި އޮތެވެ. ބެލެވެނީ ދޮރު މަތާލީ ސަތަރިގަނޑުން ވަށައިގެން ބަންދުކުރުމަށް ފަހު އެތަނުގައި މަސައްކަތެއްކުރާ ކަމަށް ދައްކައިގެންނެވެ.

ވަގުން ފިހާރައަށް ވަންނަން ދޮރު މަތާލާފައި.
"މަރާމާތު ފަދަ މަސައްކަތެއް ކުރަންޏާ ފެންނަ ބަޔަކު ވެސް އަޅާނުލާނެތާ. އެހެންވެ ބެލެވެނީ މަސައްކަތެއްކުރާ ކަމަށް ދައްކައިގެން ދަނޑިވަޅުގެ ބޭނުން ހިފައި ދޮރު ހަލާކުކޮށްލީ ކަމަށް،" އެ ސަރަހައްދުގައި ހުރި މީހަކު ބުންޏެވެ.

އެތަނުގައި ފުލުހުންގެ ތަހުގީގު ޓީމެއް މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ. މިކަމުގައި ފުލުހުންގެ ބަހެއް ހޯދުމަށް މި އަންނަނީ މަސައްކަތްކުރަމުންނެވެ.











