އަންނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގައި އަސާސީ ބޭސް ވިއްކޭނީ ފައިދާގެ ގޮތުގައި އެންމެ މަތިވެގެން ވެސް 100 ޕަސެންޓުގެ މާކްއަޕެއް ލައިގެން އެކަނި ކަމަށް ހެލްތު މިނިސްޓްރީން މިއަދު ކަނޑައަޅައިފި އެވެ.
އަންނަ އަހަރު އަމަލު ކުރަން ފަށާ އެ އުސޫލުގެ ސަބަބުން ބޭހުގެ އަގު ވަރަށް ބޮޑަށް ވެއްޓި، ދައުލަތުން އާސަންދައަށް ކުރާ ހަރަދުން 205 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ބެލެވެ އެވެ. އަދި ބޭހުގެ އަގަށް، 200 ނުވަތަ 400 ޕަސެންޓުގެ ފައިދާ ލައިގެން ކުރާ ވިޔަފާރި ހުއްޓުމަކަށް އަންނާނެ އެވެ.
"މެކްސިމަމް ރިޓެއިލް ޕްރައިޒެއް ކަނޑައެޅުމުގައި ބޭސް ގަންނަ އަގަށް [އެފް.އޯ.ބީ ނުވަތަ ކޮސްޓް ޕްރައިޒްއަށް] ބޮޑުވެގެން ލެވޭނީ 100 ޕަސެންޓުގެ މާކްއަޕެއް. މިގޮތުން ދިވެހިރާއްޖެއަށް އިމްޕޯޓްކޮށް ވިއްކާ ހުރިހާ ބޭސް ތަކަށް މެކްސިމަމް ރީޓެއިލް ޕްރައިޒް ކަނޑައެޅުމަށް ވަނީ ހަމަޖެހިފަ،" އެ މިނިސްޓްރީން މިއަދު ހަވީރު ކުރި އިއުލާނުގައި ބުނެފައިވެ އެވެ.
އަންނަ ޖެނުއަރީ މަހުން ފެށިގެން އެ ބަދަލު ފުރަތަމަ އަންނާނީ އަސާސީ ބޭސްތަކަށެވެ. ދެންހުރި ބޭސްތަކަށް މި ބަދަލު ގެންނާނީ އަންނަ އަހަރުގެ މެދު ތެރޭގައި ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.
އަންނަ ޖެނުއަރީ މަސް ފެށުމުގެ ކުރިން އަސާސީ ބޭސްތަކުގެ ލިސްޓަކާއި އެ ބޭސް އެންމެ މަތިން ވިއްކޭނެ އަގު އާންމު ކުރާނެ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުނެ އެވެ.

ހެލްތު މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވަނީ ބޭސް ވިއްކޭނެ އެންމެ މަތީ އަގެއް އެ އޮފީހުން ކަނޑައެޅީ އެކަން ކުރުމަށް "ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނު" އިން ލާޒިމުވާތީ ކަމަށެވެ.
ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނު ގެޒެޓު ކުރީ ސެޕްޓެމްބަރު 7، 2015 ގަ އެވެ. ނަމަވެސް އެ ގާނޫނަށް އަމަލު ކުރަން ފަށާފައި ވަނީ އޭގެ އެއް އަހަރު ފަހުންނެވެ. އެހެންކަމުން ބޭހުގެ އަގު ކޮންޓްރޯލް ކުރުމަށް ސަރުކާރުން ފިޔަވަޅު މި އެޅީ ގާނޫނަށް އަމަލު ކުރަންފެށިތާ ފަސް އަހަރު ފަހުންނެވެ.
ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ 63 ވަނަ މާއްދާގެ ރ. ގައި ބުނެފައި ވަނީ "ސިއްހީ ހިދުމަތުގެ ގައުމީ ނިޒާމުގައި ބޭނުންކުރެވޭ އެންމެހައި ބޭސް ހިދުމަތް ހޯދާ ފަރާތްތަކަށް ވާސިލުވެވޭފަދަ އަގެއްގައި ފޯރުކޮށްދިނުމަށްޓަކައި ބޭސް ވިއްކޭނެ އެންމެ މަތީ އަގު މިނިސްޓްރީން ކަނޑައަޅަންވާނެ" ކަމަށެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ބުނެފައިވާ ގޮތުން އާސަންދައަށް ކުރާ ހަރަދުގެ 50 ޕަސެންޓަކީ ބޭސް ގަތުމަށް ހަރަދުވާ ފައިސާ އެވެ.
ބަޖެޓުގެ މައުލޫމާތުތަކަށް ބަލާއިރު ފާއިތުވި ދެ އަހަރު ވެސް، އާސަންދައަށް ކުރި ހޭދައިގެ 50 ޕަސެންޓަށް ވުރެ ބޮޑު ބައި ހަރަދު ކުރީ ބޭހަށެވެ. އަދި 2014 ވަނަ އަހަރާ 2020 ވަނަ އަހަރާ ދެމެދު އަހަރަކު އެވަރެޖުކޮށް 23.7 އިންސައްތައިން ބޭހުގެ ހަރަދު ވަނީ ކޮންމެ އަހަރަކު ވެސް އިތުރުވެފަ އެވެ.












