ހަކުރު ބައްޔާ ބެހޭ މައުލޫމާތު ފުދޭ މިންވަރަށް ހޯދައި، ސިކުނޑި ހޭލުންތެރިކުރަން ޖެހިފައިވާ މައިގަނޑު ދެ ސަބަބެއް އެބަ އޮތެވެ؛
1- އުމުރުން ދުވަސްވީ ދިވެހި މީހުންގެ އާބާދީގެ އެންމެ ގިނަ ބަޔަކަށް ޖެހޭ އެއް ބައްޔަށް ހަކުރު ބަލި ވުން.
2- މަހަކު އެކެއް ނުވަތަ ދެ ކުދިން ހަކުރު ބައްޔަށް ޑައިގްނޯޒްވުން.
މީގެ ތެރެއިން މި އާޓިކަލްގައި މި ހިމަނާލަނީ، ރާއްޖޭގައި 16 އަހަރުން ދަށުގެ ކުޑަކުދިން ހަކުރު ބައްޔަށް ޑައިގްނޯޒްވުމާއި އެކަމާ ގުޅިފައިވާ ބައެއް މައުލޫމާތާއި، މައިންބަފައިންނާއި ބެލެނިވެރިންނަށް ކޮންމެހެން އެނގުން މުހިއްމު ބައެއް މައުލޫމާތު ތަކެވެ.
ޓައިޕް 1 ޑައިބެޓިކްސް އާއި ދިވެހި ކުޑަކުދިން
އައިޖީއެމްއެޗް ގެ ކުޑަކުދިންގެ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް، އާންމުކޮށް ކުޑަކުދިންނަށް ޖެހޭ ޓައިޕް 1 ޑައިބެޓިކްސް އަށް މީހުންގެ ސަމާލުކަން ހޯއްދަވަމުން ފާހަގަކުރެއްވީ ދާދި ފަހުން ދެ އަހަރުގެ ތުއްތު ކުއްޖަކު ބައްޔަށް ޑައިގްނޯޒްވި ވާހަކައެކެވެ. ހަކުރުބައްޔަކީ ދިވެހިންނަށް "ބާވެފައި" އޮތް މައުލޫއަކަށް ވިޔަސް، ތުއްތު ކުދިންނާއި ޑައިބެޓިކްސް އާ ގުޅިފައިވާ މައުލޫމާތު މިހާރަށްވުރެ ބޮޑަށް އެނގެން ޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ.

ކުޑަކުދިންނަށް ޖެހޭ ޓައިޕް 1 ޑައިބެޓިކްސް އަކީ ކުއްޖާގެ ހަށިގަނޑުގައި އިންސިއުލިން ހޯމޯން އުފެއްދުން ހުއްޓުމުގެ ސަބަބުން މެދުވެރިވާ ހާލަތެވެ. ދިރިހުރުމަށް މުހިއްމު މި ހޯމޯން ހަށިގަނޑުގައި ނު އުފައްދާނަމަ ނުވަތަ އެކަށީގެންވާ މިންވަރަށް ނު އުފައްދާނަމަ ޖެހޭނީ އިންޖެކްޝަނުން ނުވަތަ އިންސިއުލިން ޕަމްގެ އެހީގައި ހަށިގަނޑަށް އިންސިއުލިން ދޭށެވެ.
ޑައިބެޓިކްސް ހުންނަ ތުއްތު ކުއްޖަކު ގެންގުޅުމަކީ ފަސޭހަ ކަމަކަށް ނުވެދާނެ އެވެ. އެފަދަ ކުއްޖަކަށް ގަވާއިދުން އިންސިއުލިން އިންޖެކްޝަން ދިނުމާއެކު، ކާބޯހައިޑްރޭޓްސް ކެވޭ މިންވަރާއި ލޭގައި ހަކުރު ހުރި މިންވަރު ގަވާއިދުން މޮނިޓާކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަންކަމެވެ.
ޓައިޕް 1 ޑައިބެޓިކްސް މުޅިން ރަނގަޅުކުރެވޭ ފަރުވާއެއް އަދި ނެތެވެ. އެކަމަކު ދިރިއުޅުމަށް ގެންނަ ދުޅަހެޔޮ ބަދަލުތަކާ އެކުބަލި މެނޭޖުކުރެވޭނެ ގޮތްތައް އެބަހުއްޓެވެ.
"މީގައި އެބަ ހިމެނޭ ތިން ކަމެއް. އެއީ ރަނގަޅު ޑައެޓެއް [ޑައިބެޓިކް ޑައެޓް] އެއް މެއިންޓެންކުރުން. ދެން ކަސްރަތުކުރުމާއި އިންސިއުލިން ޑެލިވަރީ. މި ތިން ކަން ރަނގަޅަށް މޮނިޓާ ކުރެވިގެން ދާކަމަށް ވާނަމަ ކުއްޖާއަށް ފަސޭހަ ދިރިއުޅުމެއް ހޯދައިދެވޭނެ،" ޑރ ވިދާޅުވި އެވެ.
ޓައިޕް 1 ޑައިބެޓިކްސްގެ ސަބަބުތަކާއި އަލާމާތްތައް
ހަކުރު ހުންނަ ތުއްތު ކުދިން ނުވަތަ ކުޑަ ކުދިންގެ ފަރާތުން އާންމުކޮށް ފެންނަ ބައެއް އަލާމާތްތަކުގެ ތެރޭގައި މާބޮޑަށް ކަރު ހިއްކުމާއި ބަނޑުހަ ވުމާއި، ކެޔަސް ބަރުދަން ލުއި ވުމާއި ވަރުބަލިވުމާއި ދަލުގައި ފޮނި ވަހެއް ހުރުން ފަދަ އަލާމާތްތައް ހިމެނެ އެވެ.
މީގެ ތެރެއިން ވެސް، ގިނައިން ކުޑަކަމުދިއުމުގެ މައްސަލައަކީ ފާހަގަކުރެވޭ މައްސަލައެކެވެ.
"ފާހާނާ އަށް ދާން ފަރިތަ ކުރުވާ ކުދިން ވެސް ތަން މައްޗަށް އާންމުކޮށް ހީސް ލާ ހަދާނަމަ ދައްކާލުން މުހިއްމު ވަނީ މިފަދަ ސަބަބުތައް ހިމެނޭތީ،" ޑރ. ފައިސަލް ވިދާޅުވި އެވެ.
އާންމުކޮށް ހަކުރު ހުރުމުގެ ސަބަބުން ދިމާވާ ކުޑަކަމުދިއުމުގެ މިފަދަ މައްސަލަތައް ބައެއް ފަހަރު ޔޫރިން އިންފެކްޝަން ފަދަ މައްސަލަތަކުގެ ގޮތުގައި އޮޅޭ ގޮތް ވެފައި ހުންނަ ކަން ފާހަގަކުރައްވަމުން ޑރ. ފައިސަލް ވިދާޅުވީ އެކަމަށް ވެސް ބެލެނިވެރިން އިތުރަށް ސަމާލުވުމަށެވެ.












