ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިޒަމް ހަމަލާއަށްފަހު، ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނުގައި މާލޭން ހައްޔަރު ކުރި އއ. މާޅޮސް، އަސަރީގެ މުހައްމަދު ނާޒިމްއަށް ވަކީލެއް ހަމަޖައްސަން އިތުރު ހަތް ދުވަހުގެ މުއްދަތެއް ދީފި އެވެ.
ރައީސް ނަޝީދު ގެކޮޅުން ނިކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަންގައި ނާޒިމްއާއެކު ދެ މީހަކު ހައްޔަރު ކޮށްފައިވެ އެވެ. އެއީ ދަފްތަރު ނަންބަރު 1326 ހަސަން ޔާސީން އަދި ހުޅުމާލެ ފްލެޓް 07-3-56 މުހައްމަދު ޒޫމާލް ޒަރީރު އެވެ.
އެއް ދައުވާ ފޯމަކުން މައްސަލަ ހުށަހަޅާފައިވާ މި ތިން މީހުންގެ މައްޗަށް ވެސް ދައުލަތުން ކުރަނީ ޓެރެރިސްޓް ޖަމާއަތަކަށް ތާއިދުކުރާ މީހެއް ކަމަށް ދޭހަވާ ފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ދައުވާ އެވެ. އެހެންނަމަވެސް އަޑުއެހުންތައް ކުރިއަށް ގެންދަނީ ވަކިވަކިންނެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔައީ ނާޒިމްގެ މައްސަލައިގެ އަޑުއެހުމެވެ. މައްސަލާގައި އެންމެފަހުން ބޭއްވި އަޑުއެހުމުގައި ވަކީލެއް ހަމަޖެއްސުމަށް ތިން ދުވަހުގެ މުހުލަތެއް އޭނާއަށް ދީފައި ވެއެވެ. އެހެންނަމަވެސް ދެމަހަށް ވުރެ ގިނަދުވަހަށް ފަހު މިއަދު ބޭއްވި އަޑުއެހުމުގައިވެސް އޭނާއަކަށް ވަކީލެއް ހަމަޖެއްސިފައި ނުވެ އެވެ. އެހެންވެ، ޝަރީއަތުގެ އަޑުއެހުން ކުރިއަށް ނުގެންދެވުނެވެ.
މި މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވަނީ ދައުލަތުން އޭނާއަށް ވަކީލެއް ހަމަޖައްސައިދޭން ބޭނުންތޯ އައްސަވާފަ އެވެ. އެކަމަކު އޭނާ ބުނީ އަމިއްލައަށް ވަކީލެއް ހަމަޖައްސާފައި ވާނެ ކަމަށެވެ. އަދި ފުލުހުންގެ ތަހުގީގުގައިވެސް އެ ވަކީލުގެ އެހީތެރިކަން އޭނާއަށް ލިބިފައިވާ ކަމަށާއި، ހުރިހާ ލިޔެކިޔުމެއް ތަހުގީގީ މަރުހަލާގައި އައްޔަން ކުރި ވަކީލު އަތުގައި ވާނެ ކަމަށެވެ.

އެހެންނަމަވެސް ކޯޓުގައި އެ ވަކީލް ރަޖިސްޓްރީކޮށްފައި ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ.
ވަކީލަކާ ނުލާ ކުރިއަށް ދާން ބޭނުން ނުވާ ކަމަށް ބުނެ ނާޒިމް އެދުނީ އެ ވަކީލަށް ފޯން ކޮށްލުމުގެ ފުރުސަތަކަށެވެ. ގާޒީ އޭނާއަށް ފަސް މިނެޓު ދިނެވެ. އެހެންނަމަވެސް ވަކީލު ފޯނު ނުނަގާ ކަމަށް އޭނާ ބުންޏެވެ.
އެހެންވެ، ނާޒިމް އެދުނީ އެހެން ދުވަހަކަށް އަޑުއެހުން ފަސްކޮށްދިނުމަށެވެ. އަދި ތަހުގީގީ މަރުހަލާގައި އޭނާއަށް އެހީވި ވަކީލު ހަމަޖެއްސުމަށް އިތުރު މުއްދަތެއް ދިނުމަށެވެ. އޭނާ އެދުނީ 10 ދުވަހުގެ މުއްދަތަކަށެވެ.
ދައުލަތުން މިކަމާ އިއުތިރާޒު ނުކުރުމުން ގާޒީ އޭނާއަށް އިތުރު ފުރުސަތެއް ދިނެވެ. ދިނީ ހަތް ދުވަހުގެ މުހުލަތެކެވެ.
ވަކީލަކާއެކު ކުރިއަށް ދިއުމަށް ނާޒިމްއަށް އިތުރު ވަގުތު ދޭން ދައުލަތުން އިއުތިރާޒް ނުކުރީ މައްސަލައިގެ ބާވަތަށް ބެލުމަށްފަހު، ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.
ދެން މި މައްސަލާގައި އަޑުއެހުމެއް އޮންނާނެ ދުވަހެއް ގާޒީ ވިދާޅެއް ނުވެ އެވެ.
މި މައްސަލާގައި ދައުވާ ރައްދުވާ ޔާސީންގެ މައްޗަށް ދައުލަތުން ކުރާ ދައުވާތައް އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އިއްވާފައިވެ އެވެ. އޭނާ ވަނީ އެ ދައުވާތަކަށް އިންކާރު ކޮށްފަ އެވެ. ދައުވާ ލިބޭ ތިންވަނަ މީހާ ކަމަށްވާ މުހައްމަދު ޒޫމާލް ޒަރީރުގެ އަޑުއެހުމެއް އަދި ކުރިއަށް ގެންދެވިފައެއް ނުވެ އެވެ.












