ޓުއާ ގައިޑަކަށް ހެދިގެން މާލޭ އައި ފަތުރުވެރިޔަކަށް ހިދުމަތްދިނުމަށްފަހު އޭނާ މޫދަށް އެރުނު ވަގުތު ދަބަހުގައި ހުރި ފައިސާތައް ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ މީހާ ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ.
ބަންގްލަދޭޝް އަށް ނިސްބަތްވާ ތަންވީރު އިސްލާމް، 28، ހައްޔަރު ކުރީ އޭނާގެ ފޮޓޯއާއެކު ހޯދުމަށް އިއުލާން ކުރުމުން އާއްމުންގެ ފަރާތުން ލިބުނު މައުލޫމާތުގެ އަލީގައި ކަމަށް ފުލުހުން ބުނެ އެވެ.
އެ މައްސަލައިގައި ފުލުހުންގެ ކުރިން ކުރި އިއުލާނުގައި ބުނެފައި ފަތުރުވެރިޔާގެ ފައިސާތައް ތަންވީރު ވަގަށް ނެގީ ފަތުރުވެރިޔާ އާޓިފިޝަލް ބީޗް މޫދަށް އެރުނު ވަގުތު އެވެ. ވަގަށް ނެގީ ކިހާ އަދަދެއްގެ ފައިސާއެއްކަން ފުލުހުންގެ އިއުލާނުގައި ބުނެފައެއް ނުވެ އެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މުޅި ރާއްޖެއިން މިއަހަރުގެ މިހާތަނަށް ވައްކަމާއި ފޭރުމުގެ 4056 މައްސަލަ ހުށަހަޅާފައިވެ އެވެ. މިދިޔަ އަހަރު މުޅި ޖުމްލަ އެ އިދާރާއަށް ހުށަހަޅާފައި ވަނީ ވައްކަމާއި ފޭރުމުގެ 5004 މައްސަލަ އެވެ.












