ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި 4،000 ހައުސިން ޔުނިޓް އެޅުމަށް ނެގި ބަޔާޒް ކްރެޑިޓް ފެސިލިޓީ އެއްކޮށް ދައްކަން 4.8 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ހާމަވެއްޖެ އެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި 4،000 ހައުސިން ޔުނިޓް އަޅަން ބަޔާޒް ކްރެޑިޓް ފެސިލިޓީ އެއް ނަގާފައި ވަނީ އިންޑިއާގެ އެގްޒިމް ބޭންކުންނެވެ. އެއީ 227 މިލިއަން ޑޮލަރުގެ ފެސިލިޓީ އެކެވެ.
މިފެސިލިޓީގެ ދަށުން އެކޯޕަރޭޝަނަށް ދޫކޮށްފައި ވަނީ ދެ ލޯނެކެވެ. އެއީ 110.5 މިލިއަން ޑޮލަރުގެ ލޯނަކާއި 116.45 މިލިއަން ޑޮލަރުގެ ލޯނެކެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ވަނީ މި ލޯނު ތަކުގެ ތަފްސީލު ހާމަކޮށްފަ އެވެ.
ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އަޅާ ހައުސިން ޔުނިޓްތައް އިމާރާތްކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހަވާލުކޮށްފައި ވަނީ އިންޑިއާގެ ދެ ކުންފުންޏާ އެވެ.

އެގޮތުން 2،000 ޔުނިޓް އެޅުމަށް ނެޝަނަލް ބިލްޑިންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ)އާ ހަވާލުކޮށްފައި ވަނީ 110.5 މިލިއަން ޑޮލަރުގެ ލޯނުގެ ދަށުންނެވެ. މިލޯނުގެ އިންޓްރެސްޓް ރޭޓަކީ 3.25 ކެވެ. ލޯނު އެއްކޮށް އަނބުރާ ދައްކާ ނިމޭ އިރު ޖުމުލަ 153 މިލިއަން ޑޮލަރު ހަރަދުވާނެ އެވެ.
އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑްއާ 2،000 ހައުސިން ޔުނިޓް އަޅަން ހަވާލުކޮށްފައި ވަނީ 116.45 މިލިއަން ޑޮލަރުގެ ލޯނުގެ ދަށުންނެވެ. މި ލޯނުގެ އިންޓްރެސްޓް ރޭޓަކީ 3.5 ކެވެ. މި ލޯނު އެއްކޮށް އަނބުރާ ދައްކާ ނިމޭ އިރު 162 މިލިއަން ޑޮލަރު ހަރަދުވާނެ އެވެ.
އެންބީސީސީއަށް މަސައްކަތް ހަވާލުކުރުމަށް ނަގާފައިވާ ލޯނަކީ ފަސް އަހަރުގެ ގްރޭސް ޕްރީއަޑެއް ހިމެނޭ ލޯނެކެވެ. ނަމަވެސް ޖޭއެމްސީ އަށް މަސައްކަތް ހަވާލުކުރުމަށް ނަގާފައިވާ ލޯނުގެ ގްރޭސް ޕީރިއަޑަކީ ތިން އަހަރާ ބައި އެވެ.
މި ދެލޯނު އަނބުރާ ދައްކަންވެސް 15 އަހަރުގެ މުއްދަތެއް ލިބޭ އިރު، މުޅި ޖުމުލަ 315 މިލިއަން ޑޮލަރު ނުވަތަ 4.8 ބިލިއަން ރުފިޔާ ހަރަދުވާނެ އެވެ. މިލޯނު ތަކަަކީ ސަރުކާރުގެ ސަވަރިން ގެރެންޓީގެ ދަށުން ހަމަޖެހިފައިވާ ދެ ލޯނެވެ.
ކުޑަ އިންޓްރެސްޓެއްގައި ނަގާފައިވާ ލޯނުތަކެއް ކަމަށް ކުރިން ބުނި ނަމަވެސް މިއަދު ހާމަކުރި މައުލޫމާތުތަކާ ގުޅިގެން ކޮމިޓީގައި ވާހަކަދައްކަވަމުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވަނީ އެހީގެ ގޮތުގައި ނަގާ ލޯނަކަށް ބަލާއިރު ލޯނުތަކުގެ އިންޓްރެސްޓް ރޭޓު ބޮޑު ކަމަށް ފާހަގަކުރައްވާފަ އެވެ.











