އަތޮޅު ތެރޭގައި ހުންނަ ސިއްހީ ހިދުމަތްދޭ ތަންތަނުގައި ބޭނުން ކުރުމަށް 20 އެމްބިއުލާންސް ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި ފޮނުވާނެ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.
މިދިޔަ ޖޫން މަހު ސަރުކާރުން ވަނީ އަތޮޅުތަކަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށް އެސްޓީއޯއާ ހަވާލުކޮށްފަ އެވެ.
ހެލްތު މިނިސްޓްރީން ބުނީ އަތޮޅުތަކުގައި ބޭނުންކުރުމަށް އެސްޓީއޯ މެދުވެރިކޮށް ގެނެސްފައިވާ 20 އެމްބިއުލަންސްގެ ފުރަތަމަ ޝިޕްމަންޓް އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އިދާރީ މަސައްކަތްތައް ނިމުނުހާ އަވަހަކަށް ކުރިއަށް އޮތް ތިން ދުވަސް ތެރޭގައި ރަށްރަށަށް އެމްބިއުލާންސް ފޮނުވަން ފަށާނެ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.
އެމްބިއުލާންސްތައް ފޮނުވަން ނިންމި ރަށްތަކެއް ހެލްތު މިނިސްޓްރީން މިހާތަނަށް ހާމައެއް ނުކުރެ އެވެ. އެހެންނަމަވެސް ބައެއް ރަށް ރަށުގައި އެމްބިއުލާންސް ނެތިގެން ވީލްބަރޯއަށް ލައިގެން ވެސް މީހުން އުފަލަމުން ދެއެވެ. އެގޮތުން ހދ. މަކުނުދޫގައި ބަލި މީހަކު ބަރޯއެއްގައި ސިއްހީ މަރުކަޒަށް ގެންދާ މަންޒަރު ސޯޝަލް މީޑިއާގައި އިއްޔެ ވަނީ އާންމުވެފަ އެވެ.
އެމްބިއުލާންސްގެ ދަތިކަމަކީ މުޅި ރާއްޖެއަށް ވެސް ކުރިމަތިވެފައިވާ މައްސަލައެކެވެ. ބައެއް ރަށްރަށުގައި އެމްބިއުލާންސް ނެތިގެން ރަށު ޕިކަޕުގައި ވެސް ބަލި މީހުން އުފުލާފައިވެ އެވެ.

މި ފަހުން އެމްބިއުލާންސްގެ މައްސަލަތަކެއް ދިމާވެ މާލޭގައި ވެސް ހާދިސާތަކެއް ހިނގާފައިވެ އެވެ. އޭގެތެރޭގައި މާލޭގައި ކޮވިޑަށް ޕޮޒިޓިވްވި 10 އަހަރުގެ ކުއްޖަކު، އެމްބިއުލާންސް ލަސްވުމުގެ ސަބަބުން މަރުވި ހާދިސާއަކާއި އެމަޖެންސީގައި އައިޖީއެމްއެޗަށް ގެންދިޔަ ކޮވިޑް ބަލީގެ މާބަނޑު އަންހެނެއްގެ ދަރިފުޅު އެމްބިއުލާންސް ތެރެއަށް މަރުވި މައްސަލައެއް ވެސް ހިމެނެ އެވެ.













