ފްލެޓުތަކުގެ އަގު ކަނޑައެޅި ގޮތުގެ ރިޕޯޓް ސަރުކާރުން ދިރާސާ ކުރަނީ

ހުޅުމާލެ ފޭސް ދޭއްގައި އަޅާފައިވާ ހިޔާ ފްލެޓުތައް: ސަރުކާރުން ބުނީ އޮޑިޓް ރިޕޯޓް ދިރާސާ ކުރަމުން އަންނަ ކަމަށް -- ފޮޓޯ: އަދަދު ފައިލް

ހުޅުމާލެ ފޭސް ދޭއްގައި އަޅާފައިވާ ހިޔާ ފްލެޓުތައް: ސަރުކާރުން ބުނީ އޮޑިޓް ރިޕޯޓް ދިރާސާ ކުރަމުން އަންނަ ކަމަށް -- ފޮޓޯ: އަދަދު ފައިލް

ހިޔާ ފްލެޓްތަކުގެ އަގުތައް ކަނޑައަޅާފައިވާ ގޮތް ބެލުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓު ސަރުކާރުން ދިރާސާ ކުރާނެ ކަމަށާއި ރިޕޯޓާ ގުޅިގެން ފިޔަވަޅެއް އަޅަންޖެހިއްޖެ ނަމަ އެކަން ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނެފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އޮޑިޓާ ޖެނެރަލް އަބްދުﷲ ނިޔާޒީ ނެރުއްވި ރިޕޯޓުގައި ބުނެފައި ވަނީ 25 ބުރީގެ 16 ޓަވަރުގައި އިމާރާތްކޮށްފައިވާ 7000 ހައުސިން ޔުނިޓަށް ދައްކަންޖެހޭ އަގުތައް ކުރީގެ ސަރުކާރުން ހިސާބުކޮށްފައިވާ ގޮތަށް ދޫކޮށްފި ނަމަ ކޮންމެ ޔުނިޓަކުން މިލިއަނަކަށްވުރެ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން "އަދަދު" އާ ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެ އޮޑިޓް ރިޕޯޓު ދިރާސާ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ސަރުކާރުން ފަށާނެ ކަމަށެވެ. އަދި އެ މަސައްކަތަށްފަހު، އެއްވެސް ފިޔަވަޅެއް އަޅަންޖެހޭ ނަމަ ލަސްނުކޮށް އެކަން ސަރުކާރުން ކުރާނެ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.

"އޮޑިޓް ރިޕޯޓުން ކޮންފާމްވެއްޖެ އަޅުގަނޑުމެން އަބަދުވެސް ދައްކަމުން އައި ބައެއް ވާހަކަތައް. އަދި އޭގެން އެނގިއްޖެ އަޅުގަނޑުމެން ބުނަމުން އައި ވަރަށްވުރެ ވެސް ބައެއް ކަންކަން ގޯސްކަން،" މަބްރޫކް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ސަރުކާރުން ޗައިނާގެ ސީސީސީސީ ކުންފުންޏާއެކު ސޮއިކޮށްގެން ކުރިއަށްގެންދިޔަ ސޯޝަލް ހައުސިން މަޝްރޫއުގެ ފްލެޓަކަށް ޖެހޭ އަގު ކަމަށް އެ ސަރުކާރުން 2018 ވަނަ އަހަރު ކަނޑައެޅީ 6،600ރ. އެވެ. ނަމަވެސް އެ އަގަށް ފްލެޓު ދޫކޮށްފި ނަމަ ޔުނިޓަކުން 1.1 މިލިއަން ރުފިޔާ ގެއްލުންވާނެ ކަމަށް އޮޑިޓު ރިޕޯޓުން ހޯދާފައިވެ އެވެ. އޭރުން ޖުމްލަ އެ ވަނީ އަށް ބިލިއަން ރުފިޔާގެ ގެއްލުމެކެވެ.

ހައުސިން ޔުނިޓުތަކަށް ދައްކަންޖެހޭ އަގަކީ 6،600ރ. ކަމަށް 2018 ވަނަ އަހަރު ހައުސިން މިނިސްޓްރީގެ ފަރާތުން ކަނޑައެޅީ މަޝްރޫއު ކުރިއަށްގެންދިޔުމަށް ނެގި ލޯނުތަކާއި ރީފައިނޭންސިން ލޯނުތަކާއި އިންޓްރެސްޓާއި ލޯނު އަނބުރާ ދެއްކުމަށްދާނެ ކޭޝްފްލޯއަށް ބެލުމެއްނެތި ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.

އޮޑިޓް ރިޕޯޓު ނެރުމާއެކު ސަރުކާރުގެ ބައެއް ފަރާތްތަކުން ބުނަމުން އަންނަނީ ފްލެޓުތަކުގެ އަޑު ކުޑަކޮށް ކުރީ ސަރުކާރުން އިއުލާނު ކުރުމަކީ ރައްޔިތުނަށް އޮޅުވާލުން ކަމަށާއި ހިޔާ މަޝްރޫއަކީ އެކަށީގެންވާ މިންވަރަށް ނުވިސްނާ ކުރިއަށްގެންދިޔަ އަގުބޮޑު ޕްރޮޖެކްޓެއް ކަމަށެވެ.

ފްލެޓު ލިބޭ މީހުން ފިނިޝިންގެ މަސައްކަތް އަމިއްލައަށް ކުރަންޖެހޭ ގޮތަށް ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތަކަށް ބައެއް އާއިލާތަކުން މިހާރު ވަނީ ބަދަލުވެފަ އެވެ. އެތަނުގައި މިހާރު ވެސް ގާތްގަނޑަކަށް 100 އެއްހާ އާއިލާ ދިރިއުޅޭނެ ކަމަށް ބައެއް ފަރާތްތަކުން އަންދާޒާކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox