ރާއްޖޭގައި އަލަށް ހުޅުވާ ބްރިޓިޝް ހައި ކޮމިޝަންގެ އޮފީހުގެ ޖަލްސާކުރާ ކޮޓަރި ތެރޭގައި އޮތް އެ ބައްދަލުވުމަކީ އިނގިރޭސި ހައި ކޮމިޝަނަރު ކެރޮން ރޮސްލާ ރާއްޖޭގެ މީޑިއާތަކާ އެންމެ ފުރަތަމަ ބައްދަލުކުރި ފަހަރެވެ.
ރާއްޖެ ވަޑައިގަތްތާ ދެ އަހަރު ދުވަސް ފާހަގަކުރުމުގެ ގޮތުން އެކަމަނާ އެ ބައްދަލުވުމުގައި ވިދާޅުވީ، އެއީ ކޮވިޑާއި، އޮފީސް ހުޅުވަން ކުރަން ޖެހުނު މަސައްކަތްތަކާއެކު މިދިޔަ ދެ އަހަރު ދުވަސް ތެރޭ ނުކުރެވިފަ އޮތް އެހެންނަމަވެސް، ކިތަންމެ ވަރަކަށް ވެސް ކުރަން ބޭނުންވެފަ ހުރި ކަމެއް ކަމަށެވެ.
އިނގިރޭސި ވިލާތައި ރާއްޖެއާ ދެމެދުގައި އޮންނަ ގުޅުމާއި، އެ ގުޅުމުގެ ސަބަބުން ދެ ގައުމަށް ކުރާ ފައިދާތަކާއި، އަންނަ ކުރިއެރުންތައް ހިމެނޭހެން އެތައް ކަމެއްގެ މައްޗަށް އަލިއަޅުވާލުމަށް ހައި ކޮމިޝަނަރުގެ ވާހަކަފުޅު ފެއްޓެވީ އެންމެ ފުރަތަމަ ވެސް މާލޭގައި އަލަށް ހުޅުވި ބްރިޓިޝް ހައި ކޮމިޝަންގެ އޮފީހާ ގުޅޭ ގޮތުންނެވެ.
އެކަމަނާ ރާއްޖެ ވަޑައިގެން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފަތްކޮޅު އެރުވި ފަހުން، އޮފީސް ހުޅުވައި، މުވައްޒަފުން ހޯދުމުގެ މަސައްކަތް ބާރަށް ފެއްޓެވި ނަމަވެސް، ކޮވިޑާއި، ހައި ކޮމިޝަނަރު ރާއްޖޭގައި ދެން ކުރައްވަމުން ގެންދަވާ އެކި އެކި މަސައްކަތްތަކާހެދި ލަސްތަކެއް ހުރިކަމަށް އެކަމަނާ ވިދާޅުވި އެވެ.
"މިހާރު މި ނިމުނީ އޮފީސް އެއްކޮށް. ޓީމް ވެސް ނަގައި. އެހެންވީމަ، ދެން އުއްމީދު ކުރަނީ، އަންނަ އަހަރު ކުރީކޮޅު ރަސްމީކޮށް ހުޅުވަން، އެކަމަށްޓަކައި އިނގިރޭސި ވިލާތުގެ މިނިސްޓަރެއް ރާއްޖެ ވަޑައިގަންނަވާނެ،" ހައި ކޮމިޝަނަރު ރޮސްލާ ވިދާޅުވި އެވެ.

ރާއްޖޭގައި ހައި ކޮމިޝަންގެ އޮފީހެއް ހުޅުވި ނަމަވެސް، ވިސާ ކަންކަމުގައި އިނގިރޭސި ވިލާތުން ގެންގުޅޭ ސިޔާސަތުގެ ސަބަބުން، އަދި ރާއްޖެއިން ވިސާގެ ކަންކަން ހަމަނުޖެހޭނެކަމަށް އެކަމަނާ ވިދާޅުވި އެވެ. އެއީ އިނގިރޭސި ވިލާތުގެ އޮންނަނީ "ހަބް" އުސޫލަކުން ދުނިޔޭގެ ވަކި ބަކި ބައެއް ސަރަހައްދުތަކުގައި އެފަދަ މަސައްކަތްތައް ކުރުން ކަމުގައި އެކަމަނާ ފާހަގަކުރެއްވި އެވެ.
އެގޮތުން ޔޫއޭއީގެ ދުބާއި، އިންޑިއާގެ ޗެންނާއީ އަދި ސްރީ ލަންކާގެ ކޮޅުނބު ކަހަލަ ބައެއް ވަކި ވަކި ސަރަހައްދުތައް އެފަދަ ކަންކަމަށް ހާއްސަކޮށްފައިވާކަމަށް އެކަމަނާ ވިދާޅުވި އެވެ.
"އެކަމަކު އަދިވެސް ދިވެހިންނަށް ވިސާއަކާ ނުލާ ދެވޭނެ ވަކި މުއްދަތަކަށް އިނގިރޭސި ވިލާތަށް، ކިޔަވަން އަދި އެހެން ކަހަލަ ކަންކަމުގައި ދާ ފަރާތްތަކަށް ވިސާ ނަގަން ޖެހޭނީ. ދެން ބައެއް ފަހަރު ސްޓޫޑެންޓް ސީޒަނާ ދިމާކޮށް ވަރަށް ފަހުން ވެސް ވިސާ ޑެސްކެއް ގާއިމުކުރި މިކޮޅުގައި، ފަސޭހަކުރުމަށްޓަކައި، އެކަހަލަ ކަންކަން ކުރިޔަށް ދާނެ،" ހައި ކޮމިޝަނަރު ވިދާޅުވި އެވެ.
ތައުލީމީ ކުރިއެރުންތަކެއް
ވިސާގެ ކަންކަން އެހެން އޮތް ނަމަވެސް، ރާއްޖޭގައި ބްރިޓިޝް ހައި ކޮމިޝަންގެ އޮފީހެއް ރަސްމީކޮށް ގާއިމުކުރުމުގެ ފައިދާ މިހާރު ވެސް ކުރަން ފަށާފައިވާކަމަށް ރޮސްލާ ވިދާޅުވި އެވެ. އެގޮތުން އިނގިރޭސިވި ލާތުން ރާއްޖެއަށް ފޯރުކޮށްދޭ ޝެވެނިން ސްކޮލާޝިޕްތަކުގެ އަދަދު އިތުރުވެ، އެ ގައުމުން ރާއްޖެއަށް އެހީތެރިވެދެވޭ މިންވަރު ވެސް އެތައް ގުނައެއް އިތުރުވެފައިވާކަމަށް އެކަމަނާ ވިދާޅުވި އެވެ.

ޝެވެނިން ސްކޮލާޝިޕުގައި ސޮއިކުރުމުގެ ރަސްމިއްޔަތުގެ ތެރެއިން-- ފޮޓޯ: އިނގިރޭސި ހައިކޮމިޝަން
"ސްކޮލާޝިޕްގެ ކަންކަމުގައި، އަޅުގަނޑުމެން ވަރަށް ބަލަން ހަމަ ބޭނުންތެރި ނުވަތަ އިންސާނީ ވަސީލަތްތައް މަދު ދާއިރާތަކަށް ބަލާފަ ދޭން. އެގޮތުން އެޕިޑީމިއޮލޮޖީ، ޑިސްއެބިލިޓީ ހުންނަ ފަރާތްތަކުގެ ހައްގުތަކުގެ ދާއިރާއިން، އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ ދާއިރާފަދަ ދާއިރާތަކުން ސްކޮލާޝިޕް ފޯރުކޮށްދެވޭތޯ މަސައްކަތްކުރަން،" ރޮސްލާ ވިދާޅުވި އެވެ.
އެކްސްޕޯޓް ކުރާ މަހަށް ޓެރިފް ކެނޑުމުގެ އުއްމީދު
ހައި ކޮމިޝަނަރު ވިދާޅުވި ގޮތުގައި، ތައުލީމީ ދާއިރާއަށް އެ ލިބުނު ކުރިއެރުންތަކާއެކު، ވިޔަފާރީގެ ގޮތުން ވެސް ކުރިއެރުންތަކެއް ލިބުމުގެ އުއްމީދު އެކަމަނާގެ އެބަހުރި ކަމަށެވެ. އެގޮތުން ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކަށް އިނގިރޭސި ވިލަތާއި ޔޫރަޕްގައި ވެސް ބޮޑު މަގުބޫލުކަމެއް އެބަ އޮތް ކަމަށާއި، އަދި އެއަށް ނަގާ ޓެރިފްތައް ކަނޑާލެވުމުގެ އުއްމީދު ވެސް އެބަ އޮތް ކަމަށް ހައި ކޮމިޝަނަރު ވިދާޅުވި އެވެ.
"އުނދަގޫ މަސައްކަތެއް. އެކަމަކު ހަމަ އުއްމީދު އެބަ އޮތް އެކަން ކުރެވިދާނެ ކަމުގެ،" ރޮސްލާ ވިދާޅުވި އެވެ.
އިނގިރޭސި ވިލާތާއި ރާއްޖެއާ ދެމެދުގައި އިތުރު މަސައްކަތްތަކެއް ވެސް ކުރެވެމުންދާކަމަށް ހައި ކޮމިޝަނަރު ވިދާޅުވި އެވެ. އެގޮތުން ސަލާމަތީ ކަންކަމުގައި އެ ގައުމުގެ ކަމާބެހޭ ފަރާތްތަކާއި މާހިރުން ރާއްޖޭގައި ލަފާދިނުމުގައި ހަރަކާތްތެރިވަމުންދާކަމަށާއި، ރައްޔިތުންގެ މަޖިލީހުގައި ވެސް އެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށް ރޮސްލާ ވިދާޅުވި އެވެ.
"މަޖިލީހުގެ އިންކުރިއަރީތައް ހެދުމުގައި ވެސް އިނގިރޭސި ވިލާތުގެ ފަންނީ އެހީތެރިކަން ފޯރުކޮށްދީ މަސައްކަތްތަކެއް ކުރެވުނު. ހަމަ އެއާއެކު، ރާއްޖޭގައި ފެމިލީ ލޯގެ ދާއިރާއިން އެޓާނީ ޖެނެރަލްގެ އޮފީހާ އެކު މަސައްކަތްތަކެއް ކުރެވި، ފެމިލީ ލޯ ބިލުގެ ރިވިއުއެއް ކުރެވި، އެ ގާނުނުގެ ޑްރާފްޓެއް ވެސް ތައްޔާރުކުރެވުނު ޔޫއެންޑީޕީގެ އެހީތެރިކަމާއެކު،" ހައި ކޮމިޝަނަރު ރޮސްލާ ފާހަގަކުރެއްވި އެވެ.
މިކަންކަމުގެ އިތުރުން، މިފަހުން ރާއްޖޭގެ ފުލުހުންގެ ހިދުމަތަށް ތައާރަފްކުރެވުނު ޕޮލިސް ބޯޑާއި، އާ ގާނޫނާއި، ފުލުހުންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ރަނގަޅުކުރުމުގައި ވެސް އިނގިރޭސި ވިލާތުގެ ފަންނީ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދިންކަމަށް އެކަަމަނާ ވިދާޅުވި އެވެ.
ރާއްޖެއަކީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓަށް އޭގެ ސަބަބުން ކުރާ ނޭދެވޭ އަސަރުގެ ކަންކަމުގައި އެންމެ އިސްކޮށް ބަސްބުނާ އެއް ގައުމުކަމަށް ފާހަގަކުރައްވަމުން، ހައި ކޮމިޝަނަރު ރޮސްލާ ވިދާޅުވީ، އިނގިރޭސި ވިލާތުގެ ބްލޫ ޕްލެނެޓް ފަންޑު ޕްރޮގްރާމްގެ ތެރެއިން ރާއްޖެއަކީ އިނގިރޭސި އެހީތެރިކަން ފޯރުކޮށްދޭ ގައުމުތަކުގެ "ޕްރޮއޯރިޓީ ލިސްޓް" ގެ އެންމެ ކުރީގައި އޮތް އެއް ގައުމު ކަމަށެވެ.

އިނގިރޭސި ހައި ކޮމިޝަނަރު ކެރޮން ރޮސްލާ-- ފޮޓޯ: އިނގިރޭސި ހައި ކޮމިޝަން
"އެ ޕްރޮގްރާމްގެ ސަބަބުން ކަނޑުތައް ތަގައްޔަރުވުމުގައި, އަދި ކަނޑުގެ ހިމާޔަތްކޮށްފައިވަ ސަރަހައްދުތަކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތްތައް ވެސް ދެ ގައުމު ގުޅިގެން ކުރާނެ. އެގޮތުން މައިކްރޯޕްލާސްޓިކް ލެބެއް ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން، މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓްއާ ގުޅިގެން،" ހައި ކޮމިޝަނަރު ރޮސްލާ ވިދާޅުވި އެވެ.
އަދި ކޮޕް 26 ގައި ނިންމާ ނިންމުންތައް ތަންފީޒުކުރުމުގައި އަދި ރާއްޖެއިން ކަނޑައަޅާ ލަނޑުދަނޑިތަކަށް ވާސިލުކުރުވުމުގައި ވެސް އިނގިރޭސި ވިލާތުން ފުރިހަމައަށް އެއްބަރުލުން ދެއްވާނެކަމަށް ހައި ކޮމިޝަނަރު ވިދާޅުވި އެވެ.
ހައި ކޮމިޝަނަރު ރޮސްލާ ދެއްވީ، ރާއްޖެއާ އިނގިރޭސި ވިލާތާ ދެމެދުގައި އޮންނަ ގާތް ގުޅުން، ކުރިއަށް އޮތްތަނުގައި ވެސް އިތުރަށް ބަދަހިވެ، އެކި ދާއިރާތަކުން އެ ގައުމުގެ އެހީތެރިކަން ރާއްޖެއަށް ލިބޭނެ ކަމުގެ ޔަގީންކަމެވެ.
އަދި އެ ގައުމުގެ ބައެއް ފޮރިން ޕޯސްޓްތަކަށް ދޭ ބަޖެޓު ކުޑަކުރަމުން އައި ވަގުތެއްގައި ވެސް، ރާއްޖެއަށް ހާއްސަކޮށްފައިވާ ބަޖެޓް ދެ ގުނައާއި ތިން ގުނައަށް އިތުރުކުރުމަކީ، އިނގިރޭސި ސަރުކާރުން ރާއްޖެއަށް ދޭ އަހައްމިއްޔަތާއި، ގުޅުން ވަރުގަދަކުރަން ވިސްނާ ތަސައްވުރު ރަނގަޅަށް ދޭހަކޮށްދޭ ކަމެއް ކަމަށް ވިދާޅުވި އެވެ.













