ފުލުހުން ހިދުމަތުގެ ގާނޫނުގެ ދަށުން ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުން ފުލުހުންގެ އިދާރާ ވަކި ކުރި ނަމަވެސް ފުލުހުންގެ ކަންކަމުގައި އަދިވެސް ޖަވާބުދާރީވާންޖެހޭނީ ހޯމް މިނިސްޓަރު ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު މިއަދު ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ އާ ގާނޫނުގެ ދަށުން ވަކި މިނިސްޓްރީއެއްގެ ދަށުން ފުލުހުންގެ އިދާރާ ހިންގަންޖެހޭނެ ކަމަށް ބުނެފައިނުވާތީ ހޯމް މިނިސްޓްރީގެ ދަށުން އެ އިދާރާ ވަކި ކުރީ މިދިޔަ އަންގާރަ ދުވަހެވެ. އެގޮތަށް ނިންމައި ރައީސް އޮފީހުން ވަނީ ހޯމް މިނިސްޓްރީއަށް ސިޓީއެއް ވެސް ފޮނުވައިފަ އެވެ.
ނަމަވެސް ފުލުހުންގެ ކަންކަމާ ޒިންމާވާންޖެހޭ މިނިސްޓަރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައަޅުއްވާފައި ވަނީ އަދިވެސް ހޯމް މިނިސްޓަރު ކަމަށް ބަންޑާރަ ނައިބު ރިއްފަތު މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
"ގާނޫނު އަސާސީގެ 140 ވަނަ މާއްދާ އަދި 242 ވަނަ މާއްދާގައި ވަރަށް ސާފުކޮށް ބުނޭ ސަލާމަތީ ހިދުމަތްތައް ހިނގަން ޖެހޭނީ ވަޒީރެއްގެ ބެލުމުގެ ދަށުންނޭ. އަދި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ 68 ވަނަ މާއްޗާގެ ހ. ގައި މި ބުނަނީ ފުލުހުންގެ ހިދުމަތް ދިނުމުގެ އެންމެހައި ކަންކަމުގެ ޒިންމާ ސަރުކާރުގެ ފަރާތުން އުފުލާ އެންމެ އިސްފަރާތަކީ ވަޒީރު ކަމަށް. ފުލުހުންގެ ހިދުމަތާ ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ ވަޒީރޭ. އެކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި ވަޒީރަކީ ހޯމް މިނިސްޓަރު،" ރިއްފަތު ވިދާޅުވި އެވެ.
އޭގެ އިތުރުން ބަންޑާރަ ނައިބު ވިދާޅުވީ ގާނޫނުގެ ދަށުން ފުލުހުންގެ ފަރާތުން އަދިވެސް ރައްޔިތުންގެ މަޖިލީހަށް ވެސް ޖަވާބުދާރީވާނީ ހޯމް މިނިސްޓަރު ކަމަށެވެ.

އެކަމާ ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒްއާ ސުވާލު ކުރުމުން މިހާތަނަށް އެއްވެސް ޖަވާބެއް ނުދެ އެވެ.
ފުލުހުންގެ ކުރީގެ ގާނޫނުގެ ދަށުން ފުލުހުންގެ އިދާރާ ހިންގަންޖެހޭނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިނިސްޓްރީއެއްގެ ދަށުންނެވެ. ނަމަވެސް މިހާރު އަމަލު ކުރަމުންދާ ގާނޫނުގައި އެގޮތަށް ކަނޑައަޅާފައެއް ނުވެ އެވެ. އެކަމަކު ގާނޫނުގެ ދަށުން ޕޮލިސް ކޮމިޝަނަރު މިނިސްޓަރަށް އަދި ވެސް ޖަވާބުދާރީވާންޖެހެ އެވެ.












