ކޮވިޑް-19 އާ ދެކޮޅަށް ކޮވިޝީލްޑާއި ފައިޒާ ވެކްސިންގެ ދެ ޑޯޒު ޖަހާފައި ތިބި މީހުން އިނގިރޭސިވިލާތަށް ދަތުރު ކުރާއިރު ކަރަންޓީނުވާން ނުޖެހޭ ގޮތަށް އެ ގައުމުން ކަނޑައަޅައިފި އެވެ.
ރާއްޖޭގައި ކޮވިޑް-19 އާ ދެކޮޅަށް ޖަހާފައި ވަނީ އެސްޓްރާޒެނެކާގެ ވެކްސިނުގެ ބްލޫ ޕްރިންޓަށް އިންޑިޔާއިން އުފެއްދި ކޮވިޝީލްޑާއި ފައިޒާ ވެކްސިން އަދި ޗައިނާއިން އުފެއްދި ސައިނޮފާމް ވެކްސިނެވެ. ނަމަވެސް ސައިނޮފާމް ވެކްސިން އިނގިރޭސިވިލާތުގެ ސަރުކާރުން ބަލައިގަންނަ ވެކްސިން ޕްރޮގްރާމްތަކުގެ ތެރެއަކު ނުހިމެނެ އެވެ.
އިނގިރޭސިވިލާތުން މިގޮތަށް ނިންމީ ކޮވިޑްގެ ބަލިމަޑުކަމާ ހެދި އެގައުމުގެ ދަތުރުފަތުރުކުރުމުގެ އުސޫލުތަކަށާއި ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އެގައުމަށް އެތެރެވުމުގައި ދޭ ލުއިތަކުގެ އުސޫލަށް ގެނައި ބަދަލުތަކުގެ ތެރެއިންނެވެ.
އެގޮތުން ޖުމްލަ 30 ގައުމެއްގެ ވެކްސިން ޕްރޮގްރާމްގެ ދަށުން އިނގިރޭސިވިލާތުން ގަބޫލުކުރާ ކޮވިޑް ވެކްސިނެއް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ކަރަންޓީނާ ނުލާ އޮކްޓޯބަރު 11، އިން ފެށިގެން އިނގިރޭސިވިލާތަށް ދަތުރުކުރެވޭނެ ގޮތަށް އުސޫލަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.
ކޮވިޝީލްޑްއަކީ އިންޑިއާގެ ސިރަމް އިންސްޓިޓިއުޓްއިން އެސްޓްރާޒެނެކާގެ ލައިސަންސްގެ ދަށުން އުފައްދާ އޮކްސްފޯޑް އެސްޓްރާޒެނެކާ ވެކްސިނަށް ދީފައިވާ ނަމެވެ. ރާއްޖޭގައި ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް ދެވަނަ ޑޯޒެއްގެ ގޮތުގައި އެސްޓްރާޒެނެކާ ވެކްސިން ވެސް ވަނީ ދީފަ އެވެ.

ކޮވިޑާ ހެދި އިނގިރޭސިވިލާތުން ވަނީ ގިނަ ގައުމުތަކަކުން އެގައުމަށް ދަތުރުކުރާ ފަރާތްތައް ކަރަންޓީނުވާން ޖެހޭ ގޮތަށް އެގައުމުގެ ރެޑް ލިސްޓު އެކުލަވާލައި އުސޫލު ބަދަލުކޮށްފަ އެވެ. އެ ލިސްޓުގައި ރާއްޖެ ވެސް ވަނީ ގިނަ ދުވަސްތަކެއް ހޭދަކޮށްފަ އެވެ.
އެހެންނަމަވެސް ރާއްޖެ ހިމެނޭހެން، މިހާރު ދުނިޔޭގެ ގިނަ ގައުމުތަކުގައި ކޮވިޑުގެ ހާލަތު ރަނގަޅުވެފައިވާތީވެ، އެ ލިސްޓުން ޖުމްލަ 47 ގައުމު ނެގުމަށް އިނގިރޭސިވިލާތުން ވަނީ މިފަހުން ނިންމައިފަ އެވެ. މިހާރު އެ ލިސްޓުގައި ހަތް ގައުމު ބާކީ އޮތްއިރު އޭގެ ތެރޭގައި ހިމެނެނީ ޕެނަމާ، ޕެރޫ، ވެނެޒުއޭލާ އަދި ކޮލޮމްބިއާ ފަދަ ގައުމުތަކެވެ.













