ކޮރަޕްޝަނާއި ނުފޫޒު ބޭނުންކޮށްގެން 68 މިލިއަން ރުފިޔާގެ ބިޔަ ޕްރޮޖެކްޓެއް ބަޔަކާ ހަވާލު ކުރި ކަމަށް ބުނާ މައްސަލައިގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ބިޑު ކޮމެޓީގެ މެމްބަރުންނަށް ދައުވާކޮށްދިނުމަށް ހިޔާނާތް ބަލާ ކޮމިޝަނުން އެދުނު ނަމަވެސް, އެ މުވައްޒަފުންނާމެދު ފިޔަވަޅު އަޅާނީ ޖިނާއީ ދައުވާއެއް ކުރުމާމެދު ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ގޮތެއް ނިންމެވުމުން ކަމަށް ސަރުކާރުން ބުނެފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، އެފަދަ މައްސަލަތަކުގައި މުވައްޒަފުންނަށް ފިޔަވަޅު އެޅުން ލަސް ކުރީ، ދައުވާ ކުރުމާމެދު ގޮތެއް ނިންމުމަށް ބައެއް މައްސަލަތަކުގައި ޕީޖީ ގިނަ ދުވަސް ނަންގަވާތީ ކަމަށެވެ.
"މިހާރު އާންމު އުސޫލެއްގެ ގޮތުން ފިޔަވަޅު އެޅުމާމެދު އަމަލު ކުރުމަށް ނިންމާފައި ވަނީ ޕީޖީ ގޮތެއް ނިންމެވުމުން. އެއީ ޕީޖީއަށް ފޮނުވުމުން ގޮތެއް ނިންމެވުމާމެދު ބައެއް ފަހަރު ވަރަށް ގިނަ ދުވަސް ފާއިތުވެގެންދާތީ،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ބޭނުން ކުރާ ހުރިހާ ވެހިކަލެއްގެ ނަމްބަރު ބޯޑު މެޝިނުން ރީޑު ކުރެވޭ ގޮތް ހެދުމަށް ހުޅުވާލުމުން އެއް ވަނައަށް ދިޔަ ޕާޓީގެ ބިޑު ކެންސަލްކޮށް ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑު ނަމަކަށް ކިޔާ ކުންފުންޏަށް ބިޑު ހަވާލު ކުރީ ކޮރަޕްޝަން މަގުފަހިވާ ގޮތަށް ކަމަށް ބުނެ ބިޑު ކޮމެޓީގެ ހަ މެމްބަރުންނަށް ދައުވާ ކުރުމަށް އެދި ޕީޖީ އޮފީހަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން މައްސަލަ ފޮނުވީ މިދިޔަ ހޯމަ ދުވަހެވެ.
އެ މައްސަލައިގައި ދައުވާ ކުރުމަށް އެދިފައި ވަނީ ބިޑު ކޮމެޓީގެ މެމްބަރުން ކަމަށްވާ ޝިމާޒު އަލީ އާއި ހަމަދު އަބްދުލްގަނީ އާއި އަލީ އިކްރާމާއި މުހައްމަދު ނިޒާރު އާދަމާއި މަރްޔަމް ސަމާހަތު އަދި މަރްޔަމް ތަސްލީމާގެ މައްޗަށެވެ. އޭގެ ތެރެއިން ޝިމާޒާއި ހަމަދަކީ އެ އިދާރާގެ ޑެޕިއުޓީ މިނިސްޓަރުންނެވެ.

އެ މައްސަލައިގައި މަބްރޫކް ވިދާޅުވީ ދައުވާ ކުރުމުގެ މަރުހަލާގައި އޮންނަ މައްސަލަތަކުގައި ހިމެނެ މުވައްޒަފުންނާމެދު ފިޔަވަޅު އެޅުން ލަސް ކުރި ނަމަވެސް ބާވަތަށާއި ހާލަތަށް ބަލައި އެ ނޫން މިންގަނޑަކުން ވެސް ސަރުކާރުން އަމަލުކޮށްފާނެ ކަމަށެވެ.
ވަސާޖިއޯއަށް ބިޑު ދީފައި ވަނީ ކުރިމަތި ތިން ކުންފުނީގެ ތެރެއިން ދެ ވަނައަށް ދިޔަ ނަމަވެސް އެއް ބަނަ ލިބުނު ކުންފުނީގެ ބިޑު ބާތިލުކޮށްގެނެވެ. އަދި އެ ކުންފުނީގެ ބިޑު ބާތިލުކޮށްފައި ވަނީ ޑޮކިއުމެންޓެއް ހުށަނާޅައިގެން ކަމަށް ޓްރާންސްޕޯޓުން އުޒުރު ދެއްކި ނަމަވެސް އެއީ ހުށަހަޅަންޖެހޭ ލިޔުމެއް ނޫން ކަމަށް އޭސީސީ ބުނެފައިވެ އެވެ.
"ވުމާއެކު، އިއުލާނާއެކު އާންމުކޮށްފައިވާ މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައި ނުވާ ކަންތައްތަކަކަށް ބަލައި، އިވެލުއޭޝަނުން ދެވަނައަށް ދިޔަ ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑަށް އެ ބިޑު އެވޯޑުކޮށްފައި ވަނީ އެފަރާތަށް ލިބެން ނުޖެހޭ ނާޖާއިޒު މަންފާއެއް ހޯދައިދިނުގެ މަގުސަދުގައިކަން ތަހުގީގަށް ސާބިތުވޭ،" އެ ބަޔާނުގައިވެ އެވެ.
ވަސާޖިއޯގެ އެއްބަސްވުން އުވާލުމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ނިންމީ ބަންޑާރަ ނައިބުގެ އޮފީހާއި އޭސީސީން ވެސް އެކަން ކުރަން ބުނެފަ އޮއްވަ އެވެ. އެގްރިމެންޓުގައި ސޮއިކޮށް މަސައްކަތް ހަވާލުކޮށްފައި ނުވާތީ ރައްޔިތުންގެ މަޖިލީހަށް ވެސް އެ މައްސަލަ މީގެ ކުރިން ހުށަހެޅި އެވެ.













