ރާއްޖޭގައި ބޭނުން ކުރާ ހުރިހާ އުޅަނދެއްގައި މިހާރު ބޭނުން ކުރާ ނަމްބަރު ބޯޑުގެ ބަދަލުގައި މެޝިނުން ރީޑު ކުރެވޭ ނަމްބަރު ބޯޑު ހެދުމަށް ކޮރަޕްޝަނުން ވަކި ކުންފުންޏަކަށް ދިން މައްސަލައިގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ހަ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އެދެފި އެވެ.
އޭސީސީގެ ފަރާތުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދައުވާކޮށްދިނުމަށް އެދުނީ ބިޑު ކޮމެޓީގެ މެމްބަރުން ކަމަށްވާ ޝިމާޒު އަލީ އާއި ހަމަދު އަބްދުލްގަނީ އާއި އަލީ އިކްރާމާއި މުހައްމަދު ނިޒާރު އާދަމާއި މަރްޔަމް ސަމާހަތު އަދި މަރްޔަމް ތަސްލީމާގެ މައްޗަށެވެ.
އޭގެ ތެރެއިން ޝިމާޒާއި ހަމަދަކީ އެ އިދާރާގެ ޑެޕިއުޓީ މިނިސްޓަރުންނެވެ.
އެ ހަ މީހުންގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވުމަށްފަހު އޭސީސީ އިން ބުނެފައި ވަނީ ނަމްބަރު ބޯޑު ބަދަލު ކުރުމުގެ މަސައްކަތް އެ މީހުންގެ ނުފޫޒުން ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށް ދީފައިވާ ކަމަށެވެ.
ވަސާޖިއޯއަށް ބިޑު ދީފައި ވަނީ ކުރިމަތި ތިން ކުންފުނީގެ ތެރެއިން ދެ ވަނައަށް ދިޔަ ނަމަވެސް އެއް ބަނަ ލިބުނު ކުންފުނީގެ ބިޑު ބާތިލުކޮށްގެނެވެ. އަދި އެ ކުންފުނީގެ ބިޑު ބާތިލުކޮށްފައި ވަނީ ޑޮކިއުމެންޓެއް ހުށަނާޅައިގެން ކަމަށް ޓްރާންސްޕޯޓުން އުޒުރު ދެއްކި ނަމަވެސް އެއީ ހުށަހަޅަންޖެހޭ ލިޔުމެއް ނޫން ކަމަށް އޭސީސީ ބުނެފައިވެ އެވެ.

ބިޑު އެވޯޑް ކުރުމުގައި ވަސާޖިއޯގެ ފަރާތުން ހުށަހެޅި ސާމްޕަލް ނަމްބަރު ބޯޑު ވަރުގަދަ ކަމަށް ބުނެ އިތުރަށް މާކްސް ދީފައިވާ ކަމަށް އޭސީސީން ބުނެ އެވެ. އެކަމަކު ހުށަހަޅަންޖެހޭ ސާމްޕަލް ބޯޑުގެ ކޮލިޓީ ކުރީބައިގައި ޓްރާންސްޕޯޓުން ބުނެފައިނުވާ ކަމަށް ވެސް އޭސީސީއިން ބުނެ އެވެ.
"ވުމާއެކު، އިއުލާނާއެކު އާންމުކޮށްފައިވާ މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައި ނުވާ ކަންތައްތަކަކަށް ބަލައި، އިވެލުއޭޝަނުން ދެވަނައަށް ދިޔަ ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑަށް އެ ބިޑު އެވޯޑުކޮށްފައި ވަނީ އެފަރާތަށް ލިބެން ނުޖެހޭ ނާޖާއިޒު މަންފާއެއް ހޯދައިދިނުގެ މަގުސަދުގައިކަން ތަހުގީގަށް ސާބިތުވޭ،" އެ ބަޔާނުގައިވެ އެވެ.
ވަސާޖިއޯގެ އެއްބަސްވުން އުވާލުމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ނިންމީ ބަންޑާރަ ނައިބުގެ އޮފީހާއި އޭސީސީން ވެސް އެކަން ކުރަން ބުނެފަ އޮއްވަ އެވެ. އެގްރިމެންޓުގައި ސޮއިކޮށް މަސައްކަތް ހަވާލުކޮށްފައި ނުވާތީ ރައްޔިތުންގެ މަޖިލީހަށް ވެސް އެ މައްސަލަ މީގެ ކުރިން ހުށަހެޅި އެވެ.












